އޮޑި ދިޔަވާން ދޫކޮށް ނުލާށެވެ!

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮޑި އެއީ ކަނޑު ދަތުރުފަތުރުކުރުމަށް ބޭނުންކުރާ އުޅަނދެކެވެ. އެއް މަންޒިލަކަށް ދާން ބޭނުންވާ އެތައް ބަޔަކު އެއް އޮޑިއަކުން ދަތުރު ކުރާނެއެވެ. ކޮންމެ މީހަކު ވަކި އޮޑިއެއްގައި ދަތުރު ނުކުރަނީ އެތައް ބައިވަރު ސަބަބުތަކެއް އެކަމުގައި އޮންނާތީއެވެ. ފައިސާގެ ދަތި ކަމެވެ. އަމާންކަމާއި ނާމާންކަމެވެ. ނޫންނަމަ އެ ނޫން ވެސް އެތައް ސަބަބެކެވެ. އެހެންކަމުން އޮޑި ދުއްވުން އެއީ އެއް ބަޔަކަށް ދިރިއުޅުން ހޯދައިދޭ ވަޞީލަތެކެވެ. އަނެއް ބަޔަކުގެ ދިރިއުޅުމަށް އޮތް ވަޞީލަތްތަކަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

މި ބުނި މޭރުމުން އޮޑިދޯނި ފަހަރުގައި ދަތުރުކުރާ އެންމެން ވެސް މަންޒިލަށް ދެވެންދެން އެކަކު އަނެކަކަށް އިޙްތިރާމުކުރަން ޖެހެއެވެ. ތިމާގެ ބޭނުންތަކާއި އިޙުސާސްތައް ފަހަށް ޖައްސައި އެ ކަމުގެ މައްޗަށް ކެތްތެރިވާން ޖެހެއެވެ. މިޒާޖުގެ ގޮތުން ތަފާތު އެތައް ބައެއް ގޮވައިގެން ދަތުރުކުރާ އޮޑީގެ ކިޔަމަންތެރިކަން ހުއްޓޭ ފަރާތަކީ އޮޑީގެ ކައްޕިތާނެވެ. އޭނާގެ ލަފާ ނުވަތަ މަޝްވަރާއެއް ނެތި އަމިއްލައަމިއްލައަށް ކަންކަންކޮށް ގޮތްނިންމާ ހަދާކަށް ނުވާނެއެވެ. އޭރުން އެއް ބަޔަކު ކުރާ ކަމެއްގެ ސަބަބުން އެންމެންގެ ފުރާނައަށް ގެއްލުންވާ ޙާލަތެއް މެދުވެރިވުން އޮންނާނީ ވަރަށް ގާތުގައެވެ.

ނޫޙުގެފާނުންގެ ނަވުގެ ވާހަކަ ނުދަންނަ ބަޔަކު މަދުވާނެއެވެ. އެ ނަވުން ދަތުރުކުރި އެންމެން ނަވުން ފޭބުމާ އެކު ނަވުގައި އުފުލި ޖަނަވާރުތައް ބިމަށް ދޫކޮށްލައި އަވަސްވެގަތީ އަލިފާން ރޯކުރާށެވެ. އެއީ ނަވުގައި ހޭދަކުރި ދިގު މުއްދަތުގައި އެ މީހުން އަލިފާން ލައިގެން ކެއްކި އެއްވެސް ކާނާއެއް ކައިފައި ނުވާތީއެވެ. ނަވުގައި ކެއްކުން ނޫޙުގެފާނު އޮތީ މަނާކުރައްވައިފައެވެ. ނަވުގެ ތެރޭގައި އަލިފާން ރޯކުރުން އެކަލޭގެފާނު މަނާކުރެއްވީ އެ ކަމުގެ ސަބަބުން ނަވަށް ގެއްލުމެއް ލިބި، އޭގައި ތިބި އެންމެންގެ ފުރާނައަށް ނުރައްކާ ވެދާނެތީއެވެ.

ނޫޙުގެފާނުގެ ބަސް ޤަބޫލުނުކޮށް އެ ނަވުގައި ބަޔަކު އަލިފާން ރޯކުރި ނަމަ، އެ ކަމުގެ ގެއްލުން އެންމެންނަށް ފޯރީހެއެވެ. އަދި މަނާ ކަމެއް ކަމުގައި އެކަން ހަމަޖައްސަވައިފައި ނެތް ނަމަ އެ ކަން ބަޔަކު ކޮށްވެސް ފާނެއެވެ. ކަންކަން މަނާވެފައި އޮންނައިރު ވެސް އެއްވެސް ފަރުވާލެއްނެތި ބައެއް މީހުން އެފަދަ ކަންކަމަށް އަރައިގަންނަމުންދެއެވެ. ގިނަ ފަހަރު އެ ގޮތަށް ކަންތައް ކުރެވެނީ ކޮންމެ މީހަކު ވެސް އިޖްތިމާޢީ މަޞްލަޙަތަށްވުރެ އޭނާގެ ފަރުދީ މަޞްލަޙަތު އިސްކުރާތީއެވެ.

އިޖްތިމާޢީ މަޞްލަޙަތު ހިފެހެއްޓުމުގައި ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުން އެއީ ވާޖިބު ކަމެކެވެ. ކޮންމެ މީހެއްގެ ބޮލުގައި ވަކިވަކިން އެޅިފައިވާ ފަރުދީ ޒިންމާއެކެވެ. އެކަކު ވެސް ކޮށްފި ނަމަ އެންމެންގެ ސަލާމަތާ ރައްކާތެރިކަން ޤާއިމުކުރެވޭނެއެވެ. އެންމެން މި ކަމާ އިހުމާލުވެއްޖެ ނަމަ، ނުވަތަ ތިމަންނާ ނޫން އަނެކަކު އެ ކަން ކުރާނެއޭ ހިތައި ދޫކޮށްލައިފި ނަމަ، އެންމެން އެކީ ހަލާކުވެދާނެއެވެ.

މި ކަމަށް އިޝާރާތްކުރައްވައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދީނުގެ ޙައްދުތަކުގެ މަތީގައި ޤާއިމުވެހުރެ، ހެޔޮ ކަންތައްތަކަށް އަމުރު ކުރުމުގައި ދެމިހުންނަ މީހާ އާއި، އެ ޙައްދުތައް ފަހަނައަޅައިގޮސް މުންކަރާތްތަކަށް އަރައިގަންނަ މީހާ އާއި، މި ދެ މީހުންގެ މިސާލަކީ، ނަވެއްގައި ދަތުރުކޮށްފައި ދިޔަ ބައެއްގެ މިސާލެވެ. އޭގެ ތެރެއިން އެއް ބަޔަކަށް ގުރުއަތުން ލިބުނީ ނަވުގެ މަތީބައެވެ. އަނެއް ބައިމީހުންނަށް ޖެހުނީ، ނަވުގެ ވަތަށް ފައިބާށެވެ. އެ ނަވުގައި ފެން ލިބެން ހުންނަނީ މަތީބައިގައެވެ. އަޑީގައި ތިބި މީހުން ފެނަށް ބޭނުންވާ ކޮންމެ ފަހަރަކު ދާންޖެހެނީ މަތީގައި ތިބި މީހުންގެ ތެރެއިންލާފައެވެ. މިހެން ދިމާވާން ފެށުމުން، މަތީގައި ތިބި މީހުންނަށް އުނދަގޫ ވެދާނެއޭ ހިތައި، އެ މީހުންނަށް އުނދަގޫ ނުކުރާންވެގެން، ވަތުގައި ތިބި މީހުން ބުންޏެވެ. ކޮންމެ ފަހަރަކު، މި ގޮތަށް މަތީގައި ތިބި މީހުންނަށް ތުރާކުރުމުގެ ބަދަލުގައި، އަހުރެމެން މި ތިބި ހިސާބުން، ނަވުގެ ފުލުގައި ލޯވަޅެއް އަޅައިގެން ފެންނެގިއްޔާ މާރަނގަޅު ވާނެއެވެ. ފަހެ، އެބައިމީހުން އެ ކަންކުރުމަށް، މަތީގައި ތިބި މީހުން ދޫކޮށްލައިފި ނަމަ، އެ ދެބައިމީހުން އެކުގައި ނެތިގެން ހިނގައިދާނެއެވެ. ނަމަވެސް، އެ މީހުންގެ އަތުގައި ހިފައި، އެ ކަން ވިޔަނުދީ ހުއްޓުވިއްޖެ ނަމަ، އެބައިމީހުން ސަލާމަތްވީއެވެ. އަދި މަތީގައި ތިބި މީހުން ވެސް ސަލާމަތްވީއެވެ." (رواه البخاري)

އެހެންކަމުން މުޖްތަމަޢުގެ އަމަންއަމާންކަމާއި ސިލްމާއި ސަލާމަތު ރައްކާތެރިކުރުމަށް ޓަކައި އޮޑި ދިޔަވާން ދޫކޮށް ނުލާށެވެ! އަތުގައި ހިފައިގެން މުންކަރާތް ހުއްޓުވާށެވެ! އެ ކަމަށް ނުކުޅެދޭ ނަމަ ދުލުން ބުނެގެން އެ ކަންކަން މަނާކުރާށެވެ! އެވަރު ވެސް ނުވާ ނަމަ، މުންކަރާތަށް ނުރުހޭށެވެ! ހިތުން އެ ކަންކަމަށް އިންކާރުކުރާށެވެ! އެއީ އީމާންތެރިކަމުގެ އެންމެ ކުޑަމިންވަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް