އިންޑިއާގެ އެކްޓަރު ސަލްމާން ޚާންއަށް އެންމެ ފަހުން ލިބުނު މަރުގެ އިންޒާރަށްފަހު އެންމެ ފުރަތަމަ ކުރި ސޯޝަލް މީޑިއާ ޕޯސްޓާ އެކު ގިނަ ބަޔަކަށް ލިބުނީ ހައިރާންކަމެކެވެ.
ސަލްމާން ވަރަށް ވަރުގަދައަށް ކަސްރަތުކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާ އެކު ކުރި ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައި ވަނީ "ތިޔަދޭ ހިތްވަރަށް ޝުކުރިއްޔާ" މިހެންނެވެ.
ސަލްމާންގެ މި ޕޯސްޓާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް ވަނީ އެކްޓަރަށް ހިތްވަރުދީ ސަލްމާން އެނބުރި އަންނާނީ ކުރިއަށްވުރެ މާ ވަރުގަދަކޮށް ކަމަށް ބުނެފައެވެ.
މި ޕޯސްޓާ އެކު ބައެއް މީހުން ބުނެފައި ވަނީ މިއީ ދާދިފަހުން ރިލީޒްވި ސަލްމާންގެ ފިލްމު "ސިކަންދަރު"އަށް ލިބުނު ފާޑުކިޔުންތަކާ ގުޅިގެން އެކްޓަރު ކުރި ޕޯސްޓެއް ކަމަށެވެ.
https://www.instagram.com/beingsalmankhan/?utm_source=ig_embed&ig_rid=dc8944c7-af9b-4783-9890-5383f4f2f037
އަނެއްބަޔަކު ބުނެފައި ވަނީ މިއީ މި ހަފްތާ ތެރޭގައި ސަލްމާން މަރާލައި، އެކްޓަރުގެ ކާރު ގޮއްވާލާނެ ކަމަށް ބުނެ ފޮނުވި މަރުގެ އިންޒާރަށް އެކްޓަރުގެ ފަރާތުން ދިން ރައްދު ކަމަށެވެ.
ކޮންމެއަކަސް ފާހަގަކޮށްލަންޖެހޭ ކަމަކީ ސަލްމާނަކީ މިހާތަނަށް އެކްޓަރަށާއި އެކްޓަރުގެ އާއިލާއަށް ލިބެމުން އަންނަ މަރުގެ އިންޒާރުތަކާ ގުޅިގެން އެއްވެސް އިރެއްގައި އެކަމަށް ރައްދުދީ އާއްމު ޕްލެޓްފޯމްތަކުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ އެކްޓަރެއް ނޫން ކަމެވެ.
ސަލްމާންގެ މެސެޖުން އަންގައިދިނީ ކިތަންމެ އުނދަގޫ ހާލަތެއް މެދުވެރިވިޔަސް ހިތްވަރު އެލުވާ ނުލާ ކުރިއަށްވުރެ ބޮޑަށް މަސައްކަތްކޮށް ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ކަމުގައި ބައެއް މީހުން ވަނީ ސިފަކޮށްފައެވެ.
މިދިޔަ މަހުގެ 30ގައި ސިނަމާތަކުގައި ރިލީޒްކުރި ސަލްމާންގެ ފިލްމު ރިލީޒްކުރަން އޮތް ދުވަހު ފިލްމު އޮންލައިންކޮށް ލީކުކޮށްލުމަށް ގުޅިގެން އެ ފިލްމަށް ވަނީ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.
ޖުމްލަ 200 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމަށް ބޮކްސް އޮފީހުގައި މިހާތަނަށް ލިބިފައިވަނީ އެންމެ 175.53 ކްރޯޑު ރުޕީސްއެވެ.