ގައުމީ ޗެމްޕިއަންޝިޕަށް ޓީމު ވަރުގަދަކުރަން އެޗްޑީސީއަށް އިންޑިއާގެ ކެޕްޓަން ގެނެސްފި

އިންޑިއާ ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން، ޗާލްސް ޖެރޯމް ވިނިތު--

މިއަދު ފެށުމަށް ހަމަޖެހިފައިވާ ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕަށް އެޗްޑީސީގެ ޓީމު ވަރުގަދަކުރުމަށްޓަކައި އެޓީމަށް، އިންޑިއާ ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން، ޗާލްސް ޖެރޯމް ވިނިތު ގެނެއްސިއެވެ.

އޮޕޮސިޓް ހިޓަރަކަށް ކުޅެމުން އަންނަ އުމުރުން 34 އަހަރުގެ ޖެރޯމް އަކީ އިންޑިއާ ލީގުގެ އިތުރުން ގައުމީ ޓީމަށްވެސް ތަފާތު، މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އިންޑިއާގެ ކެޕްޓަންގެ އިތުރުން އޭނާއަކީ މިވަގުތު އެގައުމުގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާވެސް މެއެވެ. އެގޮތުން މިއަހަރުގެ ޖޫން މަހު ކުރިއަށްދިޔަ އެގައުމުގެ ޕްރައިމް ވޮލީބޯލް ލީގުގެ އޯކްޝަންގައި ޗެންނާއި ބްލިޓްޒުން ޖެރޯމް ގަނެފައިވަނީ 22.5 ލައްކަ އިންޑިއަން ރުޕީޒް (366,512.83 ދިވެހި ރުފިޔާ) އަށެވެ. އޭގެ ކުރިން ޖެރޯމް ކުޅެފައިވަނީ ކެލިކަޓް ހީރޯޒް އަށެވެ.

ސެޕްޓެމްބަރު 19 އިން އޮކްޓޫބަރު ހަތަރެއްގެ ނިޔަލަށް ޖަޕާނުގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައިވެސް ޖެރޯމް ވަނީ ތަފާތު، މޮޅު ކުޅުމެއް ދައްކާފައެވެ. މި މުބާރާތުގައި އިންޑިއާއިން ހަވަނަ ހޯދާފައިވާއިރު، ވަކިން ހާއްސަކޮށް ޕޫލް ސީ އިން، ސައްތައިން ސައްތަ ރެކޯޑަކާއެކު ކުއާޓާއަށް އިންޑިއާ ދިއުމުގައި، ޕޫލްގެ ފަހު މެޗުގައި ޤަޠަރާ ދެކޮޅަށް ޖެރޯމް ދެއްކި މޮޅު ކުޅުން އަދާކޮށްފައިވަނީ މުހިންމު ދައުރެކެވެ. އެގޮތުން ފުރަތަމަ ދެ ސެޓު، ޤަޠަރުން ކާމިޔާބުކުރުމާއެކު ފަހަތުން އަރައި އިންޑިއާއިން މެޗު ކާމިޔާބުކުރިއިރު، ކެޕްޓަން ޖެރޯމް ވަނީ 27 ޕޮއިންޓު ކާމިޔާބުކޮށްދީފައެވެ.

އޭޝިއަން ގޭމްސްއާ ކުރިމަތިލުމުގެ ކުރިން ޖެރޯމް ވަނީ މޮންގޯލިއާގެ ކުލަބެއް ކަމަށްވާ ޓުވް މިންގް ވުލްވްސަށްވެސް ކުޅެފައެވެ.

މިއަހަރުގެ ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕަށް ކުލަބް އެޗްޑީސީ ކޮލިފައިވެފައިވަނީ ގައުމީ ވޮލީ ލީގުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އެގޮތުން، އެޓީމުގެ ފުރަތަމަ މެޗުގައި އެމްޓީސީސީއާ ދެކޮޅަށް ކުޅެ، އެޗްޑީސީން ވަނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. ދެވަނަ މެޗުގައި ޕޮލިސް ކުލަބް އަތުން ތިން ސެޓު ދެ ސެޓުން ބަލިވިއިރު، ތިންވަނަ މެޗުގައި ލަޔަންސް ރެކްރިއޭޝަން ކުލަބް އަތުން މޮޅުވެފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ. އަދި ފަހު މެޗުގައި ދިވެހި ސިފައިންގެ ކުލަބް އަތުން ބަލިވެފައިވަނީވެސް ހަމަ އެ ނަތީޖާއިންނެވެ.

ގައުމީ ވޮލީ ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ކުލަބް އެޗްޑީސީ ނުކުންނާނީ ކުލަބް އެމްޓީސީސީއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބް ނުކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ.

މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް