ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު، މަޑުލު މުހައްމަދު ވަހީދު މިދިޔަ ހޯމަ ދުވަހު އަވަހާރަވުމާ ގުޅިގެން، ވަހީދުގެ ހަނދާނުގައި ބާއްވާ ތައުޒިޔާގެ ދަފުތަރު މާދަމާ ހުޅުވުމަށް ނިންމައިފިއެވެ.
އުމުރުން 77 އަހަރުގައި ވަހީދު އަވަހާރަވީ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކަކަށް ފަހު, މިދިޔަ ހޯމަ ދުވަހު އައިޖީއެމްއެޗުގައެވެ.
ވަހީދުގެ ތައުޒިޔާގެ ދަފުތަރުގައި ޝުއޫރު ފާޅުކުރެއްވުމަށް ހުޅުވާލާފައި ވަނީ މާދަމާ ހެނދުނު 10:15އިން ފެށިގެން މިމަހުގެ 30ވާ ބުދަ ދުވަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00އިން ފެށިގެން މެންދުރުފަހު 1:30އަށް، ދިވެހިބަހުގެ އެކެޑަމީގައެވެ.
މަޑުލު ވަހީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
މަޑުލު ވަހީދު އަވަހާރަވީއިރު، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 46 އަހަރަށްވުރެ ދިގު މުއްދަތެއް ވަނީ ވެފައެވެ. ވަހީދަކީ ލިޔުންތެރިކަމުގައި ދެމިހުންނެވި ބޭފުޅެކެވެ. ރީތި ގިނަ ވާހަކަތަކާއި، މަޒުމޫނުތަކާއި، ނަސޭހަތާއި ތަފާތު ލިޔުންތައް ދޫކުރައްވައިފައިވާ ބޭފުޅެކެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2019ވަނަ އަހަރު ލިބިވަޑައިގެންނެވި ވަހީދަށް އާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު ދެ ފަހަރު ލިބިވަޑައިގެންނެވިއެވެ.
އެއީ 1997ވަނަ އަހަރު ކުރުވާހަކަ ލިޔުމުގެ ރޮނގުންނާއި، 1985ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުންނެވެ.
ނޫސްވެރިކަމުގައި ވަހީދު ކުރައްވައިފައިވާ އަގުހުރި މަސައްކަތްޕުޅަށް 2018ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންނެވިއެވެ.
އެކެޑަމީންވަނީ މަޑުލު މުހައްމަދު ވަހީދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިފައެވެ.