ރިލީޒްކުރުމުގެ ގަޑިއިރުތަކެއް ކުރިން އޮންލައިންކޮށް ލީކުކޮށްލި ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" އިންޑިއާގެ ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދައިފިއެވެ.
ސަލްމާންގެ ފިލްމު ސިނަމާތަކުގައި ދައްކަން ފެށިތާ މިދިޔަ އާދީއްތަ ދުވަހާ ހަމައަށް އަށް ދުވަސްވެފައިވާއިރު ފިލްމަށް ލިބިފައިވާ އާމްދަނީގެ އަދަދު 19 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މިއީ ފިލްމު އުފެއްދުމަށް ޚަރަދުކުރި އާމްދަނީގެ ދެބައިކުޅަ އެއްބައި އާމްދަނީއެވެ.
ސަލްމާން ޚާން އެކްޝަން ފިލްމަކުން ނުފެންނަތާ ދެ އަހަރު ފަހުން މި އަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ރިލީޒްކުރި "ސިކަންދަރު"އާ މެދު ބެލުންތެރިން އެހާ ބޮޑަށް ހިތްހަމަނުޖެހޭ ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

ފިލްމު "ސިކަންދަރު"ގެ މަންޒަރެއްގައި ސަލްމާން އަދި ރަޝްމިކާ--ފޮޓޯ/ޕިންކްވިލާ
މީގެކުރިން ޢީދާ ދިމާކޮށް ރިލީޒްކުރާ ސަލްމާންގެ ފިލްމުތަކުން އެކްޓަރުގެ ޖާދޫގައި ބެލުންތެރިން ޖެހުނު ނަމަވެސް މިފަހަރު ފިލްމުގައި ސަލްމާން ފެނުނީ ފިލްމު ފެށުނީއްސުރެ ނިމެންދެން މުޅިން ވަރުބަލިވެފައިވާ މީހެއްގެ ގޮތުގައި ކަމަށް ބުނެ ބައެއް ބެލުންތެރިން ވަނީ ރިވިއުދީފައެވެ.
ފިލްމު އެނަލިސްޓް ތަރަން އާދާޝް "ސިކަންދަރު"އާ ގުޅޭގޮތުން ލިޔުނު ރިވިއުގައި ބުނެފައި ވަނީ ވިދާހާ އެއްޗަކީ ރަނެއް ނޫން ކަމަށާއި ކުރިން ސަލްމާން ސްކްރީނަށް ގެނެސްދޭ ޖާދޫ ގެނެސްދިނުމުގައި މިފަހަރު ފެއިލްވެފައިވާ ކަމަށެވެ.
ތަރަން ސިފަކުރި ގޮތުގައި ފިލްމު "ސިކަންދަރު"އަކީ މިހާތަނަށް ސަލްމާންގެ ކެރިއަރުގައި ވަރަށް ބުރަކޮށް މަސައްކަތްކުރި އެހެންނަމަވެސް މިހާތަނަށް ރިލީޒްވި އެކްޓަރުގެ އެންމެ ފެންވަރު ދަށް ފިލްމެވެ.
ސަލްމާން އަކީ ބެލުންތެރިން ވަރަށް ލޯބިވާ އެކްޓަރެއް ކަމުން ސަލްމާންގެ ފޭނުންނަށް ބޭނުންވަނީ މިއަށްވުރެ ފެންވަރު ރަނގަޅު ފިލްމެއް ކަމަށާއި މިއީ ސަލްމާންގެ ސްޓާޑަމް ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފިލްމެއް ކަމަށް ތަރަން ވަނީ ބުނެފައެވެ.
އޭއާރު މުރުގަދޯސް ޑައިރެކްޓްކޮށް ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ "ސިކަންދަރު"ގެ ބަތަލާ އަކީ ރަޝްމިކާ މަންދަންނާއެވެ.