މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ފައިސާ ހަމަޖައްސައިދީފިނަމަ، މިހާރަށްވުރެން މާ ބާރަށް އެ މަސައްކަތްކޮށް ނިންމައިލާނެ ކަމުގެ ޔަގީންކަން، މާލޭގެ މޭޔަރު އާދަމް އާޒިމް ދެއްވައިފިއެވެ.
އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި މިރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލެއާއި ވިލިމާލޭގެ މަގުތައް ހަލާކުވުމާއި، ވިލިމާލެ ގިރުމުގެ މައްސަލަ ވެސް ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ.
އެހެން ނަމަވެސް މި މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އިންފްރާންސްޓްރަކްޗާގެ މަސައްކަތް ކުރެވޭނީ ދައުލަތުގެ ބަޖެޓުން ކަމަށާއި، އެއީ މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން ހިންގޭ ވަރަށްވުރެ ބޮޑު މަޝްރޫއުތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
"ވިލިމާލޭގެ މަގުތައް ހަދަންވެފައި ހުރީ، ހަމަ އެ ގޮތަށް މާލޭގެ މަގުތައް ވެސް ހަދަންވެފައި ހުރީ. އެކަމަކު އެ ބަޖެޓު އެ ހުރީ ސަރުކާރުގައި. ސަރުކާރުން އެ ބަޖެޓު އަޅުގަނޑުމެންނަށް އެލޮކޭޓުކޮށްފިއްޔާ، އަޅުގަނޑު މި ދެނީ ޔަގީންކަން ރައްޔިތުންނަށް، މިއަދަށްވުރެ މާ އަވަހަށް، މާ ބާރަށް މާ ފުރިހަމަކޮށް އެ މަސައްކަތްތައް ނިންމަމުން ދާނަން" އާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުގެ ބަޖެޓަށް މި އަހަރު ފައިސާ ލިބިފައިވަނީ 23 މިލިއަން ރުފިޔާ މަދުންނެވެ.
އާޒިމް ވިދާޅުވީ ބަޖެޓުގެ ގޮންޖެހުންތައް މާލެ ސިޓީ ކައުންސިލަށް ކުރިމަތިވެފައި އޮތް ނަމަވެސް މާލެއަށް ކުރިމަތި ވެފައިވާ މައްސަލަތަކަށް ހައްލުތައް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، މާލޭގެ މަގުތަކުން މިހައިތަނަށް 3،500އަށްވުރެ ގިނަ ކާނުތައް ސާފު ކުރުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، މިސްކިތްތައް ސާފު ކުރުމުގެ އިތުރުން، މަގުތައް މަރާމާތު ކުރުން އާޒިމް ފާހަގަކުރެއްވިއެވެ.
މިފަދަ މަސައްކަތްތަކަށް މާލެ ސިޓީ ކައުންސިލަށް އިތުރު މުވައްޒަފުން ނެގިއިރު، އެ މުވައްޒަފުންގެ މުސާރަ ވެސް ހަމަޖައްސަމުންދަނީ، ކައުންސިލްގެ ބަޖެޓުންކަން އާޒިމް ފާހަގަ ކުރެއްވިއެވެ.
މާލޭގައި މަގުހެދުމުގެ ބޮޑު މަޝްރޫއެއްގެ ގޮތުގައި އެންމެ ފަހުން ކުރިއަށްގެންދިޔައީ އަމީނީ މަގު ހެދުމުގެ މަޝްރޫއެވެ. އެ މަޝްރޫއަކީ 39 މިލިއަން ރުފިޔާއަށް މާލޭސިޓީ ކައުންސިލާ ހަވާލު ކުރި މަޝްރޫއެކެވެ.
ނަމަވެސް، ފަހުން ވަނީ މި މަޝްރޫއުގެ މަަސައްކަތް ސަރުކާރު ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފައެވެ. އެއީ ސިޓީ ކައުންސިލަށް އެ މަސައްކަތް ހަވާލުކުރި ވަރަށް ވުރެ ދެގުނަ އަގު ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.
ޕްލޭނިން މިނިސްޓްރީން އާރުޑީސީއަށް ހަވާލު ކުރީ 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށެވެ. އަދި އެއީ 10 މަސް ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ.
މި މަސައްކަތް ދިގުދެމިގެން ދިއުމުގެ ސަބަބުން އޭރު ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ.