މާލޭ ހައި އިން ހުށަހެޅި މައްސަލައިގައި މީރާ ނުހިމަނަން ނިންމައިފި

މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު:

މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން މީރާއަށް ރައްދުވާ ގޮތަށް ހައިކޯޓުގައި އިސްތިއުނާފު ކުރި، ރަޖިސްޓްރާގެ ނިންމުމާ ގުޅޭ މައްސަލައެއް، މީރާ ނުހިމަނައި ކުރިއަށް ގެންދަން ހައިކޯޓުން ނިންމައިފިއެވެ.

މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެއް ބަލައިނުގަންނަން އެ ޓްރައިބިއުނަލްގެ ރަޖިސްޓްރާ އަދި މެންބަރުންގެ މަޖިލީހުން ނިންމީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ދައްކަންޖެހޭ 25 އިންސައްތަ ފައިސާ ދައްކާފައިނުވާތީއެވެ. ހައިކޯޓަށް މާލޭ ހައިގެ ފަރާތުން ހުށަހެޅީ މި މައްސަލަ އިސްތިއުނާފު ކުރުމަށެވެ.

މީރާއަށް ރައްދުވާ ގޮތަށް ހުށަހެޅި މި މައްސަލައާ ގުޅިގެން، މީރާއިން އިޖުރާއީ އިޢުތިރާޟެއް ހުށަހަޅައި ބުނެފައިވަނީ، މި މައްސަލައަކީ ޓްރައިބިއުނަލުން މައްސަލަ ބަލައިގަތުމާމެދު ނިންމި އިދާރީ، އިޖުރާއީ ނިންމުމެއްގެ އިސްތިއުނާފަކަށްވެފައި، މީރާގެ މައުޟޫޢީ ނިންމުމަކާ ގުޅޭ މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން މީރާއަށް އިސްތިއުނާފު ރައްދުކުރި ކުރުން ބާތިލުކޮށްދިނުމަށް އެދުނެވެ.

އެކަމާ ގުޅިގެން ހައިކޯޓުން މިއަދު ނިންމީ، މި މަރުހަލާގައި މީރާ ނުހިމަނައި މައްސަލަ ކުރިއަށް ގެންދާށެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވީ، މިއީ ހަމައެކަނި ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުމުގެ ޤާނޫނީ ޞައްޙަކަމާމެދު ބަހުސްކުރެވޭ މައްސަލައަކަށްވެފައި، މީރާގެ މައުޟޫޢީ ޙައްޤަކާ ނުވަތަ އިލްތިޒާމަކާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ.

ކޯޓަށް ލިބިގެންވާ ޚަޞްމުން އުނިކުރުމުގެ ބާރުގެ ދަށުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި މީރާ ހިމަނާފައި އޮތްއޮތުން އުނިކޮށް، އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ ކަނޑައަޅައިފައެވެ. މި ގޮތަށް ނިންމީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޙުސައިން މަޒީދު އަދި ފަނޑިޔާރު އިބްރާހީމް މާހިރު ހިމެނޭ ބެންޗަކުންނެވެ.

comment ކޮމެންޓް