ސްރީލަންކާގެ އީސްޓާ ބޮމުގެ ހަމަލާއާ ގުޅިގެން 14 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސްރީލަންކާގައި 2019 ވަނަ އަހަރު ދިން އީސްޓާ ސަންޑޭ ހަމަލާތަކާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ކޮލަމްބޯ ހައިކޯޓަށް ހާޒިރުކުރުމަށްފަހު، އެ މައްސަލައިގެ ހުކުމް އިއްވި ވަގުތު ސެކިއުރިޓީ އޮފިޝަލުން ކޯޓުގެ ބޭރުގައި ސެކިއުރިޓީ ބަލަހައްޓަނީ -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގައި 2019 ވަނަ އަހަރުގެ އީސްޓާ ސަންޑޭގައި ދިން ނިރުބަވެރި ބޮމުގެ ހަމަލާތަކުގައި ސީދާ ބައިވެރިވި ކަމުގެ ތުހުމަތު ކުރެވުނު 24 މީހުންގެ ތެރެއިން 14 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ގައުމުގެ ހައިކޯޓުން މިއަދު ނިންމައިފިއެވެ.

ޖުމްލަ 279 މީހުން މަރުވި މި އަނިޔާވެރި ހަމަލާގެ މައްސަލައިގައި ފަސް އަހަރު ދުވަހަށް ކުރިއަށްދިޔަ ޝަރީއަތަށްފަހު، ތިން ފަނޑިޔާރުންގެ ބެންޗަކުން ވަނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

ކޯޓުން އިއުލާންކުރި ހުކުމުގައިވާ ގޮތުން، މައްސަލައިގައި ތުހުމަތުކުރެވުނު މީހުންގެ މައްޗަށް ސާބިތުވެފައިވަނީ މީހުން މެރުމާއި ނިރުބަވެރިކަމުގެ އަމަލުތައް ހިންގުމަށް ރޭވުމުގެ ކުށެވެ.

މި މައްސަލައިގައި ދައުވާކުރެވުނު މީހުންގެ ތެރެއިން ނުވަ މީހަކު ވަނީ ކުށުން ބަރީއަވެ، ސަލާމަތްވެފައެވެ. އަދި ދެން ހުރި މީހާގެ މައްޗަށް ސާބިތުވެފައި ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކެވެ.

މިއަދުގެ އަޑުއެހުމުގައި ހައިކޯޓުން ކުށް ސާބިތުވާ ކަމަށް ނިންމި ނަމަވެސް، އެ މީހުންނަށް ދޭނެ އަދަބު ކަނޑައެޅުން ފަހުގެ ތާރީޚަކަށް ވަނީ ފަސްކޮށްފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާއަކީ ލަންކާގެ ތާރީޚުގައި ދެވުނު އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

މި ހަމަލާގައި ކޮލަމްބޯ، ނެގޮމްބޯ އަދި ބަޓިކަލޯގައި ހުރި ނަސާރާއިންގެ ތިން ފައްޅިއަކަށާއި މަތީ ފެންވަރުގެ ތިން ހޮޓަލަކަށް އަމާޒުކޮށް ހަމަލާދީފައެވެ. އަދި އަމިއްލައަށް މަރުވެގެން ބޮން ގޮއްވާލައިގެން ދިން މި ހަމަލާތަކުގައި 279 މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

ލަންކާގެ ހައްދުފަހަނައަޅާފައިވާ ނޭޝަނަލް ތައުހީދު ޖަމާއަތުން ދިން މި ހަމަލާގެ ސަބަބުން އެ ގައުމުގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް ބޮޑު ލޮޅުމެއް އަރައި، ސެކިއުރިޓީ އިންޓެލިޖެންސް ނާކާމިޔާބުވުމާ ގުޅިގެން ސިޔާސީ ގޮތުންވެސް ބޮޑެތި މައްސަލަތަކެއް އުފެދިގެން ދިޔައެވެ.

comment ކޮމެންޓް