ބަސް ދަތުރެއްގައި ގެއްލުނު ފޮށްޓަކަށް 43،000 ރުޕީސްގެ ބަދަލެއް ދިނުމަށް އިންޑިއާގެ ޓްރާންސްޕޯޓް ކޯޕަރޭޝަނަށް އަމުރުކޮށްފި

ބަހެއްގެ ލަގެޖް ބައިން ގެއްލުނު ފޮށްޓެއްގެ ބަދަލު ދިނުމަށް އުއްތަރާކަންޑް ޓްރާންސްޕޯޓް ކޯޕަރޭޝަން ގެ މައްޗަށް އަމުރުކޮށްފި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބަސް ދަތުރެއްގައި ގެއްލުނު ފޮށްޓަކަށް 43،000 ރުޕީސް (8،000 ދިވެހި ރުފިޔާ)ގެ ބަދަލެއް ދިނުމަށް އިންޑިއާގެ އުއްތަރާކަންޑް ޓްރާންސްޕޯޓް ކޯޕަރޭޝަނަށް އަމުރުކޮށްފިއެވެ.

ދެހާސްފަނަރަ ވަނަ އަހަރު ބަހެއްގެ ލަގެޖް ބައިން ގެއްލުނު ފޮށްޓެއްގެ ބަދަލު ދިނުމަށް އުއްތަރާކަންޑް ޓްރާންސްޕޯޓް ކޯޕަރޭޝަން (ޔޫޓީސީ)ގެ މައްޗަށް އަމުރުކުރީ، ދޭރާދޫން ޑިސްޓްރިކްޓް ކޮމިޝަނުގެ ނިންމުން މުރާޖަޢާކުރުމަށްފަހު، ބަހުގެ ކޮންޑަކްޓަރުގެ އިހުމާލުން ފަސިންޖަރެއްގެ ފޮށި ގެއްލިފައިވާތީ ކަމަށް އުއްތަރާކަންޑް ސްޓޭޓް ކޮންސިއުމާ ޑިސްޕިއުޓްސް ރެޑްރެސަލް ކޮމިޝަނުން ކަނޑައެޅުމަށްފަހުއެވެ.

ކޮމިޝަނުގެ ރައީސް ކުމްކުމް ރާނީ އަދި މެންބަރު ސީއެމް ސިންގް ބެއްލެވި މި މައްސަލައަކީ، ކުރިން ޑިސްޓްރިކްޓް ކޮމިޝަނުން ކޮންޑަކްޓަރު އަމިއްލައަށް ޒިންމާވާންޖެހޭނެ ކަމަށް ނިންމައި، އޭނާގެ އަމިއްލަ ޖީބުން 75،500 ރުޕީސް ދެއްކުމަށް އަމުރުކުރުމުން، ކޮންޑަކްޓަރުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައެކެވެ.

މައްސަލަ ނިންމަވަމުން ކޮމިޝަނުން ފާހަގަކުރެއްވީ، އެ ބަހަކީ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ދަތުރުކުރި އުޅަނދަކަށްވެފައި، ކޮންޑަކްޓަރަކީ އެ އިދާރާގެ މުވައްޒަފަކަށްވާތީ، މުވައްޒަފެއްގެ އިހުމާލަށް ވަޒީފާދޭ ފަރާތުން ޒިންމާވާންޖެހޭ "ވިކޭރިއަސް ލައިއެބިލިޓީ"ގެ އުސޫލުން މި ބަދަލު ދައްކަންޖެހޭނީ ސީދާ މުއައްސަސާއިން ކަމަށެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށްފައިވާ ގޮތުގައި، 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ރޭ، އޭނާ އާއި އޭނާގެ އަނބިމީހާ ދިއްލީން ދޭރާދޫނަށް ދަތުރުކުރި ބަހުގެ ލަގެޖް ކޮމްޕާޓްމަންޓަށް ފޮށި އެރުވީ ކޮންޑަކްޓަރެވެ. ނަމަވެސް، މަންޒިލަށް ފޯރުމަށްފަހު ބެލިއިރު، އަގުބޮޑު ގަހަނާ އާއި އަންނައުނު ހުރި އެ ފޮށި ވަނީ ގެއްލިފައެވެ.

އިންޑިއާގައި ބަސް ދަތުރަކަށް ތައްޔާރުވުމަށް ދަތުރުވެރިންގެ ފޮށިތައް ބަހުގައި ރައްކާކުރެވިފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި މައްސަލައިގައި ކޯޕަރޭޝަނުން ދިފާޢުގައި ބުނެފައިވަނީ، ދަތުރުވެރިންގެ އަމިއްލަ ތަކެއްޗަށް ޒިންމާވާންޖެހޭނީ އެމީހުން އަމިއްލައަށް ކަމަށާއި، ލަގެޖަށް ވަކިން އަގެއް ނަގާފައިނުވާތީ މިއީ ޚިދުމަތުގެ ދާއިރާއަށް ފެތޭ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ކޯޕަރޭޝަނުން ހިންގި ދާޚިލީ ތަޙުޤީޤުގައިވެސް ކޮންޑަކްޓަރުގެ އިހުމާލު އޮތްކަން ހާމަވެފައިވާކަން ކޮމިޝަނުން ފާހަގަކުރެއްވިއެވެ. ފޮށި ރައްކާކޮށް ތަޅުލި ކަމަށް ކޮންޑަކްޓަރު ބުނި ނަމަވެސް، ދަތުރު ނިމުނުއިރު އެ ފޮށި ވެރިފަރާތާ ޙަވާލުކުރެވިފައި ނުވާތީ، ޚިދުމަތުގައި އިހުމާލުވެފައިވާކަން ސާބިތުވާކަމަށް ކޮމިޝަނުން ކަނޑައެޅިއެވެ.

މާލީ ބަދަލު މުރާޖަޢާ ކުރައްވަމުން ކޮމިޝަނުން ނިންމެވީ، ފޮށީގައި ހުރި ތަކެތީގެ އަސްލު ބިލުތައް ހުށަހެޅިފައި ނެތުމުން، ތަކެތީގެ އަގުގެ ގޮތުގައި ކުރިން ކަނޑައެޅި 57،500 ރުޕީސް، 25،000 ރުޕީސްއަށް ކުޑަކުރުމަށެވެ. އަދި އޭގެ އިތުރުން، ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 15،000 ރުޕީސް އަދި ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި 3،000 ރުޕީސް ހިމަނައިގެން، ޖުމްލަ 43،000 ރުޕީސް ދެއްކުމަށް ކޯޕަރޭޝަނަށް އަމުރުކުރިއެވެ.

މި ނިންމުމަކީ އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުގެ އިހުމާލުން ދަތުރުވެރިންގެ މުދަލަށް ލިބޭ ގެއްލުންތަކުގެ ޒިންމާ އެ ފަރާތްތަކުން އުފުލަންޖެހޭނެކަން ކަށަވަރުކޮށްދިން މުހިންމު ނިންމުމެކެވެ.

comment ކޮމެންޓް