ރާއްޖެ ހަލާކުކޮށްލީ ފަނޑިޔާރުން ކަމަށާއި، އެ މީހުން މިއަދު ވާނުވާގައި ތިބެން ޖެހުމުން، އަމިއްލަ ގޮތުން އެކަމާ އުފާ ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ފަނޑިޔާރުންނަކީ އެ މީހުންގެ މައްޗަށް އޮތް އިތުބާރު ނަގާލައި، ރައްޔިތުންގެ މައްޗަށް ވާނުވާ ބަންދު ޖަހާ މީހުން ކަމަށާއި، މިއަދު ވާނުވާ ބަންދެއްގައި ތިބެން ޖެހުނީ ފަނޑިޔާރުންނަށް ކަމަށެވެ.
"ފަނޑިޔާރުންނަކީ އެ މީހުންނަށް ލިބިފައި އޮންނަ ވަރުގަދަ އިމްތިޔާޒާއި އެ އޮންނަ ވަރުގަދަ އިތުބާރު ނަގައިލައިފައި ރައްޔިތުންގެ މައްޗަށް ވާނުވާ ޖަހާ މީހުން. އެހެންވީމާ މިއަދު ފަނޑިޔާރުންގެ މައްޗަށް ވާނުވާ ޖެހީމާ އަޅުގަނޑު އުފާވޭ. ފަނޑިޔާރުން ދިވެހިރާއްޖެ ހަލާކުކޮށްލައިގެން މި އުޅެނީ," ޔާމީން ވިދާޅުވިއެވެ.
ހުކުމެއް ނެތި ވާނުވާ ބަންދެއްގައި އެތައް ބަޔަކު ތިބެން ޖެހުމަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެކެވެ. ތަހުގީގު ނިމެންދެން ބަންދުކޮށްފައި ތިބޭ އެތައް ބަޔަކަށް ހުކުމްކުރާއިރު، އެ މީހުން ބަންދުގައި ތިބޭ މުއްދަތު ޖަލު ހުކުމަށްވުރެ މާ ދިގުވެއެވެ.
އެ ކަމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ ވެސް ޔާމީނެވެ.
އެ މަނިކުފާނު ވިދާޅުވާ ގޮތުގައި 48 ގަޑިއިރުގެ ތެރޭގައި ދައުވާ ކުރެވޭނެ މިންވަރަށް އެ މީހެއްގެ މައްޗަށް ހެކި ނުހޯދިއްޖެނަމަ، އެ މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެއެވެ.
ޔާމީން ވިދާޅުވި ގޮތުގައި މި މައްސަލަ ދިމާވުމުގައި ފަނޑިޔާރުންގެ ދައުރު ބޮޑެވެ.
ޕާޓީ ބަދަލު ކުރުމުން، އަދި ޕާޓީން ވަކި ކުރުމުން ވެސް މަޖިލިސް މެންބަރުކަން ގެއްލޭގޮތަށް މިސަރުކާރުގައި ވަނީ ގާނޫނަށް ބަދަލު ގެނެސްފައެވެ.
އެ ގާނޫނު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަމުންދަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން, ބަލަން ފަށައި އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުުން, ކޯޓުން ބަލަމުންދިޔަ މައްސަލަވަނީ ހުއްޓި، ސުޕްރީމް ކޯޓުވަނީ ޕެރެލައިޒްވެފައެވެ.
މި ކަމާ ގުޅިގެން އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ތެދުވެވަޑައިނުގަންނަވާތީ އޭނާއަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.