ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ބައިގައި އިންދަނީ ދިވެހި ރުއް

ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދިބައިގައި ދިވެހި ރުއް އިންދަނީ-- ފޮޓޯ: އިބްރާހީމް ޝުޖާއު

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަލަށް ހެދި ބައިގައި ދިވެހި ރުއް އިންދަން ފަށައިފިއެވެ.

ސަރުކާރުން ބުނި ގޮތުގައި، މި ސަރަހައްދުގައި ދިވެހި ރުއް އިންދަނީ މާލެ ފެހިކޮށް، އާންމުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ސަރަހައްދު ބަދަލުކުރުމަށެވެ. ރުކުގެ އިތުރުން ހިޔާ ދޭ ގިނަ އަދަދެއްގެ ގަސްތަކެއް ވެސް ވަނީ އެ ސަރަހައްދުގައި އިންދައިފައެވެ.

ބޮޑުތަކުރުފާނު މަގުގައި ދިވެހި ރުއް އިންދަން ފަށާފައިވާއިރު، މީގެ ކުރިން މާލޭގައި ކަދުރު ރުއް އިންދުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު، މާލެ ފެހިކުރުމުގެ ނަމުގައި ކުރިއަށްގެންދިޔަ "އެއް ލައްކަ ގަސް" ޕްރޮގްރާމުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި ގިނަ އަދަދެއްގެ ކަދުރު ރުއް އިންދިއެވެ.

ނަމަވެސް، ރާއްޖޭގެ މާހައުލާ ނުގުޅޭ ގަހެއް އިންދުމުން ގިނަ ރުއްތައް މަރުވެފައިވާކަން ތިމާވެށީގެ ތަޖުރިބާކާރުންނާއި އާންމުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ރާއްޖޭގެ ބިންގަނޑަކީ ކަދުރު ރުއް ހެދުމަށް އެކަށީގެންވާ ބިންގަނޑެއް ނޫން ކަމަށާއި، އެ ރުއްތައް އިންދުމަށް ބޮޑު ހޭދައެއް ކުރުމަކީ އިސްރާފެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރި ގޮތުގައި، ކަދުރު ރުކަކީ ރާއްޖޭގެ ލޮނުގަނޑާއި އަވީގައި ހެދިބޮޑުވުމަށް އުނދަގޫ ގަހެކެވެ. އޭގެ ބަދަލުގައި ދިވެހި ރުކަކީ ރާއްޖޭގެ މާހައުލާ ގުޅޭ، ހިޔާބޮޑު އަދި ބަލަހައްޓަން ފަސޭހަ ގަހެއްކަން އެ ފަރާތްތަކުން ފާހަގަކުރިއެވެ.

ހަމައެއާއެކު، ދާދި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ސަރަހައްދު ޒީނަތްތެރިކުރުމަށް ވެސް ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއް އިންދުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ގިނަ މީހުން ބުނި ގޮތުގައި، ރާއްޖޭގެ މައި ދޮރާށިން ފަތުރުވެރިންނަށް ފެންނަންވާނީ ދިވެހިވަންތަ ސިފަތަކާއި ރާއްޖޭގެ ރީތިކަން ރަމްޒުކޮށްދޭ ދިވެހި ރުކެވެ. އެއާޕޯޓަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށް އެންމެ ފުރަތަމަ ފެންނާނެ މަންޒަރު ކަމަށްވާއިރު، އެ ތަނުގައި ބޭރު ގައުމުތަކުގެ ސިފަތައް ދައްކުވައިދޭ ގަސްތައް ހުރުމަކީ ރާއްޖޭގެ އައިޑެންޓިޓީ ގެއްލޭނެ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މަޝްރޫއުގެ މަސައްކަތްތައް ދަނީ ވަރަށް ބާރަށް ކުރިއަށެވެ. އެގޮތުން، މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

މީގެ އިތުރުން، މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ ސެގްމެންޓުގެ ޕާކިން ޒޯނާއި ދުވާރު ހެދުމުގެ މަސައްކަތް ވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބާކީ ހުރި ފިނިޝިން މަސައްކަތްތައް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްޓީސީސީން ހާމަކުރިއެވެ.

މިހާރު ކުރިއަށްދަނީ ޕާކިން ޒޯނުގެ ނިޝާންތައް ކުރެހުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތްތައް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ތާވަލުކޮށްފައިވާއިރު، މިއާއެކު މުޅި މަޝްރޫއު އެއްކޮށް ނިމުމަކާ ގާތްވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމާއި، ފެންހިންދާ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގެ މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައް ނިންމައި، މި މަހުގެ ނިޔަލަށް މަގު އެއްކޮށް އާންމުންނަށް ހުޅުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް