މުބާރާތްތައް ބޭއްވުމުން، ދަރިވަރުންގެ މެދުގައި ދިވެހިބަހަށް ޝައުގު އުފެދޭ: އެކެޑަމީ

ދިވެހިބަހުގެ އެކެޑަމީގެ އަދަބީ މުބާރާތެއްގެ ތެރެއިން: މުބާރާތްތައް ބޭއްވުމުން ދަރިވަރުންގެ މެދުގައި ވާދަވެރިކަން އިތުރުވެ، ދިވެހި ބަހަށް ޝައުގުވެރިވާ ކަމަށް އެކެޑަމީން ވަނީ ބުނެފައި --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހިބަހާ ގުޅޭ މުބާރާތްތައް ބޭއްވުމުން ދަރިވަރުންގެ މެދުގައި ވާދަވެރިކަން އިތުރުވާ ކަމަށާއި ދިވެހި ބަހަށް ޝައުގުވެރިވާ މިންވަރު ބޮޑުވާކަން ފާހަގަކުރެވޭ ކަމަށް ދިވެހިބަހުގެ އެކެޑަމީން މިއަދު ބުނެފިއެވެ.

ދިވެހި ބަހުގެ އެކެޑަމީން އަންނަނީ ސުކޫލު ކުދިންނަށް އަމާޒުކޮށް، ކޮންމެ އަހަރަކު ވެސް ދިވެހިބަހާ ގުޅޭ އެކި މުބާރާތްތައް ބާއްވަމުންނެވެ. އޭގެތެރޭގައި، ވާހަކަދެއްކުމުގެ މުބާރާތާއި ޅެން ހެދުމުގެ މުބާރާތާއި ކުރު ވާހަކަ އަދި މަޒުމޫނު ލިޔުމުގެ މުބާރާތް ހިމެނެއެވެ.

އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ދިވެހިބަހުގެ އެކެޑަމީގެ ނައިބު ރައީސް ޒުލްފާ އިބްރާހީމް ވިދާޅުވީ، އެ މުބާރާތްތަކުގެ ކުރިއަށް ބައިވެރިންނަށް ތަމްރީނުތަކެއް ދޭ ކަމަށެވެ. އެގޮތުން، އެ ތަމްރީނުތަކުގައި ވާހަކައާއި މަޒުމޫނު ލިޔުމާއި ޅެން ހެދުމުގައި ސަމާލުކަން ދޭންވީ ކަންކަން ކިޔައިދޭނެ ކަމަށް ޒުލްފާ ވަނީ ވިދާޅުވެފައެވެ.

ދަރިވަރަކު ލިޔަނީ: މުބާރާތްތައް ބޭއްވުމުން ދަރިވަރުންގެ މެދުގައި ވާދަވެރިކަން އިތުރުވެ، ދިވެހި ބަހަށް ޝައުގުވެރިވާ ކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައި ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

އެ ތަމްރީނުތައް ކުރިއަށް ގެންދާނީ ދިވެހިބަހުގެ އުސްތާޒުންނެވެ.

މި އަހަރުގެ މުބާރާތްތައް އަންނަ ޖޫން މަހުގެ 21ގައި ބާއްވަން ހަމަޖެހިފައިވާއިރު، މި މުބާރާތްތަކުގައި ދަރިވަރުން ބައިވެރިވާނީ އެ ދަރިވަރަކު ހުރި ރަށަކުންނެވެ. އެގޮތުން، ހުރިހާ ރަށެއްގައި މުބާރާތް ކުރިއަށްދާނީ އެއް ދުވަހެއްގައި އެއް ވަގުތެއްގައެވެ.

އެފަދަ މުބާރާތްތައް ބޭއްވުމުން، ދަރިވަރު ކުރާ މަސައްކަތާއި ބަހާ ގުޅުވޭ ކަމަށް ޒުލްފާ ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ ޒުވާން ކުދިންގެ މެދުގައި، މަދަރުސާ ކުދިންގެ ހިތްތަކުގައި ބަހަށް އޮންނަ ލޯތްބާއި ޝައުގުވެރިކަމާއި ވާދަވެރިކަން ވެސް ބޮޑުވުމާ އެކީގައި އޭގެތެރެއިން ދަސްވާ އެއްޗެއް ވެސް ބޮޑުވޭދިވެހިބަހުގެ އެކެޑަމީގެ ނައިބު ރައީސް ޒުލްފާ އިބްރާހީމް

އެ މުބާރާތްތައް ބޭއްވުމުގެ މަގުސަދަކީ، ކުށްނުލައި އިބާރާތްކޮށް، މަޒުމޫނާއި ވާހަކަތައް ލިޔެ، ޅެންތައް ހަދާނެ ދިވެހި ދަރިންތަކެއް އުފެއްދުން ކަމަށް ޒުލްފާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގައި ދިވެހިބަހުގެ އެކެޑަމީގެ ޑިރެކްޓަރު ޝަހުމާ އަލީ ވިދާޅުވީ، މުބާރާތެއްގެ ސިފައިގައި އެކަންކަން ކުރިއަށް ގެންދިޔުމުން ކޮންމެ އަހަރަކު ވެސް ތަރުހީބު ބޮޑުވަމުން އަންނަ ކަމަށެވެ.

މި އަހަރު ބާއްވާ މަޒުމޫނާއި ކުރު ވާހަކަ ލިޔުމުގެ މުބާރާތުގައި 800އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު، ޅެން ހެދުމުގެ މުބާރާތުގައި ގާތްގަނޑަކަށް 400 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ޝަހުމާ ވިދާޅުވިއެވެ. އަދި، މުބާރާތްތަކުގެ ސަބަބުން ދަރިވަރުން އޯލެވެލްއާއި އެސްއެސްއީ އިމްތިޙާނަށް ތައްޔާރުވާން ވެސް ފުރުސަތު ލިބޭކަން ޝަހުމާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް