މި ފެށޭ މެއި މަހު ނެޓްފްލިކްސްއިން ރިލީޒްކުރާ "ދަ ރޯޔަލްސް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ޕްރީމިއާކުރާ "ދަ ރޯޔަލްސް"އަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޕްރިޓިޝް ނަންޑީ ކޮމިއުނިކޭޝަންސް (ޕީއެންސީ)އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ސީރީޒްއެކެވެ.
މި ސީރީޒްގެ ޑައިރެކްޓަރުންނަކީ ނުޕޫރު އާސްތާނާއާއި ޕްރިޔަންކާ ގޯސްއެވެ. ނުޕޫރަކީ އެމޭޒަން ޕްރައިމްއިން ގެނެސްދިން މަޝްހޫރު ވެބް ސީރީޒް "ފޯ މޯ ޝޮޓްސް"ގެ ޑައިރެކްޓަރެވެ.
ޒަމާނީ ކުލަތަކާ އެކު ޝާހީ އާއިލާއެއްގެ ތެރޭ ހިނގާ ކަންކަން ދައްކުވައިދޭ "ދަ ރޯޔަލްސް"އަކީ ލޯބީގެ ރަހަތަކާ އެކު ހެއްވާ މަޖާ ހާދިސާތައް ބެލުންތެރިން ތަޖުރިބާކުރާނެ ސީރީޒްއެކެވެ.
މި ސީރީޒްގެ ލަވަތަކާއި ޓީޒާތަކަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު "ދަ ރޯޔަލްސް"ގެ ލީޑް ތަރިން ކަމަށްވާ ބޫމީ ޕެޑްނެކާރުއާއި އިޝާން ހައްތަރުގެ އޮން ސްކްރީން ކެމިސްޓްރީއަށް ވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.

ބަތަލާ ބޫމީ އަދި އިޝާން "ދަ ރޯޔަލްސް"ގެ ޓްރެއިލާގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ހަމައެއާއެކު މި ސީރީޒްއަކީ ބޮޑު ކާސްޓެއް ހިމެނޭ ސިރީޒްއަކަށްވުމުން ވެސް "ދަ ރޯޔަލްސް" ރިލީޒްކުރާނެ ދުވަހަކަށް ބެލުންތެރިން އަންނަނީ އިންތިޒާރު ކުރަމުންނެވެ.
"ދަ ރޯޔަލްސް"ގެ ކާސްޓުންގެ ތެރޭ ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމާން، ޓެލެވިޒަން ބަތަލާ ސާކްޝީ ތަންވަރު، ކުޅަދާނަ ނެށުންތެރިޔާ/ބަތަލާ ނޯރާ ފަތޭހީ، ޑިނޯ މޯރިއާ، މިލިންދު ސޯނަމް، ޗަންކީ ޕާންޑޭ އަދި ވިހާން ސަމިތު ހިމެނެއެވެ.
ހޮލީވުޑަށް ވެސް ތައާރަފުވެފައިވާ އެކްޓަރު އިޝާން ވަނީ ނެޓްފްލިކްސްއިން ގެނެސްދިން ހޮލީވުޑް ސީރީޒް "ދަ ޕާފެކްޓް ކަޕަލް"ގެ މުހިންމު ރޯލަކުން ވެސް ފެނިފައެވެ.