މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ޔަންގް އެންޓަޕްރެނާސް ފެއާ 2025"ގެ ނަމުގައި ފެއާއެއް ބާއްވަން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ނިންމައިފިއެވެ.
އެ އޮފީހުން ބުނީ، މި ފެއާ އަކީ 11 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަކޮށްގެން ބާއްވަ ފެއާއެއް ކަމަށެވެ. ފެއާ ބާއްވަން ހަމަޖެހިފައި ވަނީ، މޭމަހުގެ 10ވަނަ ދުވަހު ހަވީރު 4:00އިން 6:00އަށް އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.
މި ފެއާގައި ޖުމްލަ 12 ސްލޮޓް ހުނަރުވެރި ކުޑަކުދިންނަށް އެމީހުންގެ ހުނަރު ދައްކަލުމަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން "ޔަންގް އެންޓަޕްރެނާ ފެއާ"ގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ފޯމު ހުށަހެޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިންނެވެ. އެޕްލިކޭޝަން ފޯމުގެ އޮންލައިން ލިންކާއި، ފެއާއާ ގުޅޭ އިތުރު މައުލޫމާތު އެ އޮފީހުގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުން ބަލައިލެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ މި ފެއާގެ ބޭނުމަކީ އަމިއްލަ އުފެއްދުންތެރިކަމާއި ވިޔަފާރި ވިސްނުން، ކުޑަކުދިންގެ ކިބައިގައި އަށަގެންނެވުމަށް ހިތްވަރު ދިނުން ކަމަށެވެ.
ފެއާގައި ބައިވެރިވާން ބޭނުންވާ ކުދިން ރަޖިސްޓްރީވެ، ސްލޮޓް ރިސާވް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ބުނެފައެވެ. ބައިވެރިވާ ކުދިންނަށް ޓެންޓާއި މޭޒު އެ އޮފީހުގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި ފެއާއަށް ހުށަހަޅާ އުފެއްދުން ނުވަތަ ޕްރޮޑަކްޓަކީ ކުއްޖާގެ އަމިއްލަ އުފެއްދުމަކަށް ވާން ވާނެއެވެ. ކުދިން އުފައްދާ އެއްޗެއްގެ އަގާއި އެތަކެތި ފެއާގައި ވިއްކުމުގެ ހުރިހާ ކަމެއް ކުރާނީ އެ ކުދިން އަމިއްލަ އަށެވެ. ފެއާ ކުރިއަށްދާ ވަގުތުގައި ކުދިންނަށް ބޭނުންވާ އެހީތެރިކަން އެ އޮފީހުގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި ފެއާގައި ބައިވެރިވާ ކުދިންނަށް، އިވެންޓްގެ ކުރިން ހާއްސަ މައުލޫމާތު ސެޝަންތަކެއް ނަގައިދިނުމަށް އެ އޮފީހުން ވަނީ ނިންމާފައެވެ. މި ސެޝަންގައި ކުރިއަށްދާނީ އިވެންޓް ކުރިއަށްދާ ދުވަހު އެތަނުގެ ކަންކަން މެނޭޖުކުރާނެ ގޮތް ކިޔައިދީ އިރުޝާދު ދިނުމާއި، ފާހަގަކޮށްލެވޭ ބައެއް ޒުވާން ވިޔަފާރިވެރިންނާގެ ކާމިޔާބީގެ ދަތުރު ކުދިންނާ ހިއްސާކުރުން ފަދަ ކަންކަމެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، ބޭނުމަކީ ވިޔަފާރިކުރުމުގެ ޝައުގު ހުރި ކުދިންނަށް، އެކުދިންގެ މާކެޓް ހުނަރު ދައްކާލެވޭނެ ފަސޭހަ ޕްލެޓްފޯމެއް މި ފެއާ މެދުވެރިކޮށް ފަހިކޮށްދިނުން ކަމަށެވެ. މި ފަދަ ފުރުސަތުތަކަކީ ކުދިންގެ ހުނަރު ކުރިއަރުވައި، މައުލޫމާތު މުއްސަނދިކޮށް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ފުރުސަތުތަކެއް ކަމަށް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.