ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ވީހާވެސް ގިނައިން ރައްޔިތުންނަށް ފޯރުކޮށްދީ، ދެފުށްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ރައީސް އޮފީހުގައި މިއަދު ވަނީ ބާއްވަވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ވެސް ހިއްސާކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއި، ފެނަކައާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އި ފަދަ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު އެ ކުންފުނިތަކުން ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަޝްރޫއުތައް ނިންމަން ކަނޑައަޅާފައިވާ ތަރީޚުތަކަށް މަޝްރޫއުތައް ނިންމުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫއުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ވީހާވެސް ގިނައިން ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ވެސް ރައީސް ވަޒީރުންގެ ކިބައިން އެދިވަޑައިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ.
ފާއިތުވެ ދިޔަ އަހަރު ވެސް މަޝްރޫއުތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ސަބަބެއްގެ ގޮތުގައި ސަރުކާރުން ބުނީ 19ވަނަ ރައްޔިތުންގެ މަޖިލީހުން 2024ވަނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގެ ތެރެއިން މަޝްރޫއުތަކަށް އެކަށޭނެ ބަޖެޓެއް ނެތުމެވެ.
ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތް 20ވަނަ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓާއެކު މިއަހަރު މަޝްރޫއުތައް ހިނގައިގަންނާނެ ކަމަށް ސަރުކާރުން ބުންޏެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ވަނީ ފާއިތުވި 10މަހުގެ މާލީ ހިސާބުތައް ހާމަކޮށްފައެވެ. ސަރުކާރު މަޝްރޫއުތައް ނުހިނގާކަން މި ހިސާބުތަކުން ވެސް ވަނީ ދައްކާފައެވެ.