ދީޕިކާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފި

ރަންވީރު އާއި ދީޕިކާ އަލަތު ދަރިފުޅު ދުއާއާ އެކު--ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ ހިންދީ ސިނަމާގެ މަގުބޫލު ބަތަލާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ވަނީ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފައެވެ. ފުރަތަމަ ދަރިފުޅު ދުޢާ އަށް ފަހު ދީޕިކާގެ ދިރިއުޅުމުގެ އިސްކަންދޭ ކަންތައްތަކަށް ބަދަލު އައިސްފައިވާއިރު، އޭނާ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ އާއިލާއަށެވެ. އަދި ފިލްމީ މަސައްކަތްތަކަށް ދޭ ވަގުތު ކުޑަކުރުމުގެ ސަބަބުން ބައެއް ފިލްމުތައް ވެސް ވަނީ ގެއްލިފައެވެ.

  • ދީޕިކާ އާއި ރަންވީރު ދެވަނަ ދަރިފުޅަށް ބަލިވެއިންކަން ހާމަކުރުން.
  • ދޮށީ ދަރިފުޅު ދުޢާ ޕްރެގްނަންސީ ޓެސްޓު ކިޓެއް ހިފައިގެން ހުންނަ ފޮޓޯއެއް އާންމުކުރުން.
  • މައިވަންތަކަމާއެކު ދީޕިކާގެ ދިރިއުޅުމުގެ އަމާޒުތަކަށް ބޮޑު ބަދަލެއް އައުން.
  • ފިލްމީ މަސައްކަތްކުރާ ވަގުތު ކުޑަކުރުމުގެ ސަބަބުން ބޮޑެތި ޕްރޮޖެކްޓްތަކެއް ގެއްލުން.

އިންޑިއާގެ ހިންދީ ސިނަމާގެ އެންމެ މަގުބޫލު ބަތަލާ ދީޕިކާ ޕަދުކޯން ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފިއެވެ.

މި އުފާވެރި ޚަބަރު ސަޕޯޓަރުންނާ ހިއްސާކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ދީޕިކާ އާއި ފިރިމީހާ އަދި އެކްޓަރު ރަންވީރު ސިންގްގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށެވެ. އެ ޕޯސްޓުގައި ހިމެނޭ ފޮޓޯއިން ފެންނަނީ އެމީހުންގެ ދޮށީ ދަރިފުޅު ދުޢާ، ޕްރެގްނަންސީ ޓެސްޓު ކިޓެއް ހިފަހައްޓައިގެން ހުންނަ މަންޒަރެވެ.

މި ހަބަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން ދެ ތަރިންނަށް ސަޕޯޓުކުރާ ގިނަބަޔަކު ވަނީ މަރުހަބާ އާއި ހެޔޮއެދުންތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ފިލްމީ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން، ރަންވީރު ސިންގް އަދި ދެ ތަރިންގެ ދަރިފުޅު ދުއާ--ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު 'ސްޓާ ކަޕްލް'ގެ ގޮތުގައި މަޝްހޫރުވެފައިވާ ރަންވީރު އާއި ދީޕިކާގެ ލޯބީގެ ވާހަކަ ފެށުނީ 2013 ވަނަ އަހަރު ފިލްމު "ގޮލިޔޯން ކީ ރާސްލީލާ ރާމް-ލީލާ"ގެ ސެޓުގެ ތެރެއިންނެވެ. ދެ މީހުންގެ ލޯބީގެ ގުޅުން އަހަރުތަކެއް ވަންދެން ސިއްރެއްގެ ގޮތުގައި ބޭއްވުމަށްފަހު ދީޕިކާ އާއި ކައިވެނިކުރަން ރަންވީރު ޕްރޮޕޯސްކުރީ ދިވެހިރާއްޖެއަށް ކުރި ޗުއްޓީ ދަތުރެއްގައިކަން ފަހުން ވަނީ ހާމަކޮށްފައެވެ.

މި ދެ ތަރިންގެ ކައިވެނި ކުރެވުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އިޓަލީގެ ލޭކް ކޯމޯގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު ދުޢާ އުފަންވީ ސެޕްޓެމްބަރު، 8، 2024 ގައެވެ.

ދާދިފަހުން ބޭއްވި "ވޭވްސް 2025" ސަމިޓުގައި ވާހަކަދައްކަމުން ދީޕިކާ ބުނެފައި ވަނީ، ކުއްޖަކު ލިބުމުން އޭނާގެ ދިރިއުޅުމުގެ އިސްކަންދޭ ކަންކަމަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. ކުރިން އަމިއްލަ ކެރިއަރާއި ކާމިޔާބީއަށް ހުރިހާ ސަމާލުކަމެއް ދިން ނަމަވެސް، މިހާރު އޭނާގެ މުޅި ދިރިއުޅުން ބިނާވެފައި ވަނީ ދަރިފުޅު ދުއާއަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ދީޕިކާ ބުނީ، އޭނާގެ ދަރިފުޅު ބޮޑުކުރަން ބޭނުންވަނީ ފިލްމީ ދާއިރާގެ މަޝްހޫރުކަމާއި މީޑިއާގެ ސަމާލުކަމާ ދުރުގައި، އާދައިގެ ރައްކާތެރި މާހައުލެއްގައި ކަމަށެވެ. އަދި އޭނާގެ އަމިއްލަ މަންމަގެ ފަރާތުން ލިބިފައިވާ ރީތި އަޚުލާގާއި ސިފަތައް ދަރިފުޅަށް ދަސްކޮށްދިނުމަކީ އޭނާގެ އަމާޒެއް ކަމަށްވެސް ބުންޏެވެ.

ދީޕިކާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކުރިއިރު ބަތަލާ އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ޝާހްރުކް ޚާންއާ އެކު ކުޅޭ ފިލްމު "ކިންގް" އަދި ޑައިރެކްޓަރު އެޓުލީގެ ފިލްމު "ރާކާ"އެވެ.

ދަރިފުޅު ދުއާ ލިބުމަށްފަހު ބަތަލާ ވަނީ ފިލްމުތަކުގައި މަސައްކަތްކުރުމަށް ހޭދަކުރާ ވަގުތު ކުޑަކޮށް އަށް ގަޑިއިރު މަސައްކަތް ކުރުމަށް ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ދީޕިކާގެ އަތުން ބައެއް ބޮޑެތި ފިލްމު ޕްރޮޖެކްޓްތައް ގެއްލިފައިވާއިރު އޭގެތެރޭގައި ފިލްމު "ކަލްކީ"ގެ ސީކުއަލް އަދި ޑައިރެކްޓަރު ސަންދީޕް ރެޑީގެ ފިލްމު "ސްޕިރިޓް" ހިމެނެއެވެ.

comment ކޮމެންޓް