މަޑުލު ވަހީދުގެ ކަށުނަމާދު އަސުރަށް ފަހު އިސްލާމީ މަރުކަޒުގައި

ޚިދުމަތްތެރިޔާ މަޑުލު ވަހީދު: --- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ, މަޑުލު މުޙައްމަދު ވަހީދުގެ ޖަނާޒާ މިއަދުގެ އަސުރު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.

އުމުރުން 77 އަހަރުގައި ވަހީދު އަވަހާރަވީ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކަކަށް ފަހު, މިއަދު އައިޖީއެމްއެޗްގައެވެ.

ވަހީދުގެ މައްޗަށް ކުރާ ކަށުނަމާދު, އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. ފަސްދާނު ލުމަށް ހަމަޖެހިފައިވަނީ އާސަހަރާގައެވެ.

ޚިދުމަތްތެރިޔާ މަޑުލު ވަހީދު--- ފޮޓޯ: ޕީއެސްއެމް

ވަޙީދަށް ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި، ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ވަހީދަށް ވަނީ ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ. ހަމަ އެ އަހަރު ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައިވެއެވެ.

ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ވަހީދު ވަނީ 50 އެއްހާ އަހަރު ޚިދުމަތް ކުރައްވައިފައެވެ.

https://sun.mv/204747

ލިޔުންތެރިއެއްގެ އިތުރުން ވަހީދަކީ ވަރަށް ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ. ދައުލަތުގެ މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެއް ޚިދުމަތް ކުރެއްވެވިއެވެ. އަދި، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ ހިންގުމަށް އުފެއްދެވި, މޯލްޑިވްސް ނެޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)ގެ ޗެއާމަންކަން ވެސް ކުރެއްވެވިއެވެ.

comment ކޮމެންޓް