އިންޑިއާގެ އައިޓެކް ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ 5 އަހަރު 700 އަށްވުރެ ގިނަ ދިވެހީން ތަމްރީނުކޮށްފި

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމަށް ފުރި ބައެއް ބައިވެރިންގެ ފޮޓޯ --

އިންޑިއާ ސަރުކާރުގެ "އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން" (އައިޓެކް) ޕްރޮގްރާމުގެ ދަށުން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކި ދާއިރާތަކުން 700 އަށްވުރެ ގިނަ ދިވެހީން ތަމްރީނުކޮށްފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

ހައިކޮމިޝަނުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ފަސް އަހަރު ތެރޭ 765 ބައިވެރިއަކު ވަނީ މި ޕްރޮގްރާމްގެ ތެރެއިން ތަމްރީންކޮށްފައެވެ.

ހިނގަމުންދާ މާލީ އަހަރުގެ މިހާތަނަށް 80 ބައިވެރިއަކު ވަނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވެފައެވެ. އަދި ރާއްޖެއިން މި ތަމްރީނުތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ، 2024 އިން ފެށިގެން ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ ސްލޮޓްތަކުގެ އަދަދު ވަނީ 200 އިން 300 އަށް އިތުރުކޮށްފައެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ އާންމު ޚިދުމަތްތަކާއި، ސިވިލް ސާވިސް އަދި ގާނޫނު ތަންފީޒުކުރާ މުހިންމު އިދާރާތަކުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ވެސް ހައިކޮމިޝަނުން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް ހިމެނެއެވެ. މީގެ އިތުރުން ފިނޭންސް އަދި ޓެކުހުގެ ދާއިރާއިން މީރާ އަދި ކަސްޓަމްސް ހިމެނޭއިރު، ގާނޫނުހެދުމާއި ބެލެހެއްޓުމުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، އިލެކްޝަންސް ކޮމިޝަން އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން ހިމެނެއެވެ.

ހަމައެއާއެކު އިކޮނޮމިކް މިނިސްޓްރީ، ހޯމް މިނިސްޓްރީ، ހެލްތު މިނިސްޓްރީގެ އިތުރުން އެޗްޑީސީ ފަދަ މުއައްސަސާތަކުން ވެސް މި ޕްރޮގްރާމުގައި ބައިވެރިން ބައިވެރިވެފައިވާކަމަށް މައުލޫމާތު ދެއެވެ.

ޚާއްސަކޮށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާއެކު ގާއިމްކޮށްފައިވާ ޚާއްސަ އެއްބަސްވުމުގެ ތެރެއިން މެދުވެރިކޮށް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 1,090 އަށް ވުރެ ގިނަ މުވައްޒަފުން ތަމްރީނުކޮށްފައިވާއިރު، 2026 ވަނަ އަހަރުގެ މިހާތަނަށް 139 މުވައްޒަފަކު ވަނީ މި ތަމްރީނުތަކުގައި ބައިވެރިވެފައިވާ ކަމަށް މައުލޫމާތުދެއެވެ. އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި 248 މީހަކު ތަމްރީނުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް 86 ފަރާތެއް އެންރޯލްވެފައިވާ ކަމަށް ބުނެއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޕްރޮގްރާމެކެވެ.

comment ކޮމެންޓް