ޑައިމަންޑް ޖުބިލީ 2026: ރާއްޖެ ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު އަފްޣާނިސްތާން ހޯދައިފި

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެއާއި އަފްޢާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފުރަތަމަ މެޗުން އަފްޣާނިސްތާނުން ރާއްޖެ ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗު އަފްޣާނިސްތާން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 80 ވަނަ މިނިޓުގައެވެ. މި ލަނޑު ރާއްޖޭގެ ކޮޅަށް ވައްދާލީ އަފްޣާނިސްތާނުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޯމަން ފާޒީ އެވެ. ރާއްޖޭގެ އޭރިއާ ތެރެއަށް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑިފެންޑަރުން އަތުން ދޫވި ބޯޅަ ލިބުމާއެކު، ނޯވޭގެ ހަތަރުވަނަ ޑިވިޝަނުގައި ކުޅޭ ފާޒީ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލާފައެވެ.

އަފްޣާނިސްތާން ލަނޑު ޖެހުމާއެކު ރާއްޖޭން ވަނީ ފަހު ބަދަލެއްގެ ގޮތުގައި ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވާފައެވެ.

މިރޭގެ މެޗުގައި ރާއްޖޭގެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އަނިޔާގެ ސަބަބުން ކެޕްޓަން ސަމޫހު އަލީއަށް މި މުބާރާތުގައި ނުކުޅެވޭއިރު، ރާއްޖޭގެ ސެންޓްރަލް ޑިފެންސް ބެލެހެއްޓީ އަލަށް އެކުގައި ކުޅުނު އަމްދާން އަލީ އާއި ހަސަން އީނާޒެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ އަހުޒަމް ރަޝީދާއި އިބްރާހިމް އައިސަމް އޭރިއާ ބޭރުން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް، އެ ބޯޅަތައް ގޯލަށް ވަދެފައެއް ނުވެއެވެ.

މިއީ ރާއްޖެ އަތުން އަފްގާނިސްތާނަށް ޖެހިޖެހިގެން ލިބުނު ތިންވަނަ މޮޅެވެ. މީގެ ކުރިން 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2017 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗަކުން ވެސް އަފްގާނިސްތާނުން ވަނީ ރާއްޖެ ބަލިކޮށްފައެވެ.

ރޭގެ މެޗަކީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕަށް ފަހު މި ދެ ޓީމު ރާއްޖޭގައި ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ބަންގްލަދޭޝް އާއި ޕާކިސްތާން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު، އަންނަ ބުރާސްފަތި ދުވަހު ހަވީރު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި އެރޭ އަފްގާނިސްތާން ބައްދަލުކުރާނީ ޕާކިސްތާނާއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު އަފްޣާނިސްތާނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު 80 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޯމަން ފާޒީއެވެ. މިއީ ދިވެހިރާއްޖޭގެ އަތުން އަފްޣާނިސްތާނަށް ޖެހިޖެހިގެން ލިބުނު ތިންވަނަ ކާމިޔާބީއެވެ. އަނިޔާގެ ސަބަބުން ކެޕްޓަން ސަމޫހު އަލީއަށް ނުކުޅެވޭތީ، މި މެޗުގައި ރާއްޖޭގެ ކެޕްޓަންކަން ކުރީ ހަމްޒާ މުހައްމަދެވެ.

  • މެޗުގެ ހަމައެކަނި ލަނޑު 80 ވަނަ މިނިޓުގައި ޖަހައިދިނީ އަފްޣާނިސްތާނުގެ ރޯމަން ފާޒީއެވެ.
  • ރާއްޖޭގެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ހަމްޒާ މުހައްމަދެވެ.
  • ބަންގްލަދޭޝް އަދި ޕާކިސްތާން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
  • އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
comment ކޮމެންޓް