ސަލްމާން ޚާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަށް ބަޑީގެ ހަމަލާތަކެއް ދިންތާ އަހަރެއް ފަހުން އެކްޓަރު ދުއްވާ ކާރު ގޮއްވައިލާނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.
މީގެ ކުރިން ވެސް އެތައް ފަހަރެއް މަތިން މަރުގެ އިންޒާރު ދީފައިވާ އެކްޓަރަށް ފޮނުވި އިންޒާރު މި ފަހަރު ވެސް ފޮނުވީ މުމްބާއީގެ ޓްރެފިކް ޕޮލިސްގެ ހެލްޕްލައިންއަށެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މުމްބާއީގެ ވޯރްލީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓަށް ވަޓްސްއަޕް މެދުވެރިކޮށް ފޮނުވި މި މެސެޖާއެކު މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ކާކުކަން ނޭނގޭ ގޮތަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ސަލްމާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަށް ވަދެ އެކްޓަރު މަރާލާނެ ކަމަށާއި ސަލްމާން ދުއްވާ ކާރު ވެސް ގޮއްވާލާނެ ކަމަށެވެ.

ފިލްމީ ތަރި ސަލްމާން އެކްޓަރު ދިރިއުޅޭ ގެލެސްކީ އެޕާޓްމަންޓްގައި ސަޕޯޓަރުންނަށް ހަނާ އަޅަނީ--ފޮޓޯ/ބޮލީވުޑްހަންގާމާ
ސަލްމާން މުމްބާއީގައި ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަށް ބަޑީގެ ހަމަލާތަކެއް ދީފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހެވެ.
މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުން ނުލިބެއެވެ. ބަޑީގެ ހަމަލާއާ ގުޅިގެން ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގުކޮށް ނިމުނުއިރު އެ ހަމަލާ ދީފައިވަނީ އިންޑިއާގެ މަޝްހޫރު ލޯރެންސް ބިޝްނޯއި ގޭންގުން ކަމަށް ވަނީ އެނގިފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ސަލްމާނަށް އަމާޒުކޮށް މަރުގެ އިންޒާރުތަކެއް ޓްރެފިލް ޕޮލިސްގެ ހެލްޕްލައިންއަށް ކޮންމެ ވެސް މީހަކު ފޮނުވިއެވެ.
ސަލްމާނަށް ތަކުރާރުކޮށް ލިބެމުން އަންނަ މަރުގެ އިންޒާރުތަކާ ގުޅިގެން އެކްޓަރުގެ ސެކިއުރިޓީ ކަންކަން އިތުރަށް ވަރުގަދަކޮށްފައިވާއިރު އަމިއްލައަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ވެސް މުމްބާއީ ފުލުހުން ވަނީ އެކްޓަރަށް ދީފައެވެ.
ސަލްމާންގެ ސެކިއުރިޓީ ކަންކަން އިތުރަށް ވަރުގަދަ ކުރިއިރު އެކްޓަރު ވަނީ ބުލެޓްޕްރޫފް ދެ ކާރު ގަނެ ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓްގެ ބެލްކަނީގެ ބިއްލޫރިތައް ވެސް ބުލެޓް ޕްރޫފް ބިއްލޫރިއަށް ބަދަލުކޮށްފައެވެ.