ފިލްމު އަބަދަށްގެ ބުކިން ހެދުން ބުރާސްފަތި ދުވަހުގެ ނިޔަލަށް

އަބަދަށް ފިލްމުގެ ޕޯސްޓަރެއް --

މި އަހަރު އޮލިމްޕަހުގައި އެންމެ ފުރަތަމަ އެޅުވުމަށް ހަމަޖެހިފައިވާ ފިލްމު ކަމަށްވާ "އަބަދަށް"ގެ ފުރަތަމަ ތިން ޝޯގެ ޓިކެޓަށް ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12ގެ ނިޔަލަށް ބުކިން ހެދޭނެ ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.

މި އަހަރުގެ ފުރަތަމަ ފިލްމު އޮލިމްޕަހުގައި ދައްކަން ތައްޔާރުވަމުން އަންނައިރު މި އަހަރު އެންމެ ފުރަތަމަ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓު ކުރާ ފިލްމު، "އަބަދަށް" ފިލްމެވެ.

އަބަދަށް ފިލްމުގެ ޓްރެއިލަރުން މަންޒަރެއް --

އެގޮތުން އާދިއްތަ ދުވަހު ވަނީ މި ފިލްމުގެ ފުރަތަމަ ތިން ޝޯގެ ޓިކެޓަށް ބުކިން ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ފިލްމަށް ބުކިން ހަދަން ހޮޓް ލައިން ނަމްބަރު 7447555 އަށް ގުޅައިލައިގެން ބުކް ކޮށްލެވޭނެއެވެ. އަދި ވައިބާ މެސެޖްގެ އިތުރުން ޓެކްސްޓް މެސެޖްކޮށްލައިގެން ޓިކެޓަށް ބުކިން ހެދޭނެއެވެ.

މި ފިލްމްގެ ފުރަތަމަ ޝޯއިން ޖާގަ ލިބޭނީ ފުރަތަމަ ބުކްކުރާ މީހުންނަށެވެ. ޓިކެޓް ދޫކުރަން ފަށާނީ ބުރާސްފަތި ދުވަހު 14:00 ގައެވެ.

އަލަށް ނެރޭ މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ)އާއި ވާޝިޔާ މުހައްމަދުގެ އިތުރުން ޝާރިފް އަހުމަދު އަދި ސޫޒަން އިބްރާހީމްފުޅެވެ.

އަބަދަށް ފިލްމުގެ ޓްރެއިލަރުން މަންޒަރެއް --

ނޫރު އެން މޫވީސްގެ ދަށުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓަކީ މީގެ ކުރީން ވެސް މޫމިންއާއެކު މަސައްކަތް ކޮށްފައިވާ ކާސްޓެކެވެ. "ލޫދިފާ" އާއި "ގޮށްރާޅު" އަދި "ނިވައިރޯޅި" ފަދަ ފިލްމުތައް ގެނެސްދީފައިވާ މޫމިންގެ އާ ފިލްމުން ވެސް މިފަދަ ތީމުތަކެއް ފެންނަނެ ކަމަށް ބެލެވެއެވެ.

މި ފިލްމް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހު 28 ގައެވެ.

މި ފިލްމާ ގުޅޭގޮތުން ޕްރޮޑަކްޝަނުން އަންނަނީ ތަފާތު އާ މައުލޫމާތު އާންމު ކުރަމުންނެވެ. އެގޮތުން، ދާދިފަހުން ރިލީޒްކޮށްފައިވާ ޓްރެއިލަރުން ފިލްމުގެ ތީމަށް ކޮންމެ ވެސް ވަރަކަށް އަލިއަޅުވާލާފައިވެއެވެ.

އަބަދަށް ފިލްމުގެ މަސައްކަތުގެ ތެރެއިން --

ޓްރެއިލަރުގެ ތީމުން ކިޔައިދޭ ގޮތުގައި ތަފާތު އެކި ކަހަލަ ގޯސް އިހުސާސްތައް ކުރެވޭ ނަމަ އޭގެ ނޭދެވޭ އަސަރުތައް ކުރާނެވެ.

ނަފުސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް އެ ބައްޔާއެކު އުޅޭ އިރު އަމިއްލަ ނަފުސާ ދައްކާ ވާހަކަތައް ވެސް ޓްރެއިލަރުން ދައްކައިދީފައިވެއެވެ.

comment ކޮމެންޓް