ޔުމްނުގެ މައްސަލަ: ފުލުހުން އަމަލުކޮށްފައި ވާގޮތުގެ އިންކުއަރީއެއް ހަދަން ގޮވައިލައި ސިޓީ ކައުންސިލުން ބަޔާނެއް ނެރެން ހުށަހަޅައިފި

ކައުންސިލް މެމްބަރު ސައިފް ފާތިހާއި މަރިޔަމް ނާޒިމާ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މިނިވަން އިންކުއަރީއެއް ހަދަން ގޮވައިލައި ސިޓީ ކައުންސިލުން ބަޔާނެއް ނެރެން ހުށަހަޅައިފިއެެވެ.

ޔުމްނު ވެއްޓިފައިވަނީ މި މަހުގެ 18ވީ، ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ފެނިގެން މީހަކު ފުލުހަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.

މި ހާދިސާއާ ގުޅިގެން ކައުންސިލްގެ ދެ މެމްބަރަކު ސޮއިކޮށް މޭޔަރު އާދަމް އާޒިމަށް ފޮނުވާފައިވާ ސިޓީގައި ވަނީ، މާލެ ސިޓީ ކައުންސިލަކީ މާލޭގެ ރަށްވެހިންގެ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ މައްޗަށް މަސްއޫލުވެރި ކުރުވިފައިވާ އިންތިޚާބީ ޝަޚްސެއްް ކަމަށެވެ.

އެހެންކަމުން މިމަހުގެ 18ވީ ހުކުރު ދުވަހު ހިނގި ހާދިސާއަ ގުޅިގެން އިންސާފު ހޯދާން މާލޭގައި ޒުވާނުން އިސްވެ ހިންގަމުންދާ ސުލްޙަވެރި މުޒާހަރާތަކާ ގުޅިގެން ސިޓީ ކައުންސިލުގެ މައްޗަށް ވާޖިބުތަކެއް ހުރިކަމަށް ފެންނަކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެގޮތުން އެ ސިޓީގައި ފާހަގަކޮށްގައިވާ ކަންތައްތަކުގެ ތެރޭގައި:

  • އިންސާފު ހޯދާން ހިންގާ ހަރަކާތްތަކަށް މާލޭގެ މަގުތަކާއ،ި ހުސްޖާގަތަކާއ،ި ޕާކުތައް ހުޅުވިގެންވާކަން އޮޅުމެއްނެތި ބަޔާންކޮށް، އިންސާފަށް އެދި ގޮވާ އަޑުތަކަށް ހިތްވަރު ދިނުން
  • އެއިން ހަރަކާތަކަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލުން
  • ސަރުކާރުގެ ނުފޫޒުގަދަ ބައެއްގެ ގާތްތިމާގެ ބަޔަކު މީހުން ފިލުވުމާއި ރެކުވުމާއި ސަލާމަތްކުރާން ފުލުހުން އަމަލުކޮށްފައިވާގޮތުން ތަހުގީގުގެ އިތުބާރު ގެއްލިފައިވާކަން ފާހަގަކޮށް، އިންސާފުވެރިކަމާއި ޕްރޮފެޝަނަލް މިންގަނޑުގައި ދެފުށްފެންނަ ގޮތުގައި ތަހުގީގު ހިންގަން ސަރުކާރާއި ފުލުހުންނަށް ގޮވާލުން
  • މިމައްސަލައިގައި ސަރުކާރާއި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މިނިވަން އިންކުއަރީއެއް، މުޒާހަރާގެ ބައިވެރިންގެ ފަރާތުން ނޮމިނޭޓުކުރާ މަންދޫބުން ހިމަނައިގެން ކުރިއަށްގެންދާން ސަރުކާރަށް ގޮވައިލުން

ކައުންސިލް މެމްބަރު ސައިފް ފާތިހާއި މަރިޔަމް ނާޒިމާ ސޮއިކޮށް ފޮނުވާފައިވާ އެ ސިޓީގައި މިކަންކަން މަޝްވަރާކޮށް، ފާސްކޮށް އެކަން ބަޔާނެއްގެ ސިފައިގައި އާންމުކުރާން ވަނީ އެދިފައެވެ.

އަދި މިކަމަށް ކައުންސިލްގެ އަޣްލަބިއްޔަތު ނުރުހޭނަމަ، އެކަން ކުރާން އެދޭ ކައުންސިލް މެންބަރުންގެ ސޮޔާއެކު އެފަދަ ބަޔާނެއް އާންމުކުރުމުގެ އެފުރުސަތު ފަހިކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގުމުގެ ކުރިން، އެ ރޭ ޔުމްނު އުޅުނީ އިތުރު އަށް މީހަކާ އެކުގައެވެ.

އެ ރޭ ޕާޓީ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައި ވާއިރު އެ މީހުންނާ ގުޅޭ ތަންތަން ބަލައި ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައްސަލައިގައި ހިމެނޭ މީހުންނަކީ:

ރައުދު އަޙްމަދު ޒިލާލް

އައިޝަތު ލަޔާލީ އިގުބާލް -

އިޒްދިޔާން މުހައްމަދު މައުމޫން

ޔޫސުފް އަހުމަދު އަކްރަމް

ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު

އާމިނަތު ޖުނައިރާ ޖަމްޝީދު

ހުސައިން ހަމީސް އަލީ

އިޖާޒް ޖާއިޒް

ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އެއީ ޖުމުލަ ނުވަ މީހެއްގެ ފޯނު ކަމަށެވެ.

މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލައިގައި ހިމެނޭ ރައުދު ހައްޔަރުކޮށް، އިއްޔެ ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖަހައިފައެވެ. ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ މި މައްސަލައިގައި ފުލުހުން ހާމަނުކުރާ މުހިންމު ވާހަކަތަކެއް ބަޔާންކޮށްފައެވެ.

comment ކޮމެންޓް