ރައީސްގެ ދަރިކަލުންގެ ކަރާމާތާ ގުޅޭ މައްސަލައިގައި ޖިނާއީ ތަހުގީގަކަށް ނޭދެން: ޗިލްޑްރަންސް އޮމްބަޑްސްޕާސަން

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިޢުމާތު ޝަފީގް: ރައީސްގެ ދަރިކަލުންގެ ކަރާމާތާ ގުޅޭ މައްސަލައިގައި ޖިނާއީ ތަހުގީގަކަށް ނޭދޭކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރަމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފުލުހުުން ފެށީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އަންގައިގެން ކަމަށް ފުލުހުން ބުނި ބުނުން އެ އޮފީހުން ދޮގުކޮށްފިއެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސްގެ ދަރިކަލުންނާ ގުޅުވައި އެ ޕާޓިގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)އާއި މާޒް ސަލީމް ދެއްކި ވާހަކައަކާ ގުޅިގެން ފުލުހުން ގެންދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. މި ތަހުގީގުގެ ބޭނުމަށްޓަކައި އެ ދެމީހުންގެ ޖިންސީ ގުނަވަން ފިޔަވާ ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވާތީ އެ އަމުރާ ގުޅިގެން ވަކި ކަންތައްތަކެއް ސާފުކޮށް ދިނުމަށް ފުލުހުން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ.

https://sun.mv/204998

މި ބަޔަނުގައި ވަނީ، ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ބޭނުންވާނަމަ، އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެންކަމަށެވެ. އެކަމަށް ރުހުން ނުދޭކަމުގައިވާނަމަ އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ފޮޓޯ އާއި އަޑުގެ ސާމްޕަލްގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްއެއް ކަމަށެވެ.

"މިވަގުތު މީޑިއާގައި ސާމްޕަލް ނެގުމާ ގުޅޭގޮތުން ދައުރުވަމުންދާ ޕޮލިސް ޗިޓަކީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ހުށަހަޅައިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ޖިނާއީ ތަހުގީގަށް ބޭނުންވާ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެއް ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައި ވެއެވެ.

މި ބަޔާނާ ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ މަހުގެ 13ވަނަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ގޮތަކަށް އާންމު ފަރުދަކު ވާހަކަ ދައްކާފައިވާ މައްސަލައެއް އެ އޮފީހުގެ ސަމާލުކަމަށް އައިކަމަށެވެ.

އެހެންކަމުން ހަމަ އެ ދުވަހު އެ އޮފީހުގެ ފަރާތުން ފުލުހުންގެ ޚިދުމަތަށް ސިޓީއެއް ފޮނުވާފައި ވާކަމަށާއި ނަމަވެސް، އެ ސިޓީގައި އެކަމާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ އެއްވެސް އިރުޝާދެއްދީ އަދި މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދަން އެދިފައި ނުވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ އޮފީހުން އެދިފައި ވަނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ މައުލޫމާތު ހާމަނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ އޮފީހާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫންކަމުގައި ވެސް އެ ބަޔާނުގައި ވެއެވެ.

މި މައްސަލައިގައި ފުލުހުން ޖިނާއީ ތަހުގީގެއް ހިންގާއިރު، ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވަނީ ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް ވެސް މި މައްސަލައިގައި މަދަނީ ދައުވާއެއް ހުށަހަޅާފައެވެ.

https://sun.mv/205021

ނަމަވެސް، ސާޖިދާ ހުށަހަޅުއްވާފައިވާ މައްސަލައާ ފުލުހުން ތަހުގީގު ކުރާ މައްސަލައާ އެއްވެސް ގުޅުމެއް ނެތްކަމަށް ސާޖިދާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް 'ރެހެންދި ޗެމްބާސް'ގެ ފަރާތުން ވަނީ ބުނެފައެވެ.

comment ކޮމެންޓް