ނަޞްރު ލިބުން ވަނީ ވަރަށް ކައިރީގައެވެ. إن شاء الله

1436 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްހާ އީދު ދުވަހު ހައްޖުވެރިން ޖަމްރާއަށް ހިލަ އުކުން -- ފޮޓޯ އޭޕީ

މުސްލިމުންނަށް ނަޞްރު ލިބުން ވަނީ ވަރަށް ކައިރީގައެވެ. ﷲ سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައި ވެއެވެ. ﴿أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ﴾ ‎( سورة البقرة: ٢١٤) މާނައީ: "ދަންނާށެވެ! ހަމަކަށަވަރުން، اللَّهގެ ނަޞްރު ވަނީ ދާދި ގާތުގައެވެ."

މި އާޔަތް ބާވައިލެއްވުނީ ﷲގެ ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞާޙާބީންނަށް ލިބެމުން ދިޔަ އަނިޔާއާއި ވޭނާތުރާ ނުހަނު އިތުރުވެ، އެކަންކަމުން ވަރަށް ބޮޑު ހިތާމައަކާއި މާޔޫސްކަމެއްގެ ތެރޭގައި އެބޭކަލުން ތިއްބަވަނިކޮށެވެ.

އެ ކަން ބަޔާންކުރައްވަމުން ހަމަ އެއާޔަތުގައި އަންގަވައިފައި ވަނީ ﴿حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ﴾ ‎( سورة البقرة: ٢١٤) މާނައީ: "ރަސޫލާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އިމާންވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. اللَّهގެ ނަޞްރު އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟" އޭގެ ޖަވާބު އެބައިމީހުންނަށް ﷲ ދެއްވީ ﴿أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ﴾ ‎( سورة البقرة: ٢١٤) މާނައީ: "ދަންނާށެވެ! ހަމަކަށަވަރުން، اللَّهގެ ނަޞްރު ވަނީ ދާދި ގާތުގައެވެ." މިފަދައިންނެވެ.

ބިންމަތީ އިންސާނުން ލެއްވީއްސުރެ މުދަލާއި ބާރުގެ އަހުލުވެރިން ގެންދަނީ އާރެއްބާރެއް ނެތް ނިކަމެތިންގެ މައްޗަށް އަނިޔާވެރި ވަމުންނެވެ. މިއީ ޢަދުލެއް އިންސާފެއް ނެތް ދުނިޔޭގައި ކަންހިނގަމުން އަންނަ އާދައެވެ. ބިންމަތީ މީސްތަކުންނަށް ބާރު ދެއްވަނީ ﷲގެ ޙުކުމް ތަންފީޒުކުރުމަށެވެ.

އެހެނަސް ބާރުލިބުމާ ހަމައަށް އެ ކަން ކުރަން އެދިގެން އެ ކަމުގެ ދައުވާކުރާ ގިނަ މީހުން ވެސް ބާރު ލިބި، މީސްތަކުންގެ މައްޗަށް ވެރިކުރެވުމުން ދެން ފެންނަނީ ތިމާގެ "މަވަންތަ" ކަމުގެ ސިފަ ދިރިގެން އަންނަ ތަނެވެ. ޝާނާއި ޝައުކަތުގެ ބޭނުންކޮށްގެން، ނިކަމެތިންގެ މައްޗަށް އަތްގަދަކުރަނީއެވެ. ބޭއިންސާފުކުރަނީއެވެ. ޢަދުލުގެ ވަޒަން ތިމާގެ ފަޅިއަށް ބަރުކުރަނީއެވެ.

މިފަދަ ޙާލަތަކަށް މީސްތަކުން ދިޔުމުން އަނެއްކާ ވެސް އެހެން ބަޔަކަށް ﷲ ބާރުދެއްވައެވެ. އެ ޖައްބާރުންގެ ނުބައިކަން ފަޟީޙަތް ކުރައްވައެވެ. މީގެކުރިން ބިންމަތީ ބޮޑާވެގަތް އެފަދަ ނުލަފާ ވެރިން އެބައިމީހުންގެ އަމިއްލަ ނަފުސުތައް "ކަލާނގެ"އެއްގެ ދަރަޖައަށް ގެންދިޔައެވެ. މިހާރު ވެސް ހަމަ އެހާ ނުލަފާ މީހުން އެބަތިއްބެވެ. "ތިމަންނާއީ ތިޔަބައިމީހުންގެ ކަލާނގެއޭ" ނުބުނާކަން އެކަންޏެވެ. އިންސާނަކު އިންސާނަކަށް ނުކުރާނެވަރަށް ބައެއްމީހުން މިހާރު ވެސް އެހެންމީހުންނަށް އަނިޔާކުރެއެވެ.

އޭގެ ދިރިހުރި މިސާލަކީ ފަލަސްޠީނުގެ މުސްލިމުންނަށް ޒަޔަނިސްޓު ޔަހޫދީން ދެމުންގެންދާ ރަހުމު ކުޑައަނިޔާއާއި ހިންގާ ޖަރީމާތަކެވެ. އަދި މި ނޫނަސް އެތައް ޤައުމަކުން އެ ޤައުމުތަކުގައި ތިބި މުސްލިމުންނަށް ކުރާ ގޯނާއެވެ.

އިސްލާމްދީން ވުޖޫދު ވެގެން އައި ދުވަހުއްސުރެ މިއަދާ ހަމައަށް މި ދީނުގެ ޢަދާވާތްތެރިން ގެންދަނީ އެކިއެކި ގޯނާ ދީގެން މުސްލިމުން އެބައިމީހުންގެ ދީނުން ބޭރުކުރެވޭތޯ ބަލަމުންނެވެ. އެހެނަސް މުސްލިމުންނަކީ އީމާނުގެ ގޮތުން އެއަށްވުރެ ހަރުދަނާ ބައެކެވެ. ޢަޒުމު ވަރުގަދަ ހިތްވަރު ހުރި ބައެކެވެ. އެހެންކަމުން މުސްލިމުން ދީނުން ބޭރުނުކުރެވޭނެ ކަން އެނގި ކަށަވަރުވާތީ، މި ދީނުގެ ޢަދާވަތްތެރިން ބޭނުންވަނީ މުސްލިމުން މަރާ ހުސްކޮށްގެން ނަމަވެސް މުޅި ދުނިޔެއިން އިސްލާމްދީން ފުހެލާށެވެ. އެހެނަސް އެ ކަމުގައި ކާފިރުންނަށް ލިބޭ މާބޮޑު ކާމިޔާބެއް ނޯވެއެވެ. އެއީ މުސްލިމުންގެ ހިތްވަރު ގަދަކަމުންނެވެ.

މުސްލިމުން އަބަދުވެސް ބަރޯސާވަނީ ޤިޔާމަތުގެ ނިޢުމަތަށެވެ. އެ ދުވަހުގެ ބިރުވެރިކަމާއި ޢަޒާބުން މިންޖުވެ ސުވަރުގޭގެ ދާއިމީ ނިޢުމަތް ހޯދުމަށެވެ. އެ ސުވަރުގެއަކީ މި ދުނިޔެއާއި އަޅާކިޔޭވަރުގެ ތަނެއް ނޫނެވެ. އަރާމާއި ލައްޒަތުގެ ނިމުންނެތް ބަގީޗާތަކެވެ. އަނިޔާވެރިކަމާއި ބޭއިންސާފު އެ ތާނގައި ނުވެއެވެ. އާޑަކިޔުމާއި ބޭކާރު ވާހަތަކުން އެ ތަން ވަނީ ޠާހިރު ވެގެންނެވެ. އިންސާފާއި ހަމަހަމަކަމަށްވުރެ އިތުރަށް ނިޢުމަތްތައް އާވެއާވެ ހުސްވުމެއް ނުވެއެވެ.

މިފަދަ މަތިވެރި ނިޢުމަތާއި ދާއިމީ ގޮވައްޗެއްގެ އަގު ވަރަށް ކުޑަވާނެ ކަމަށް ދެކޭނީ މޮޔައިންނެވެ. އެހެނަކުންނޫނެވެ. މި ދުނިޔެއިން ހަމައެކަނި ކުޑަ ބިންކޮޅެއް ހޯދަން އުޅުނު މީހަކަށް ވެސް އޭގެއަގު ބޮޑުކަން އެނގޭނެއެވެ. މިއީ މާދަމާ ވެސް ނެތި ފަނާވެދާ ބިމުގެ އަގެވެ. އެހެންކަމަށްވާނަމަ ނިމުމެއްނުވާ ދާއިމީ ސުވަރުގޭގެ އަގު އަންދާޒް ކޮށްލާށެވެ! ﷲ ވަޙީކުރެއްވިއެވެ.

﴿أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا ﴾ ‎(سورة البقرة: ٢١٤) މާނައީ: "ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ ހާލުތައް ތިޔަބައިމީހުންނާ ހަމަޔަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެ ކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިޔައެވެ."

އެއީ ކިހާ ވަރަކަށް އެރި ގުޑުމެއް ބާއެވެ؟ ކޮންކަހަލަ ތަކުލީފު ތަކެއް ދިން ބަލިމަޑުކަމެއް ބާއެވެ؟ އެއީ ކެތްތެރިކަން ކޮޅުންލައި، ދެން ނުހިފެއްޓޭވަރު ވަންދެނެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ﴾ ‎( سورة البقرة: ٢١٤) މާނައީ: "ރަސޫލާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އީމާންވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. اللَّهގެ ނަޞްރު އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟" އޭގެ ޖަވާބު އެބައިމީހުންނަށް ﷲ ދެއްވީ ﴿أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ﴾ ‎( سورة البقرة: ٢١٤) މާނައީ: "ދަންނާށެވެ! ހަމަކަށަވަރުން، اللَّهގެ ނަޞްރު ވަނީ ދާދި ގާތުގައެވެ." މިފަދައިންނެވެ.

އޭ ލޮބުވެތި މުސްލިމް އަޚުންނޭވެ! އުޚްތުންނޭވެ! ﷲގެ ނަޞްރު ވަނީ ވަރަށް ކައިރީގައެވެ. އެހެންޏާ ކާފިރުންގެ މައްޗަށް ބާރުގަދަވުމެވެ. ނޫނީ އެ މީހުންގެ ހަމަލާއެއްގައި ޝަހީދުވުމެވެ. މިއަދު ފަލަސްޠީނުގައި އެ ހިނގަނީ މިކަންކަމެވެ. އެބައިމީހުންނަށް ދެގޮތުގައި ވެސް އޮތީ ކާމިޔާބެވެ.

އެބައިމީހުންނަށް ކެތްތެރިކަން ދެއްވައިތޯ ﷲއަށް ދުޢާކުރުން ގިނަކުރާށެވެ!
﴿أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ﴾ "ދަންނާށެވެ! ހަމަކަށަވަރުން، اللَّهގެ ނަޞްރު ވަނީ ދާދި ގާތުގައެވެ."

ގުޅޭ ޓެގު
comment ކޮމެންޓް