ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންގްސް އިން، ސްރީލަންކާގެ ދުރުރާސްތާގެ ބޭރު ފައިސާގެ ޑިފޯލްޓް ރޭޓިން 'ސީސީސީ ޕްލަސް' އިން 'ބީ މައިނަސް' އަށް މަތިކޮށްފިއެވެ.
ސްރީލަންކާގެ ޑެއިލީ މިރަރ ނޫހުގައި ވާގޮތުން، ފިޗުން މި ބަދަލު ގެނެސްފައިވަނީ ބޭރުގެ މާލީ ރިސްކުތައް ކުޑަކުރުމަށް ލަންކާ ސަރުކާރުން އެޅި ހަރުދަނާ ސިޔާސަތުތަކާއި ގެނައި އޮނިގަނޑީ އިޞްލާހުތަކާ ގުޅިގެންނެވެ. ފިޗުންވަނީ އެ ގައުމުގެ އިގްތިޞާދީ އައުޓްލުކް "ސްޓޭބަލް" ކަމަށް ވެސް ކަނޑައަޅާފައެވެ.
ފިޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭޓިން މަތިކުރުމަކީ މެކްރޯ-ސްޓެބިލައިޒޭޝަން ސިޔާސަތުތައް ތަންފީޒުކުރުމުގެ ނަތީޖާ ކަމަށާއި، މި އިސްލާހުތަކުގެ ސަބަބުން ބޭރުގެ މާލީ ނުރައްކާތައް ކުޑަވެ، އިގްތިޞާދަށް ކުރިމަތިވާ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުވެފައިވާ ކަމަށެވެ.
ނަމަވެސް، ސްރީލަންކާގެ ދަރަންޏާއި ދަރަނި އަދާކުރުމުގެ ނިސްބަތް އަދިވެސް މަތީގައި ހުރުމާއި، ބޭރު ފައިސާގެ ރިޒާވް އަދިވެސް އެކަށީގެންވާ ވަރަށް ވުރެ ދަށްކޮށް ހުރުމަކީ ކްރެޑިޓް ޕްރޮފައިލަށް އޮތް ހުރަހެއް ކަމަށް ފިޗުން ވަނީ ބުނެފައެވެ.
މީގެއިތުރުން، އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ، ބޭނުންވާ ތެޔޮ އިމްޕޯޓްކުރާ ސްރީލަންކާއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ވޭތުވެދިޔަ ތިން އަހަރު ސާޕްލަސްގައި އޮތުމަށްފަހު، މި ސަބަބާ ހުރެ 2026 ވަނަ އަހަރު ލަންކާގެ ކަރަންޓް އެކައުންޓް ޑެފިސިޓަކަށް ދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ބޭރު ގައުމުތަކުގައި މަސައްކަތްކުރާ މީހުން ގައުމަށް ފޮނުވާ ފައިސާ ނުވަތަ ރެމިޓެންސް އިތުރުވަމުން ދިއުމަކީ މި ޕްރެޝަރު ކުޑަކުރުމަށް ލިބޭ ބާރެކެވެ.
ފިޗުން އިތުރަށް ފާހަގަކުރި ގޮތުގައި، މިފަދަ ގޮންޖެހުންތަކާ އެކުވެސް ސްރީލަންކާގެ އިޤްތިޞާދީ ކުރިއެރުން ވަރުގަދަކަންމަތީ ދެމިއޮތް އިރު، އައިއެމްއެފް އަދި ބައިނަލްއަޤްވާމީ އެހެން އިދާރާތަކުން ލިބޭ މާލީ އެހީތެރިކަމަކީ ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ކަރަންޓް އެކައުންޓްގެ ދަތިތަކުން އަރައިގަތުމަށް ލިބޭނެ މުހިންމު އެހީއެކެވެ.