ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
މިކަން "ސަން"އަށް ވަނީ ކަށަވަރު ވެފައެވެ.
ފުލުހުންގެ އިސްވެރިއަކު ދެންމެ "ސަން"އަށް ވިދާޅުވީ ޝުޖާއު އިސްތިއުފާ ދެއްވުމަށްޓަކައި އެގްޒެކެޓިވުންގެ ބައްދަލުވުމެއް މިހާރު ކުރިއަށް އެބަދާ ކަމަށެވެ.
ޝުޖާއު އިސްތިއުފާ ދޭން ނިންމާފައި ވާއިރު، މިމަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް ކަންކަން ސިއްރުކުރަން ފުލުހުން މަސައްކަތް ކުރާކަމަށް ބުނެ ޒުވާނުން ދަނީ ކޮންމެ ރެއަކު މަގުމައްޗަށް އެއްވެ އަޑު އުފުލަމުންނެވެ. މި އަޑުއުފުލުމުގައި ކޮމިޝަނަރު ޝުޖާއު އާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށް ވަނީ ގޮވައިލައިފައެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް ނެތް ކަމަށާއި އެ ހާދިސާ ހިނގިއިރު ގާތުގައި ހުރީ ވެސް ރައުދު އަހުމަދު ޒިލާލް އެކަނި ކަމަށް ފުލުހުން ބުންޏެވެ.
މި އެންމެން ފުރަތަމަ ދިޔައީ 'ޕާޓީ'އަކަށެވެ. އެއީ، އެ ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށެވެ. އޭގެ ތެރެއިން ރައުދާއި ޔުމްނު އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ގެއަކަށް ދިޔައީ ހަތަރެއް ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ.
ފުލުހުން އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ ހ. ފެންޓޯނިއާއަށެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.
ޔުމްނު ފުރާޅަށް ވެއްޓުނީ ފެންޓޯނިއާ ގޭގެ ފެންލައިޓުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ރައުދު ފަސް ދުވަހަށް ބަންދުކޮށްފައި ވާއިރު ނުވަ މީހުންގެ ޕާސްޕޯޓާއި ފޯނު ވަނީ ހިފަހައްޓާފައެވެ.
މައްސަލައިގައި ހިމެނޭ މީހުންނަކީ:
- ރައުދު އަޙްމަދު ޒިލާލް
- އައިޝަތު ލަޔާލީ އިގުބާލް
- އިޒްދިޔާން މުހައްމަދު މައުމޫން
- ޔޫސުފް އަހުމަދު އަކްރަމް
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
- އާމިނަތު ޖުނައިރާ ޖަމްޝީދު
- ހުސައިން ހަމީސް އަލީ
- އިޖާޒް ޖާއިޒް
މި މައްސަލައިގައި މިނިސްޓަރު އަމީން ދިރިއުޅުއްވާ ގެއާއި އޭނާއަށް ބޮޑުބޭބެ ކިޔާ ދެމީހުން ޝާމިލު ވެއެވެ. ނަމަވެސް، މައްސަލައަށް ނުފޫޒު ނުފޯރުވާކަމަށް އަމީން ވިދާޅުވިއެވެ.