އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ރަޝްމިކާ މަންދަންނާ އަދި ވިޖޭ ދެވެރަކޮންޑާ މައިގަނޑު ރޯލްތަކުން ފެންނާނެ ފިލްމު "ރަނާބާލީ" މި އަހަރުގެ އޮކްޓޫބަރު މަހު ސިނަމާތަކަށް ގެންނަން ނިންމިކަން އިއުލާނުކޮށްފިއެވެ.
ދެކުނު އިންޑިއާގެ އެންމެ މަގުބޫލު އެއް ފިލްމީ ޖޯޑު ކަމަށްވާ ރަޝްމިކާ އާއި ވިޖޭ އެކީގައި މަސައްކަތްކުރާ މި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚު އިއުލާނުކޮށްފައި މިވަނީ ފިލްމު ރިލީޒްކުރުން ފަސްކުރިކަން އިއުލާނުކުރިތާ މާގިނަ ދުވަސް ނުވަނީހެވެ.
މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ތާވަލުކުރީ މި ފެށޭ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހަށެވެ. ނަމަވެސް ބަތަލާ ރަޝްމިކާ ފިލްމީ މަސައްކަތެއްގައި އުޅެނިކޮށް އުނަގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ފިލްމު ރިލީޒްކުރުން ވަނީ އޮކްޓޫބަރަށް ފަސްކޮށްފައެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ، ތާރީޚުގެ އެންމެ ކަޅު ސަފުހާ ހުޅުވޭނީ މި އޮކްޓޫބަރު މަހު ކަމަށާއި، "ރަނަބާލީ" ރިލީޒްކުރާނީ 16 އޮކްޓޫބަރު 2026ގައި ކަމަށެވެ.

ފިލްމު "ރަނަބާލީ"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއާޓުޑޭ
މިއީ "ގީތާ ގޯވިންދަމް" އަދި "ޑިއަ ކޮމްރޭޑް" ފަދަ ކާމިޔާބު ފިލްމުތަކަށްފަހު، ވިޖޭ އާއި ރަޝްމިކާ އެކުގައި ފެންނަ އެންމެ ފަހުގެ ފިލްމެވެ. އަދި މިއީ ދެ ތަރިންގެ ކައިވެންޏަށްފަހު ބެލުންތެރިންނަށް މި ދެ ތަރިން ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމުވެސްމެއެވެ.
މީގެ ކުރިން މި ދެ ތަރިން ކުޅެފައިވާ ލޯބީގެ ފިލްމުތަކާ ޚިލާފަށް، "ރަނަބާލީ" އަކީ ތާރީޚީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެޕިކް ޑްރާމާއެކެވެ. ފިލްމުގެ ވާހަކަ ސިއްރުކޮށްފައިވީ ނަމަވެސް، މިއީ ހައްގާއި ބާތިލުގެ މެދުގައި ހިނގާ ކުރިމަތިލުންތަކެއް ދައްކުވައިދޭ ފިލްމެއްކަން ވަނީ ހާމަކޮށްފައެވެ.
މައިތުރީ މޫވީ މޭކާސްއިން އުފައްދާ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ އަޖޭ-އަތުލްއެވެ. ރަޝްމިކާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ހިންދީ ފިލްމު "ކޮކްޓެއިލް 2"އިންނެވެ.