ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވީ...

ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ --- ސަން ފޮޓޯ : މުހަންމަދު އަފްރާހް

އެއީ 2004ގައި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި، ބިރުވެރި ސުނާމީގެ ނާމާން ހާދިސާއަށް ފަހު، ސޯޝަލް ސެންޓަރުގެ ކޮންފަރަންސް ރޫމެއްގައި ބޭއްވި ދަރުސެކެވެ. ސުނާމީއާ ގުޅިގެން ލިބުނު ހިތާމަޔާއި ކެކުޅުންތަކުން މޮޅިވެފައިވާ ހިތްތަކަށް ތަސައްލީއެއް ގެނެސްދީ، މީސްތަކުންނަށް ހިތްވަރުދީ، އެބައިމީހުންނާ ހެއްދެވިފަރާތާ އޮންނަ ގުޅުން ބަދަހި ކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ޕުރޮގްރާމެކެވެ. އެ ދަރުހުގައި ވާހަކަފުޅު ދެއްކެވީ ޑރ. ޢަބްދުއްސައްތާރާއި، ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީއެވެ.

ދެ ބޭފުޅުންގެ ވާހަކަފުޅުގައި ވެސް ޢިބުރަތުން ފުރިގެންވާ، ވަރަށް އޮއްޓަރު ރަނގަޅު ނަސޭހަތާއި، ހިތްވަރުގެ ބަސްތައް ހިމެނިގެންވިއެވެ. ދަރުސް އަޑުއެހުމަށް ޓަކައި ގޮސް ތިބި މީހުންގެ ތެރޭ ނިކަމެތި އަޅުގަނޑު ވެސް އިނީމެވެ. ފުރަތަމަ ސަފުގައެވެ. ޕޯޑިއަމާ އެންމެ ކައިރީގައި އިނީ އަޅުގަނޑެވެ. އެހެންކަމުން ސްޕީކަރުތަކުން އިވޭ އަޑާ އެކު، ޝައިޚުންގެ ދޫފުޅުން ނިކުންނަ އަޑު ވެސް ސީދާ އަޅުގަނޑަށް ދިޔައީ އިވެމުންނެވެ. ދެ ބޭފުޅުން ވެސް ދެއްކެވި ވާހަކަފުޅުތައް އަމާޒުވެގެން އައީ، ﷲގެ އަޒާބު އައުމުގެ ސަބަބެއް ކަމުގައި މުންކަރާތްތައް އާންމުވުމުގެ މައްޗަށެވެ. އެއް ބޭފުޅަކު ވިދާޅުވި ވާހަކަ އަޅުގަނޑުގެ ހަނދާނުން ފިލައިގެން ނުގޮސް މިއަދާ ހަމައަށް ވެސް އެބަހުއްޓެވެ.

ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ (رحمه الله) ވިދާޅުވީ، މިއަދު އަޅުގަނޑުމެން (ދިވެހިން) ތެރޭ މުންކަރާތް ފެތުރުން ހިތާމަކުރާ ދަރަޖައަށް އިތުރު ވެފައިވާ ކަމުގައެވެ. އެ ދުވަސްވަރަކީ ދިވެހިރާއްޖޭގެ ފުރަމާލޭގައި މާ ގިނައިން ސެލޫންތައް ހުޅުވަން ފަށާފައިވާ ދުވަސްވަރެކެވެ. މި ސެލޫންތަކަށް ނިސްބަތްކޮށް ރަށުތެރޭ ދެކެވެނީ ވަރަށް ހުތުރުކަން ބޮޑު ފާޙިޝް ވާހަކަތަކެކެވެ. އެ ވާހަކަތައް ނޫސްތަކުގައި ލިޔެ ޝާއިޢުކުރުން ވެސް އެ ދުވަސްވަރު ދިޔައީ އިތުރުވަމުންނެވެ. މި ކަންކަމަށް އިޝާރާތްކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެއީ މުންކަރާތް ފެތުރުމަށް ހުޅުވޭ ދޮރެއް ކަމުގައެވެ.

ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ (رحمه الله) ވިދާޅުވި ގޮތުގައި ފާފަޔާއި މުންކަރާތްތައް ފެށިގެން އަންނަނީ ސިއްރިއްޔާތުގައެވެ. އަދި އެ ކަން ކުރާ ބަޔަކު މަދުމަދުން އެ ވާހަކަ ދައްކަން ފެށުމުން އެ ކަންކަން ފަހަރަކަށްވުރެ ފަހަރެއް އާންމު ވަމުން ދަނީއެވެ. މި ގޮތުން މި ދެންނެވި ސެލޫންތަކުން ކުރާ ފާޙިޝް ޢަމަލުތަކުގެ ސުރުޚީތައް ފަލަ އަކުރުން ނޫސްމަޖައްލާތަކުގައި ޖެހުމާއި އެ ހިނގި މުންކަރާތެއްގެ ތަފުސީލު އާންމުކުރުން އެއީ ކުރިން އެ ކަންކަން ނޭނގޭ އެތައް ބަޔަކަށް އެ މުންކަރާތެއް ތަޢާރަފް ކޮށްދެވޭ ކަމެކެވެ.

ބައެއް ނޫސްތަކަށް ކުރެވޭ ކަމަކީ އެ ކަމެއް ހިނގި ތަނަކާއި، އެއަށް ހިނގާ ޚަރަދާއި، ވަގުތާއި، އެ ކަން ސިއްރުން ކުރުމަށް އެބަޔަކު ހަދަމުން ދާ އުކުޅުތަކާއި، ވަންހަނާވެ ތިބެ އެ ކަން ކުރި މުއްދަތާއި، އެ ކަން ފޮރުވައިފައި ބޭއްވުމަށް ކޮށްފައިވާ ކަންކަމާއި، އޭގައި ބައިވެރިވި މީހުންނާއި އެ މީހުންގެ ވަނަވަރާއި، އެފަދަ ނުބައި ފާޙިޝް ކަންކަން ކުރުމަށް ގުޅާ އުޅޭ ނަމްބަރުތަކާއި، އެ ތަންތަނުން ކުރަމުންދާ ފާޙިޝް ޢަމަލުތަކުގެ ދެން ވެސް ހުރިއްޔާ ހުރި ތަފުސީލެއް ކިޔައިދެވެން އޮތް ހުރިހާ ގޮތަކަށް ކިޔައިދެނީއެވެ.

ނޫސްތަކުގެ ބޭނުމަކަށް ވެފައި އޮންނަނީ އެންމެ ކުރިން ޚަބަރު ގެންނަ ބަޔަކަށްވުމާއި އެންމެ ތަފުސީލުކޮށް ކަމާގުޅޭ ހުރިހާ މަޢުލޫމާތެއް އެންމެ ޞައްޙަ ގޮތުގައި ގެނެސް ދިނުމެވެ. އެހެނަސް ފާޙިޝް ކަންކަމުގެ ހިޔަނިން ނޫސް ކުރިއަރުވަން މަސައްކަތް ކުރުމަކީ އޭގެސަބަބުން މުޖްތަމަޢު ފަސާދަ ވުމަށް ހުޅުވޭ ދޮރެކެވެ. މީގެކުރިން އެ ނުބައި ޖަރީމާތަކަށް އަރައިގަންނާނެ ގޮތް ނޭނގުމުގެ ސަބަބުން އެ ކަންކަން ނުކުރެވި ތިބޭ އެތައް ބަޔަކަށް ދެވޭ ފިލާވަޅެކެވެ. ޒުވާނުންނާއި ދޮށީޢުމުރުގެ މީހުންނަށް އެ ކަންކަން ތަޖުރިބާ ކުރަން ދެވޭ ހިތްވަރެކެވެ. ކިތަންމެ ވަރަކަށް އެފަދަ ފާޙިޝް ކަންކަން ކުރަން ބޭނުން ވިޔަސް ދާނެތަނެއް ހަދާނެގޮތެއް ނޭގި ތިބޭ މީހުންނަށް ކޮށައިދެވޭ މަގެކެވެ.

މުސްލިމުންގެ ޙައިޘިއްޔަތުން މިފަދަ ބޭއަދަބީ ކަންކަމުން އަޅުގަނޑުމެން ރައްކާތެރިވެ ތިބެންވާނެއެވެ. އެކަކު އަނެކަކަށް ވާގިވެރިވާންވީ ހެޔޮކަން ކަމުގައެވެ. އަދި ނުބައި ކަންކަމުގައި ވާގިވެރި ނުވުމަށް ވެސް ﷲ ވަނީ އަންގަވާފައެވެ. މި ކަމަށް ދަލީލު ދައްކަވަމުން ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަންނަނިވި އާޔަތާއި އޭގެ މާނަ ވިދާޅުވެދެއްވިއެވެ.

﴿وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ﴾ (‎سورة المائدة: ٢)‏ މާނައީ: "އަދި ހެޔޮކަންތައް ކުޅައުމާއި، ތަޢުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ ޢުޤޫބާތް ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ."

އޭ ލޮބުވެތި ކިޔުންތެރިންނޭވެ! ތިޔަބައިމީހުން ކިޔައިއުޅޭ ލިޔުއްތައް ލިޔުއްވާ ފަރާތްތަކަށް ވިޔާނުދާ ގޯސް ކަންކަމުގެ ޚަބަރު ނުފެތުރުމަށް އިލްތިމާސް ކުރާށެވެ! ރަނގަޅު ކަންކަމުން ކުރާ އެދެވޭ އަސަރާއި، ފާޙިޝް ކަންކަމުގެ ޚަބަރުން އުފެދޭ ފިތުނައާއި ފެތުރޭ އިޖްތިމާޢީ ބަލިމަޑުކަމުގެ ވާހަކަ އެބޭފުޅުންނަށް ކިޔައިދޭށެވެ. ހަނދާން ކޮށްދޭށެވެ!

އޭ އެކުވެރި ލިޔުންތެރިންނޭވެ! ތިޔަބޭފުޅުންގެ ލިޔުންތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހާސިލުވާ ލިޔުންތަކެއް ކަމުގައި ހައްދަވާށެވެ. ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަކީ ލިޔުއްވުމުގެ ޝައުޤު އޮންނަލެއް ބޮޑުކަމުން ލިޔުއްވާ ބޭފުޅުންނެވެ. ހެޔޮލަފާ ރަނގަޅު މަޢުލޫމާތު ފަތުރާ ނަމަ އޭގެ މަންފާ ދުނިޔޭގައި ކުރާ މީހުންގެ ފަރާތުން ތައުރީފުގެ ބަސްތަކާއި މަރުޙަބާގެ ތަހުނިޔާ ބަރުތީލަވެ އެމުނޭނެއެވެ. އަދި ތިބާގެ ލިޔުންތަކަށް އިންތިޒާރުކުރާނީ ޚުލްޤު ހެޔޮ ރަނގަޅު މީހުންނެވެ. އެ މީހުންގެ ހެޔޮދުޢާ ވެސް ތިބާ އަށް ލިބޭނެއެވެ. އަދި ހަމަ އެފަދައިން ތިބާގެ ފަރާތުން ލިބުނު ހެޔޮ ކަމެއް މީހަކު ބަލައިގަނެ އެ ކަމެއް ކުރުން މަތީ ދެމިހުންނަހައި ހިނދަކު، އޭނާގެ އެ ޢަމަލުން ތިބާއަށް ވެސް އަޖުރު ލިބިލިބި ހުންނާނެއެވެ. އެއީ އާޚިރަތުގައި އެންމެ މަންފާ ކުރާނެ ކަންތަކެވެ. މިއަދުގެ މި ވަގުތުން ފެށިގެން ހެޔޮމަގު ޚިޔާރުކޮށް އެ ގޮތުގެ މަތީ ސާބިތުވެލައްވާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް