ގިނަ ވޭޕު ކާޓްރިޖްތަކަކާއި ދެ ނެނޯސްޓިކާއި، ބަނގުރަލާއެކު ބަޔަކު ހައްޔަރުކޮށްފި

އަތުލައިގަތް ކާޓްރިޖްތަކާއި ނެނޯސްޓިކްތައް އަދި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅި: މި މައްސަލައިގައި ހައްޔަރުކޮށްފަިއ ވަނީ ދެބިދޭސީން ---- ފޮޓޯ/ ފުލުހުން

ގިނަ އަދަދެއްގެ ވޭޕު ކާޓްރިޖާއި ދެ ނެނޯ ސްޓިކާއި، ބަނގުރަލާއެކު ދެ ބިދޭސީން ހުޅުމާލޭން ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި އިންވެސްޓިގޭޝަން ޓީމް ގުޅިގެން ހިންގި އިޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ގެއެއްގައި ހުރި ޓޭކްއަވޭ ތަނެއް ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިއަކާ ނެނޯ ސްޓިކް އަދި ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ބަންގްލަދޭޝަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ، 29 އަހަރުގެ އެމްޑީ ރާޖް ރައްޒާކާއި 25 އަހަރުގެ މުހައްމަދު ތަރީގުލެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީން --- ފޮޓޯ/ ފުލުހުން

ފުލުހުން ހާމަކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުން، ހައްޔަރުކުރި ދެ ބިދޭސީންގެ އަތުން ވަނީ، ދެ ނެނޯ ސްޓިކާއި ގިނަ އަދަދެއްގެ ފްލޭވާ ކާޓްރިޖު އަތުލައިގެންފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ވޭޕް އެތެރެކުރުން ނޮވެމްބަރު މަހުގެ 15ގައި ވަނީ މަނާ ކޮށްފައެވެ. އަދި، އޭގެ ވިޔަފާރި ކުރުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މިދިޔަ ޑިސެންބަރު 15އިން ފެށިގެން ވަނީ މަނާކޮށްފައެވެ.

https://sun.mv/204605

އޭގެފަހުން، ފުލުހުން އަންނަނީ ވޭޕު ބޭނުންކުރާ މީހުން ޖޫރިމަނާކުރަމުންނެވެ.

އިއްޔެ ފުލުހުން 'ސަން'އަށް ބުނީ، މި ކުށްކޮށްގެން, މިދިޔަ މަހުގެ އެކަކުން ފެށިގެން 31ގެ ނިޔަލަށް ޖުމުލަ 27 މީހަކު 123،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް