ކޮންމެ މީހަކު ވެސް އަޒުމް ކަނޑައަޅަންވީ ކާބަފައިންގެ މާޒީއާއި އުފާވެރިކަން އަލުން ހޯދުމަށް: ރައީސް

އިހުތިރާމު އަދާކުރުމުގެ މަޝްރޫއު ފަށްޓަވައިދެއްވުމަށްފަހު ރައީސް ވާހަކަފުޅު ދައްކަވަނީ، ވިދާޅުވީ ކާބަފައިންގެ ޝަރަފުވެރި، އަމާން ރައްކާތެރިކަމުގެ މާޒީއާއި އުފާވެރިކަން އަލުން ހޯދުމުގެ އަޒުމް ކޮންމެ މީހަކު ވެސް ކަނޑައަޅަން ޖެހޭ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

މިރޭ ކޮންމެ މީހަކު އެކަށައަޅާ އަޒުމަކީ ކާބަފައިންގެ ޝަރަފުވެރި، އަމާން ރައްކާތެރިކަމުގެ މާޒީއާއި އުފާވެރިކަން އަލުން ހޯދުމުގެ އަޒުމް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ގައުމީ ފެންވަރުގައި ކުރިއަށްގެންދާ "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ފަށްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާތް ﷲ އިންސާނާ ލެއްވެވީ އެންމެ މާތްކުރެއްވި މަޚްލޫގެއްގެ ގޮތުގައި ކަމަށާއި އެކަން އިންސާނާގެ އަމަލުތަކުން ފާހަގަވާން ޖެހޭނެ ކަމަށެވެ.

ރަނގަޅު އިންސާނެއްގެ ކިބައިގައި ފެންނަ އެންމެ ފާޅުކަން ބޮޑު އެއް ނިޝާނަކީ އިހުތިރާމްކުރުމުގެ ސިފަތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހީންގެ ކިބައިން އެއް ޒަމާނެއްގައި އިހުތިރާމް އަދާކުރުމުގެ ސިފަ އޮތް ކަމަށެވެ. އެގޮތުން އާންމު ރަށްރަށަށް ބަލައިލާއިރު ކަތީބުން ފަދަ ރަސްމީ ޝަޚްސިއްޔަތުތައް މަގަކުން ހިންގަވައިފައި ވަޑައިގަންނަވާއިރު ކުނިކަހަން އިންނަ މީހާ މަގުގެ އެއް ފަރާތަކަށް ޖެހިލައި ކަމަށާއި، ކިޔަވާ ދަރިވަރުން ކުރި ކަނޑައި ވެސް ނުލާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާޒީގައި ވަގުތަށް ކަމޭހިތުން ފަދަ ކަންކަމަށް އިސްކަންދޭ ކަމަށެވެ.

އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ރައީސް އިފްތިތާޙުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

އިހުތިރާމްކުރުން ފަދަ ސިފަތަކުގައި ދިވެހީން ގިނަ ދުވަހު ދެމިތިބުމުގެ އަސްލަކީ މާތްވެގެންވާ އިސްލާމް ދީންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި އިސްލާމްދީނަކީ ރިވެތި ހުރިހާ ކަމެއްގެ ހަގީގީ އަސްލެވެ.

"އެ މާތް ދީނުގެ ފޮތް، މާތް ﷲ ގެ ކަލާމްފުޅުގައި ކަމުގައިވާ ކީރިތި ޤުރްއާން އަޅުގަނޑުމެންނަށް އިހުތިރާމުކުރުމުގެ އެތައް ދަރެސްތަކެއް ލިއްބައިދޭ،" ރައީސް ވިދާޅުވިއެވެ.

ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅުތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ، އިހުތިރާމްކުރުމުގެ އެތައް ނަމޫނާއެއް އެކަލޭގެފާނު އުންމަތަށް ދެއްކެވިކަން ފާހަގަކުރައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖެއަކީ ސައްތަ އިންސައްތަ އިސްލާމީ ގައުމަކަށްވާއިރު ދިވެހީންނަކީ އެކަކު އަނެކަކަށް އިހުތިރާމު އަދާކުރާ، އެކަކު އަނެކަކުގެ ލެޔާއި މުދަލާއި އަބުރު ރައްކައުތެރިކުރާ ބަޔަކަށް ވާންޖެހޭނެއެވެ.

އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ރައީސް އިފްތިތާޙުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ރޫހަކީ އިހުތިރާމުކުރުމާއި އެކަކު އަނެކަކަށް ގަދަރުކުރުންކަން އަބަދު ވެސް ހަނދާންކުރަންޖެހޭ، އެކަކު އަނެކަކުގެ ގަދަރާއި ކަރާމާތަށް ކުޑަ ވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުކަންދޭން ޖެހޭ، މީހުންނަށް އިހާނެތިކޮށް ހިތުމާއި މަލާމާތްކުރުމާއި ނުރުހޭ ވަނަންތައް ކިއުމާއި ދަށްކޮށްލުން ފަދަ ކަންކަމުން ދުރުވާންޖެހޭ، ޣީބަ ބުނުމާއި އާޑަ ފުރައްސާރަކުރުމުގެ ނުބައި އަމަލާ ހަމަހިލާ ކައިރިނުވުމަށް އަޒުމް ކަނޑައަޅަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

އެގޮތުގައި ގުޅުންތައް ބެހެއްޓިއްޖެ ނަމަ މި ގައުމަކީ މާތް ﷲ ލޯބިވެވޮޑިގެންވާ، ތަހުޒީބު މުޖުތަމައަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި ދޮގުހެދުން ފަދަ ސިފަތަކުން މުޖުތަމައު ތާހިރުކޮށްފިނަމަ އިހުތިރާމް އަދާކުރުމުގެ ލާމަސީލު މުޖުތަމައަކަށް ދިވެހި މުޖުތަމައު ވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އިހުތިރާމްކުރުމަކީ ކުލުނާ ގާތްކަން އިތުރުވެ، މުޖުތަމައަށް އަމާންކަން ގެނެސްދޭ ކަމެކެވެ.

އެބައެއް ދިރިއުޅޭ މާހައުލާއި އެ މާހައުލުގައި ވަށައިގެންވާ ތަންތަނަށް އިހުތިރާމްކުރަންޖެހޭ ކަމާއި އެބައެއްގެ އާއިލާއަށާއި އެކުވެރި ރަހުމަތްތެރިންނަށް ކުރާ އިހުތިރާމު ދަމަހައްޓަންޖެހޭ ކަމާއި ގައުމުގެ ސުލްހަމަސަލްކަމަށްޓަކައި ވެސް އިހުތިރާމްކުރަންޖެހޭ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިރޭ އަޅުގަނޑުމެން ކޮންމެ މީހަކު އެކަށައަޅާ އަޒުމަކީ މިއީ، އަޅުގަނޑުމެންގެ ކާބަފައިންގެ ޝަރަފުވެރި އަމާން ރައްކައުތެރި މާޒީގެ އުފާވެރިކަން އަލުން ހޯދުމުގެ އަޒުމް، އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސަށް ގެންނަ އިސްލާހީ ބަދަލަކީ މިއީ، އިސްލާމްދީނުގެ މަތިވެރި ހަމަތަކާއި ރީތި މިސާލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާހުކުރުމުގެ ބަދަލު، އެގޮތުން ތަރައްގީވެފައިވާ ތަހުޒީބު މުޖުތަމައަކަށް މި މުޖުތަމައު ހެދުން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް