"އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙުކޮށްދެއްވައިފި

"އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސް މުއިއްޒު އިފްތިތާޙުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ "އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި މަޝްރޫޢު ފެށުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޮނިއުމެންޓް މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވައިގެން މި ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، ކުންފުނިތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ކޮލެޖު ޔުނިވަސިޓީތަކާއި ސްކޫލުތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.

"އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އެކަކު އަނެކަކަށް ގަދަރާއި އިޙުތިރާމް ކުރުމުގެ ރީތި ސިފަ ހަރުދަނާކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކެމްޕެއިން ފެއްޓެވުމަށް ނިންމަވާފައި ވަނީ ދިވެހިންގެ އަމިއްލަވަންތަކަން ހިފެހެއްޓުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުންނެވެ. މީގެ ކުރިން ދިވެހިންގެ އަމިއްލަވަންތަކަން ނެތެމުންދާން ފަށާފައިވީ ނަމަވެސް، މި ސަރުކާރުން ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީ، ރާއްޖޭގެ ތާރީޚު ދިރާސާކޮށް ސަޤާފީ ކަންކަން އާލާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައޮ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އިސްކޮށް ހިންގާ މި މަޝްރޫޢުގެ ދަށުން، ދިވެހިންގެ ތެރޭގައި ކުރިން އޮތް އިޙުތިރާމް ކުރުމުގެ ރިވެތި އާދަ އަލުން ދިރުވައި އާލާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

comment ކޮމެންޓް