އިޞްލާޙުކުރުމުގައި އޯގާތެރިވުން

ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރަނގަޅުކުރަންޖެހޭ ކޮންމެސް ކަމެއް އަބަދު ވެސް އޮންނާނެއެވެ. އެ ކަން އެނގޭނީ ދުރުގައި ބަލަން ތިބޭ މީހުންނަށެވެ. އެ މީހުންގެ ތެރޭގައި އިޞްލާޙަށް ގޮވައިލާ މީހުންނާއި، ދެނަހުރިކަމަށް ވެސް ނުހަދައި އަޅައިނުލާ ތިބޭ މީހުން ވެސް އުޅޭނެއެވެ. އެންމެ ރަނގަޅު މީހުންނަކީ އިޚްލާޞްތެރި ނިޔަތަކާ އެކު އިޞްލާޙަށް މަސައްކަތްކުރާ މީހުންނެވެ. އިޞްލާޙުކުރަން ގޮވައިލާ މީހުން ވާންޖެހޭނީ ކެތްތެރި ނަމޫނާވެރި ބަޔަކަށެވެ.

އިޞްލާޙުކުރުމުގައި އެންމެ އޯގާތެރި ނަމޫނާ ދެއްކެވި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلمގެ ޢަމަލުފުޅުން އެ ކަން ކުރެއްވި ގޮތުގެ ފިލާވަޅަކަށް ބަލައިލަމާ އަންނާށެވެ. ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި އިތުރު އެކަލޭގެފާނާއި އެހެން ބައެއް ޞަޙާބީން ވެސް މިސްކިތްކޮޅުގައި ތިއްބަވަނިކޮށް ރަށްފުށުގެ މީހުންކުރެ މީހަކު އައިސް މިސްކިތްކޮޅަށް ވަނެވެ. މި ވާހަކައަކީ އަބޫ ހުރައިރަތުގެފާނުގެ ކިބައިން އަބީ ސަލަމާގެ ކިބައިން މުޙައްމަދު އިބްނު ޢަމްރޫގެ ކިބައިން ޢަލިއްޔު ބުނު މުސްހިރުގެ ކިބައިން ބަކުރު ބުނު އަބީ ޝައިބާގެ ކިބައިން، މުހައްދިޘު އިބުނު މާޖާ ރިވާކުރެއްވި (ޢިބުރަތްތެރި ފިލާވަޅުތަކެއް ހިމެނޭ ވަރަށް ރީތި) ވާހަކައެކެވެ.

އަބޫ ހުރައިރަތުގެފާނު އެހެން ބޭބޭކަލުންނާ އެކު ރަސޫލު ﷲ صلى الله عليه وسلمގެ އަރިހުގައި މިސްކިތްކޮޅުގައި އިންނަވަނިކޮށް އިޢުރާބީ ކަލޭގެ ވަދެފައި (ދުޢާއެއްކުރަން ހަރުއަޑުން) ގޮވައިލިއެވެ. "އޭ ﷲއެވެ. ތިމަންނާއަށާއި މުޙައްމަދުގެފާނަށާއި ފާފަފުއްސަވާނދޭވެ! ދެން މިތާ މި ތިބަ އެކަކަށް ވެސް ފާފަ ނުފުއްސަވާނދޭވެ!" އެ އަޑު އައްސަވައިފައި އިތުރު އެކަލޭގެފާނުން ތަބައްސަމުކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. "ވަރަށް ފުޅައުކޮށް ކުރެވެން އޮތް ކަމެއް، ހަމަކަށަވަރުން ތިބާ ވަރަށް ހަނިކޮށްފީމުއެވެ." (*ނޯޓު: ތަބައްސަމުކުރެއްވުމަކީ ތުންފަތްމައްޗަށް ހިނިތުންވުމެއް ގެނައުމެވެ. އެއީ ހިނިވަރުނަކުރެއްވުމެއް ނޫނެވެ. އެބަހީ އަޑުލައި ހުނުމެއް ނޫނެވެ.)

ޢަޢުރާބީންނަކީ ކޮންބައެއް ކަން ވެސް އެނގުން މުހިންމެވެ. އެއީ ރަށްފުށުގެ މީހުންނެވެ. އެއީ މަދަނީ ދިރުއުޅުމާ (city life)އާ ބީރައްޓެހި މީހުންނެވެ. އެ މީހުންގެ ކިބައިގައި އެކުވެ އުޅުމުގެ ގޮތްގަނޑާއި ވައްޓަފާޅި ވަރަށް ކުޑަވާނެއެވެ. ވިސްނުމުގެ ނަޒަރިއްޔާ ހަނިވާނެއެވެ. އަޅުގަނޑުމެންގެ މި ޒަމާނުގައި އެހެން އެކަން ނުވެދާނެއެވެ. އެއީ މިއަދު އަޅުގަނޑުމެން މި އުޅެނީ ހުޅުވިފައިވާ މުޖުތަމަޢެއްގައި ކަމަށް ވާތީއެވެ. ބަވަނަވަމުން އަންނަ ދުނިޔޭގައި އިޖްތިމާޢީ މިލްޖުލްވުން ފުޅާވެފައި މި އޮންނަނީ ސްކްރީނެއްގެ ޒަރިއްޔާއިން އިންޓަނެޓް މެދުވެރިކޮށެވެ. ހުރިހާ އެންމެން ހުރިހާ ތަނެއްގައި ވެސް އެބަ އުޅެވެ. ހުރިހާ ކަމެއް އެންމެންނަށް ވެސް އެބަ ފެނެއެވެ. އެނގެއެވެ. އެހެނަސް މިފަދަ ގުޅުންތަކާއި ވަޞީލަތްތަކާ ދުރުގައި ތިބޭ މީހުން އެ ނޫން މީހުންނާ އެއްވަރަށް ތަހުޒީބު ނުވެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މި ވާހަކައިގައި އުޅޭ އަޢުރާބީއަކީ ވެސް މީސްތަކުން ދެކެފާނެ ގޮތަކަށް ބުނެފާނެ އެއްޗަކަށް ބަލައިގެން އުޅުނު މީހެއް ނޫންކަން އެބަ އެނގެއެވެ. އެއް މަޖިލީހެއްގައި އެތައް ބޭކަލުންނެއް ތިއްބަވަނިކޮށް އޭނާއަށާއި ނަބިއްޔާ صلى الله عليه وسلمއަށް އެކަނި ފާފަފުއްސެވުން އެދި ދުޢާކުރީއެވެ. އަދި އެވަރަކުން ނިންމައިލީއެއް ވެސް ނޫނެވެ. ދެން ތިއްބެވި އެއްވެސް ބޭފުޅަކަށް ފާފަނުފުއްސަވައިދެއްވުން ވެސް އެދި ދެންނެވީއެވެ. ދެން ތިއްބެވި ބޭބޭފުޅުން ހިތްޕުޅަށް އަރާވަޑައިގަންނަވާނޭ އެއްޗަކަށް އެކަލޭގެ އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އެ އަޑު އައްސަވައި އެކަލޭގެ އެކުރެއްވި ކަންތަކުގެ މައްޗަށް ތަބައްސަމުކުރެއްވުމުން ވެސް އަޢުރާބީގެ ކިބައިގައި ހުރި ނުފާޑުކަމުގެ ސިފަ އިތުރަށް ކިޔައިދެއެވެ. ރަށްފުށުގެ މީހުންގެ ހަމަޔާލަމަ ހުންނަނީ އެ ޒާތަށްކަން އިތުރު އެކަލޭގެފާނު ދެނެވަޑައިގަންނަވެއެވެ.

ކޮންމެއަކަސް މި ހިނގި ކަމެއް ހިނގުމަށްފަހު ދެން ވެސް މިކަލޭގެ މަޑުން ހުރީއެއް ނޫނެވެ. އަބޫހުރައިރަތުގެފާނު ވިދާޅުވެދެއްވި ގޮތުގައި، މިކަލޭގެ އެބޭކަލުންނަށް ފުރަގަސްދީ އެނބުރި މިސްކިތުގެ އަނެއް ފަރާތަށް ހިނގައިގަތެވެ. އެދިޔަ ގޮތަށް ގޮސް މިސްކިތުގެ ކަނަކަށް ވާގޮތަށް މަޑުކޮށް އުޑަފައިން އިށީނދެ ދެފައި ދުރުކޮށްފައި މިސްކިތްތެރެއަށް ފަހަރުވާލައިފިއެވެ. މި މަންޒަރު ދެކެފައި ޞަހާބީ ބޭކަލުން ކޯފާ އިސްކުރެއްވި އަޑު މިސްކިތްތެރޭ ކޮންމެސް ވަރަކަށް ގަދަވިއެވެ. އަދި ބައެއް ބޭފުޅުން އޭނާއާ ދިމާލަށް ވަޑައިގަންނަވަން ފެއްޓެވުމުން، ﷲގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އެބޭކަލުންނަށް އެކަން މަނާކުރެއްވިއެވެ. އަދި އަޢުރާބީ ކަލޭގެ އޭނާގެ ބުރަ ބާލައި ހުސްކުރަންދެން ދޫކޮށްލެއްވުމަށް އެންގެވިއެވެ.

އަޅުގަނޑުމެންގެ ސިކުނޑީގައި މި ހާދިސާ ތަސައްވުރުކޮށްލަމާ ހިނގާށެވެ. ތިބާ އެ ވަގުތު އެ ތަނުގައި ހުރި ނަމަ، ތިބާގެ ހިތުގައި އުފެދޭނީ ކޮން ޝުޢޫރުތަކެއްތޯ؟ އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ! އެކަލޭގެ ފުރަތަމަ އައިސް އެ ކުރި ދުޢާ ހަނދާނަށް ނާންނާނެހެއްޔެވެ؟ ދެން އެ ކުރި ބަދުދުޢާ އަދި މާ ބޮޑަށް ހަނދާން ވާނެ ނޫންހެއްޔެވެ؟ މިހެން މި ކަން ކޮށްފައި އަދި އެބޭކަލުން އެންމެ މާތްކޮށް ހިތްތަވާ ﷲގެ ގެކޮޅަށް ކުޑަގިފިލިކުރީއެވެ. ކުޑަކަމުދާތަކެއްޗަކީ ނަޖިހެވެ. ނަޖިހެއް ހުރިތަނެއްގައި ނަމާދު ޞައްޙަނުވާނެއެވެ. މި ހުރިހާކަމަކާ ވިސްނާއިރު ޞަޙާބީން ކޯފާއިސްކުރެއްވުން ޙައްޤެވެ. އެ ކަމަށް ފުރިހަމައަށް ހެކިވާ މީހަކު ކަމުގައި މިހާރު ތިބާ ވެސް ވަމު ނޫންތޯއެވެ؟

ސަޙާބީން އަޢުރާބީގެ ގާތަށް ދިޔުން މަނާކުރައްވައި އެބޭކަލުން ހިމޭންކުރައްވައިފައި، ޚުދު އެކަލޭގެފާނު އޭނާގެ ކައިރިއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ކަންތައް ކުރެއްވި ގޮތް ބަޔާންކޮށް އަޢުރާބީ ކަލޭގެ ބުންޏެވެ.

"އިތުރު އެކަލޭގެފާނު ތެދުވެވަޑައިގެން ތިމަންނާގެ ކައިރިއަށް ވަޑައިގެންނެވިއެވެ. ތިމަންގެ މަންމައާއި ބައްޕަ އެކަލޭގެ ފާނަށް ފިދާކުރަމެވެ. އެކަލޭގެފާނު ތިމަންނާއަށް ނުރުހުންތެރިވެވަޑައެއް ނުގަންނަވައެވެ. އަދި ތިމަންނާ ބޭޒާރުކޮށެއް ވެސް ނުލައްވައެވެ." އެހެނަސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މިސްކިތައް ކުޑަކަމުދާކަށް ނުވާނެއެވެ. މިސްކިތް ބިނާކޮށްފައި ހުންނަނީ ﷲ ހަނދުމަކުރުމަށާއި، އެއިލާހަށް ނަމާދުކުރުމަށެވެ."

މިއީ ކިހާ އޯގާތެރި ނަބިއްޔެއްތޯއެވެ؟ ހުރިހާ ހާލަތްތަކަކަށް ރިޢާޔަތްކުރައްވަން ދެނެވަޑައިގަންނަވާ ނަބިއްޔެކެވެ. އެނގޭ މީހުންނާއި ނޭނގޭ މީހުން ފަރަޤުކުރައްވައި އެ ބަޔަކާ އެކަށޭނަ މިނަކުން މުޢާމަލާތްކުރައްވަން ނިކަން ކުޅަދާނަ ނަބިއްޔެކެވެ. އޭނާއަށް އިތުރަށް ހިފަހެއްޓެން ނެތީމާ ބުރަ ބާލާން ކުރި ކަމެއްކަން ދެނެވަޑައިގެންނެވީއެވެ. އޭނާއަށް ގޯސް ޢަމަލެއް މި ހިންގެނީ ކޮން ތަނެއްގައި ކަން އޭނާއަށް ނޭނގެނީއެވެ. އޭނާގެ ކިބައިގައި ޢަދާވަތްތެރިކަމެއް ނުވަތަ އެހެން މީހުން ރުޅިއަރުވާނެ ނިޔަތެއް އޮވެގެން ކުރި ކަމެއް ނޫންކަން އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ. އޭނާއަށް ނަސޭހަތް ދެއްވުމުގެ ބަދަލުގައި، ކޯފާ އިސްކުރައްވައިފައި ތިއްބެވި ޞަޙާބީންނަށް އޭނާ ދޫކޮށްލެއްވި ނަމަ، އިސްލާމްދީނާ މެދު ޢަދާވާތްތެރިވާނޭ އިތުރު މީހަކު ކަމުގައި އޭނާ ވެދާނެއެވެ. އެ ގޮތަށް އެކަން ނުކުރައްވައި އިސްލާމްދީނުގެ ދަޢުވަތަށް ދޮރު ހުޅުވައިލެއްވީއެވެ. އިޞްލާޙުކުރެއްވުމުގައި އޯގާތެރި އުޞްލޫބު ޚިޔާރުކުރެއްވީއެވެ.

އަޢުރާބީ ކަލޭގެއަށް ޙިކުމަތްތެރިކަމާ އެކު ނަސޭހަތްދެއްވުމަށްފަހު، ޞަހާބީންނަށް ގޮވައިލައި ޙަދީޘްކުރެއްވީ ބާދިލީއެއްގެ ފެން ގެންނެވުމަށެވެ. އަދި ފެން ބާދިލީ ގެންނެވުމުން، އެކަލޭގެ ނަގިސްކުރިތަނަށް އޮއްސައިލެއްވިއެވެ. މައްސަލަ ނިމުނީއެވެ. އިތުރަކަށް ބުނާނެ އެއްޗެއް ނެތެވެ. އެންމެ ފަހުގެ އަމުރުކުރައްވަން ހުންނެވި ފަރާތުން ފުރިހަމައަށް ފައިސަލާކުރެއްވީއެވެ. ދޭދޭ ފަރުދުންގެ މެދުގައި މައްސަލަ ޖެހޭކަށް ފުރުޞަތެއް ނެތެވެ. އިޞްލާޙުކުރުމުގައި އޯގާތެރިވުން އިސްކުރައްވައި އެކަމުގެ ނަމޫނާ ދެއްކެވީއެވެ. ޞަޙާބީންގެ ކޯފާ މަޑުކުރައްވައި އެބޭފުޅުންގެ ކުށެއްއޮތްކަން ވެސް ވިސްނިވަޑައިގެންނެވީއެވެ. އިޞްލާޙުކުރަންވީ ކަންކަން ވެސް އުނގެނިވަޑައިގެންނެވީއެވެ. އަޢުރާބީ ކަލޭގެ ތަރުބިއްޔަތުކުރެވުނީއެވެ. އެކަމުގައި ގޯސް ތަކުރާރުނުކުރަން އެގުނީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް