ހައިކޯޓުގެ ރަޖިސްޓްރާ ނުބަލަން ނިންމެވި، ޝަމްއާންގެ އިސްތިއުނާފު ބަލަން ފަނޑިޔާރުން ނިންމަވައިފި

މުހައްމަދު ޝަމްއާން ވަހީދު: ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން އޭނާ ވަނީ ވަކިކޮށްފައި -- ފޮޓޯ/ އިމިގްރޭޝަން

ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހި މައްސަލައިގައި އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައިގަތުމަށް އެ ކޯޓުގެ ފަނޑިޔާރުން އިއްޔެ ނިންމަވައިފިއެވެ.

ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ އާދިއްތަ ދުވަހު ވަނީ ނިންމައިފައެވެ.

https://sun.mv/204457

ޝަމްއާންގެ މައްޗަށް ކުރި ފުރަތަމަ ބަންދު އަމުރު އިސްތިއުނާފު ކުރުމުން މިދިޔަ މަހުގެ 27ގައި ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވައިފައެވެ.

އެ ނިންމެވުމުގައި ވަނީ، މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދައިފައިވާ ކަމަށް ނުވަތަ ރިއާޔަތް ކުރަން ޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތް ކޮށްފައިނުވާ ކަމަށް ނުވަތަ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތް ކޮށްފައިނުވާ ކަމަށް ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ގާނޫނު ހުއްދަ ކުރާ މިންގަނޑަށް ވާސިލުނުވެވޭ ކަމަށެވެ. އަދި އެފަދައިން ކަންކަން ހުރިކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބަޔާންކުރަން ވާނެ ކަމަށެވެ.

ޝަމްއާންގެ ފަރާތުން ހުށަހަޅައިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިއާޔަތްކޮށް، ރަޖިސްޓްރާ ނިންމެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަމުރު ނެރުއްވުމުގައި އިޚުތިޔާރު ބޭނުންކުރެވި ގޮތުގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަންނަންޖެހޭ ފަދަ ހާލަތެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. އެހެންވެ މައްސަލަ ބަލައިގަނެވެން ނެތް ކަަމަށެވެ.

ރަޖިސްޓްރާގެ ނިންމެވުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ފަނޑިޔާރު ހުޒައިފާގެ ނިންމެވުމުގައި ވަނީ މިހާރު ކުރިއަށްދާ މަރުހަލާގެ ބޭނުމަށް ހުށަހަޅައިފައިވާ ނުކުތާތަކުގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭ ކަމަށާއި އެހެންވެ ރަޖިސްޓްރާގެ ނިންމެވުން ރަނގަޅު ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުން -- ފޮޓޯ/ ފުލުހުން

ފަނޑިޔާރު ފަރުހީޒާ އެ ރައުޔަށް ތާއިދުކުރެއްވިއިރު، ފަނޑިޔާރު މުހައްމަދު ސަލީމްގެ ރައުޔުގައި ވަނީ ރަޖިސްޓްރާގެ ނިންމުން މުރާޖާ ކުރުމަށް އެދި ހުށަހެޅި ސަބަބުތަކުގެ މައްޗަށް ބަލާއިރު، އެ މަރުހަލާގެ ބޭނުމަށް، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ފަދަ ގާނޫނީ ބަހުސެއް އޮތް ކަމަށް ދެކޭތީ ރަޖިސްޓްރާގެ ނިންމުން ބަދަލު ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެހެންވެ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ރަޖިސްޓްރާގެ ނިންމުން ބާތިލުކުރައްވައި، މައްސަލަ ބަލަން ވަނީ ނިންމަވައިފައެވެ.

ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ. އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

https://sun.mv/204214

ޝަމްއާންގެ ގެއިން ބައިމިލިއަނެއްހައި ނަގުދު ފައިސާ ފެނިފައިވާއިރު، އެއީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ. އަދި، އެ ފައިސާއަކީ އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއެއްގެ އަތުގައި ހުރި 530،000 ރުފިޔާކަމަށް ތުހުމަތުކުރެވެއެވެ.

އެ މައްސަލައިގައި އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އެއީ:

  • މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި
  • އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް
  • ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް
  • އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ

ކޮރަޕްޝަނުގެ ތުހުމަތު ކުރެވުމުން ޝަމްއާން މަގާމުން ވަކިކޮށް، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު ވަނީ އައްޔަންކޮށްފައެވެ.

comment ކޮމެންޓް