ކަށަވަރުކޮށްފައިވާ ޓިކެޓެއް އޮއްވައި، އެކަށީގެންވާ ސަބަބެއް ނެތި ފްލައިޓަށް އެރުވުމަށް ދެކޮޅުހެދުމުގެ ސަބަބުން އަލުން ޓިކެޓް ގަނެގެން ދަތުރުކުރަންޖެހުނު މަންމައަކާއި އޭނާގެ ތިން އަހަރުގެ ދަރިފުޅަށް 70,287 އިންޑިއަން ރުޕީސް (13،000 ދިވެހި ރުފިޔާ)ގެ ބަދަލެއް ދިނުމަށް އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކެރެލާގެ ކޮންސިއުމާ ކޮމިޝަނުން އެއާލައިނެއްގެ މައްޗަށް އަމުރުކޮށްފިއެވެ.
ކޮމިޝަނުގެ ރައީސް ސީޓީ ސަބޫ އަދި މެންބަރު ރާމް މޯހަން އާރު ނެރުއްވި މި ޙުކުމުގައި ފާހަގަކުރައްވާފައިވަނީ، އެއާލައިނުގެ ފަރުވާކުޑަ ޚިދުމަތުގެ ސަބަބުން، ކުޑަކުއްޖަކާއެކު ދަތުރުކުރި މަންމައަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހުނު ކަމަށެވެ. އަދި ކުއްލި ގޮތަކަށް ޕްލޭން ބަދަލުކޮށް، ބޮޑު ޚަރަދެއް ކޮށްގެން އެހެން މަންޒިލަކަށް ދަތުރުކުރަން ޖެހުމަކީ އެ ފަރާތަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށްފައިވާ ގޮތުގައި، 11 ފެބްރުއަރީ 2021ގައި ކޮޗިންއިން އަބޫދާބީއަށް ދަތުރުކުރުމަށް ޓަކައި އެ ދެމައިން ވަނީ 20,287 ރުޕީސް ޚަރަދުކޮށް ޓިކެޓް ގަނެފައެވެ. އަދި އެ ދުވަސްވަރު ދަތުރުފަތުރުގެ ޤަވާއިދުތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކޮށްފައި ހުރި ނަމަވެސް، އެއާލައިނުން ވަނީ އެ ދެމައިން ފްލައިޓަށް އެރުވުމަށް އިންކާރުކޮށްފައެވެ.
މިކަމުގެ ސަބަބުން އެ މީހުންނަށް މަޖުބޫރުވީ 29,510 ރުޕީސްގެ އާ ޓިކެޓެއް ނަގައިގެން ކޮޗިންއިން ޝާރްޖާއަށް ދަތުރުކުރުމަށެވެ. އަދި އަސްލު ދާން ގަސްތުކުރި މަންޒިލަކީ އަބޫދަބީ ކަމަށްވާތީ، ޝާރްޖާއަށް ދިއުމަށްފަހު އެއްގަމު މަގުން އަބޫދާބީއަށް ދިއުމަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހުނެވެ. މި ހާދިސާއާ ގުޅިގެން އެއާލައިނުން އެއްވެސް މަޤުބޫލު ސަބަބެއް ސާފުކޮށްދީފައި ނުވާއިރު، ފުރަތަމަ ގަތް ޓިކެޓުގެ ފައިސާ އަނބުރާ ރައްދުކޮށްދީފައެއްވެސް ނުވެއެވެ.
ކެރެލާގެ ސިޓީއެއް ކަމަށްވާ ކޮޗިން އެއާޕޯޓުގެ ފޮޓޯއެއް--ފޮޓޯ/ އިންޑިއަންްއެކްސްޕްރެސްމި މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގި ނަމަވެސް އެއާލައިނުން ކޯޓަށް ހާޒިރުވެފައި ނުވާތީ، މައްސަލަ ނިންމާފައިވަނީ އެ ފަރާތުގެ ޣައިރު ހާޒިރުގައެވެ. ކޮމިޝަނުން ކަނޑައެޅި ގޮތުގައި، ދަތުރުވެރިން ފްލައިޓަށް ނޭރުވީ ގާނޫނީ ހުރަހެއް އޮވެގެން ނުވަތަ ޝަރުތެއް ފުރިހަމަނުވާތީކަން ސާބިތުކޮށްދިނުމުގައި އެއާލައިން ވަނީ ނުކުޅެދިފައެވެ. އެހެންކަމުން، އެއްބަސްވެފައިވާ ގޮތަށް ޚިދުމަތް ފޯރުކޮށްދެވިފައި ނުވާތީ، މިއީ ޚިދުމަތުގެ ފެންވަރު އުނިވުން ކަމުގައި ވަނީ ބަލައިގެންފައެވެ.
ކޮމިޝަނުގެ ހުކުމުގައި އަމުރުކޮށްފައިވަނީ، ފުރަތަމަ ޓިކެޓަށް ހަރަދުވި 20,287 ރުޕީސް އަނބުރާ ރައްދުކުރުމަށާއި، ލިބުނު ގެއްލުމާއި ތަކުލީފުތަކުގެ ބަދަލެއްގެ ގޮތުގައި 40,000 ރުޕީސް، އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 10,000 ރުޕީސް ހިމެނޭހެން ޖުމްލަ 70,287 ރުޕީސް ޝަކުވާ ހުށަހެޅި ފަރާތަށް ދެއްކުމަށެވެ.
މި ނިންމުމަކީ، ސައްހަ ޓިކެޓެއް އޮންނަ ހާލަތުގައި ޤާނޫނީ ގޮތުން ބަލައިގަނެވޭނެ ސަބަބެއް ނެތި ފަސިންޖަރުން ބޯޑުކުރުމަށް ދެކޮޅު ނުހެދޭނެކަން ކަށަވަރުކޮށްދޭ އަދި އުނި ޚިދުމަތެއްގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިދޭކަން ސާބިތުކޮށްދިން މުހިންމު ނިންމުމެކެވެ.