ސަލްމާންގެ ފިލްމީ ކެރިއަރު ނިމެން ގާތްވެސް ނުވާ ކަމަށް ޓްރޭޑް އެނަލިސްޓު ތަރަން ބުނެފި

ފިލްމު "ސިކަންދަރު"އަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އެ ފިލްމުގެ ލީޑް އެކްޓަރު ސަލްމާން ޚާންގެ ފިލްމީ ކެރިއަރުގައި ސިއްކަ ޖެހުނީ ކަމަށް ބައެއް ފަރާތްތަކުން ބުނުމާ ގުޅިގެން ފިލްމު ޓްރޭޑް އެނަލިސްޓު ތަރަން އަދާޝް އެ ފަރާތްތަކަށް ރައްދުދީފިއެވެ.

ބޮލީވުޑްހަންގާމާއަށް ދިން އިންޓަވިއުއެއްގައި ތަރަން ބުނީ، ސަލްމާންގެ ފިލްމީ ކެރިއަރަށް ނިމުން އަތުވެއްޖެ ކަމަށް ބުނެ ބައެއް މީހުން ޕޯސްޓުކޮށްފައިވާ ޔޫޓިއުބް ވީޑިއޯތަކެއް ފެނުނު ކަމަށެވެ.

ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ސަލްމާން ދެން އެނބުރި އަންނަނީ އިހުނަށްވުރެ މާ ވަރުގަދަކޮށް ކަމަށް ތަރަން ވަނީ މި އިންޓަވިއުގައި ބުނެފައެވެ. މިވަގުތު ސަލްމާނަށް އެންމެ މުހިންމީ ފިލްމީ ދާއިރާއިން ކުޑަ ބްރޭކެއް ނެގުން ކަމަށާއި ފިލްމެއް ނާކާމިޔާބު ވުމަކީ ސަލްމާން ޚާން ފަދަ އެހެން ބޮޑެތި ތަރިން ވެސް ކުރިމަތިލާފައިވާ ހަގީގަތެއް ކަމަށް ތަރަން ވަނީ ބުނެފައެވެ.

ފިލްމު "ސިކަންދަރު"ގެ ޓްރެއިލާ ރިލީޒްކުރި ހަފްލާގައި ސަލްމާން ބަތަލާ ރަޝްމިކާއާ އެކު--ފޮޓޯ/ފޭސްބުކް

އިންޑިއާގެ ސިނަމާގެ އެންމެ ވަރުގަދަ ސުޕަސްޓާރުންގެ ތެރޭގައި ހިމެނޭ ކުރީގެ އެކްޓަރު ދިލިޕް ކުމާރު ވެސް ވަނީ ހަތަރު އަހަރު ވަންދެން އެކްޓު ކުރުމާ ދުރުގައި އުޅެފައި ކަމަށާއި އޭގެފަހުން ރިލީޒްކުރި ދިލިޕްގެ ފިލްމު "ކްރާންތީ"އަކީ ވަރަށް ބޮޑު ހިޓަކަށްވި ކަމަށް ތަރަން ވަނީ ބުނެފައެވެ.

ހަމައެގޮތަށް މެގަ ސްޓާ އަމީތާބް ބައްޗަންގެ ދެ ފިލްމެއް ނާކާމިޔާބުވުމުން އެކްޓު ކުރުމާ ދުވަސްކޮޅަކަށް ދުރަށްޖެހިލުމަށްފަހު ދެން އެނބުރި އައީ ފިލްމު "މޮހައްބަތޭން"އާ އެކު ކަމަށް ބުނެ ތަރަން ވަނީ މިސާލު ޖަހާފައެވެ.

ސަލްމާން ޚާންގެ އެންމެ ގާތް އެކުވެރިން ކަމަށްވާ ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ޖަބް ހެރީ މެޓް ސެޖަލް" އަދި "ޒީރޯ"އަށްފަހު ޝާހު އެނބުރި އައީ ފިލްމު "ޕަތާން" އަދި "ޖަވާން"އިން ކަމަށާއި އެއީ ވޭތުވެދިޔަ ދެ އަހަރު ބޮކްސް އޮފީސް ގުގުމާލި ދެ ފިލްމު ކަމަށް ތަރަން ވަނީ ބުނެފައެވެ.

ސަލްމާންގެ ހުރިހާ ފިލްމެއް ވެސް ތަރަން ވަނީ ބަލާފައި ކަމަށާއި މަދުވެގެން ހައެއް ނުވަތަ ހަތް މަސް ވަންދެން ސަލްމާން އެކްޓިންއިން ބްރޭކެއް ނެގުމަށް ލަފާދޭ ކަމަށް ތަރަން ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

ތަރަންއަކީ ސަލްމާންގެ ފިލްމު "ސިކަންދަރު" ބެލުމަށްފަހު ފިލްމު ކަމުނުދާ ކަމަށް ބުނެ ރިވިއު ލިޔުނު ފުރަތަމަ މީހުންގެ ތެރެއިން އެކަކެވެ. ސަލްމާންގެ ފިލްމުތައް ކަމަށްވާ "ސުލްތާން"، "ބަޖްރަންގީ ބައިޖާން" އަދި "އޭކް ތާ ޓައިގާ"ގައި ސަލްމާން ދެއްކި ޕާފޮމެންސާ ގާތްކުރާ މިންވަރަށް ވެސް "ސިކަންދަރު"ގައި ސަލްމާންއަށް ޕާފޮމް ނުކުރެވޭ ކަމަށް ތަރަން ވަނީ ބުނެފައެވެ.

ސަލްމާން ފިލްމު "ސިކަންދަރު"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ސަލްމާނަކީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ފިލްމުތަކަށް އެއްބަސްވާ އެކްޓަރެއް ކަމަށާއި ނަމަވެސް "ސިކަންދަރު" ބެލުމަށްފަހު އިހުސާސް ކުރެވުނީ ކޮންމެވެސް ގޯހެއް ސަލްމާންގެ ޕާފޮމެންސްގައި އުޅޭ ކަމަށާއި އެއީ މުޅިން ތަފާތު މީހެއް ކަމަށް ތަރަން ބުންޏެވެ.

ފަހަރެއްގައި ސަލްމާން މި ދުވަސްކޮޅު އަމިއްލަ ދިރިއުޅުމުގެ ކަމަކާ މާބޮޑަށް ވިސްނަނީ ކަމަށް ވުމީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެއަށް ޖަވާބު ދެވޭނީ ހަމައެކަން ސަލްމާނަށް ކަމަށް ތަރަން ވަނީ ބުނެފައެވެ.

ނުވަދިހައިގެ އަހަރުތަކުގައި އިންޑަސްޓްރީއަށް ތައާރަފުވި އެކްޓަރުންގެ ތެރެއިން އަޖޭ ދޭވްގަން، އަކްޝޭ ކުމާރު، އާމިރު ޚާން، ޝާހްރުކް ޚާން އަދި ސަލްމާން ޚާންމެންފަދަ ތަރިންނަކީ އިންޑަސްޓްރީއިން އެ މީހުންގެ ނަން ފޮހެލެވޭނެ އެކްޓަރުން ނޫން ކަމަށާއި 30 އަހަރު ދުވަސް ވަންދެން އެ އެކްޓަރުންނަށް ލިބުނު ކާމިޔާބީ އާއި މަޝްހޫރުކަން އެންމެ ފިލްމެއް ނުވަތަ ދެ ފިލްމު ބެލުމަށްފަހު ނާކާމިޔާބީއާ އަޅާ ކިޔުމަކީ އެންމެ އިންސާފުވެރިގޮތް ނޫން ކަމަށް ތަރަން ވަނީ ބުނެފައެވެ.

comment ކޮމެންޓް