އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު އަދި ލަވަކިޔުންތެރިޔާ އަމާލް މަލިކް، މިއުޒިކީ ދާއިރާއިން ވަގުތީ ގޮތުން ދުރަށް ޖެހިލައި، މުއްދަތެއް ނެތް ގޮތަށް ބްރޭކެއް ނަގަން ނިންމިކަން އިއުލާނުކޮށްފިއެވެ.
އަމާލް މަލިކް މިކަން ހާމަކޮށްފައިވަނީ 'އެކްސް'ގައި ކުރި ޕޯސްޓެއްގައެވެ. އޭނާ ހާމަކުރި ގޮތުގައި، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭން ބޭނުންވަނީ އަމިއްލަ ނަފުސަށާއި ސިއްހަތަށެވެ. އަދި ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިސްކޮށް، ދާއިރާއަށް އެނބުރި އަންނާނެ ތާރީޚަކާ މެދު ސުވާލު ނުކުރުމަށް އޭނާ ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.
އޭނާގެ ޕޯސްޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް އަހަރާ ހަމައަށް ފިލްމީ އެއްވެސް މިއުޒިކީ މަސައްކަތެއް ކުރުމަށް ގަސްތެއް ނުކުރެއެވެ.

އަމާލް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބޭބެ އަރުމާން މަލިކްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ނަމަވެސް، ކުރިން ރެކޯޑުކޮށްފައިވާ ބައެއް ލަވަތަކާއި ކުދި ބަޖެޓުގެ ފިލްމުތަކުން ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށާއި، އެ ފިލްމުތައް ރިލީޒްވާނެ ސީދާ ތާރީޚު އަދި ކަނޑަނޭޅޭ ކަމަށްވެސް އޭނާ ބުންޏެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފުސީލެއް ލިބުމުން ސަޕޯޓަރުންނާ ހިއްސާކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ.
މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު ދަބޫ މަލިކްގެ ދަރިފުޅު އަމާލް މަލިކުގެ ފާހަގަކޮށްލެވޭ ލަވަތަކުގެތެރޭ، "ސޫރަޖް ދޫބާ ހޭ"، "ސޯޗް ނާ ސަކޭ"، "ކަރް ގައީ ޗުލް" އަދި "ބޭސަބްރިޔާން" ފަދަ ހިޓް ލަވަތައް ހިމެނެއެވެ. އަމާލް އެންމެފަހުން މަސައްކަތްކޮށްފައި ވަނީ ދާދިފަހުން ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "އާވާރާޕަން 2"ގެ މިއުޒިކް އުފެއްދުމުގައެވެ.