"ޖަވާބުދީ، ފިނޑިނުވޭ": އަންހެންކުއްޖާގެ ދިފާއުގައި ޒުވާނުން އެއްވެ ފުލުސް އޮފީސްދޮށް ފުރާލައިފި

ވެއްޓުނު އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން މަގުމައްޗަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ޒުވާން އަންހެން ކުއްޖެއް ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު ނުރުހުންވެ، އިންސާފު ހޯދުމަށް ޒުވާނުން މަގުމައްޗަށް ނިކުމެއްޖެއެވެ.

ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ.

ޒުވާނުން އެއްވެ ޝުއޫރު ފާޅުކުރަމުން އަންނަނީ އާޓިފިޝަލް ބީޗުކައިރި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ދޮށުގައެވެ.

ޒުވާނުން އެކިއެކި ޝުއޫރު އަންނަނީ ފާޅުކުރަމުންނެވެ. އަދި ފުލުހުންނަށް މި މައްސަލައިގައި އަމަލުކުރާ ގޮތުން ވަރަށް ބޮޑަށް ފާޑު ވެސް އަންނަނީ ކިޔަމުންނެވެ.

އެގޮތުން ފުލުހުން ތިބީ ފައިސާއަށް ވިކިފައިކަމަށާއި، މި މައްސަލައިގައި ވަރަށް ބޮޑަށް ކަންކަން ސިއްރުކުރަން އުޅޭކަމަށް ޒުވާނުން އަަންނަނީ ބުނަމުންނެވެ.

އެއާއެކު ޒުވާން އަންހެން ކުއްޖާ ވެއްޓުނު ގޮތާމެދު އުފެދޭ އެންމެހާ ސުވާލުތަކަށް މިހާރުން މިހާރަށް ޖަވާބު ދިނުމަށް ވެސް އަންނަނީ ގޮވައިލަމުންނެވެ.

މީގެ އިތުރުން އެ އިމާރާތްމަތިން ފުލުހުން ބަލައިލާއިރަށް، 'ފެންލައިޓުން ވެއްޓިދާނެ' ކަމަަށް ބުނެ މަލާމާތުގެ ރާގަށް ވެސް ގޮވައި ހެދިއެވެ.

އެ މީހުންގެ ޝުއޫރުތައް ބޯޑުތަކުގައި ލިޔެގެންނާއި އަޑުގަދަކުރާއިން ބާރަށް އިއްވަމުންދިޔައިރު، އެ މީހުން ގޮވައިލީ ވެއްޓުނު އަންހެން ކުއްޖާގެ މައްސަލައިގައި އޭނާއަށް އިންސާފު ހޯދައިދިނުމަށެވެ.

އަދި މި މައްސަލައިގައި ހައްޔަރުނުކޮށް ދޫކޮށްލި ޒުވާނާއާއި، މި މައްސަލައިގައި ހިމެނޭ ކަމަށް އަޑުފެތުރިފައިވާ ސިޔާސީ މީހުން މަގާމުން ވަކިކުރަން ވެސް ގޮވައިލިއެވެ.

https://x.com/sunbrk/status/1915074901079367885

ފުލުހުން ބުނި ގޮތުގައި ތަހުގީގަށް މިހައިތަނަށް އެނގެނީ އެ ކުއްޖާ އަމިއްލައަށް ވެއްޓުނީ ކަމަށެވެ.

ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތައް އާންމުނަށް ތިލަވުމާއެކު އެ މައްސަލައިގައި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

އެއީ އެހެންޏާ މި ފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުންދާ އުސޫލުން ބޭރުން އަމަލުކުރަނީ ކަމަށް ބުނެއާއި، މި މައްސަލައިގެ ބައެއް މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ދެކޮޅު ހަދާތީއެވެ.

ވެއްޓުނު އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން މަގުމައްޗަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ މައްސަލައިގެ މާ ބޮޑު ތަފުސީލެއް ފުލުހުން ހާމަނުކުރަނީސް ބައެއް އާންމުން ގެންދިޔައީ އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ. އެ ގޮތުން، އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި އެ ކުއްޖާއަށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ބައެއް މީހުން ތުހުމަތުކުރިއެވެ. އަދި އެ ކަމުގައި ސިޔާސީ ފަރާތެއްގެ ބައިވެރިވުން އޮތް ކަމަށް ބުނެ ވެސް ވާހަކަ ދެކެވެއެވެ.

އެ ކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށް ފުލުހުން ރޭ ވަނީ ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

ފުލުހުން ކިޔައިދިން ގޮތުގައި ހާދިސާ ހިނގުމުގެ ކުރިން، އެ ރޭ އެ އަންހެން ކުއްޖާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ.

އެ މީހުން އެރޭ 12:30 އެހާކަންހާއިރު ގޮސް ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއަކަށެެވެ. އެ ގެއިން އެ މީހުން ނުކުތީ 3:40 އެހާކަންހާއިރެވެ. އެއަށް ފަހު، އޭގެ ތެރެއިން ހަތަރު މީހަކު 4:00 އެހާކަންހާއިރު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ކަމަށް ފުލުހުން ބުންޏެވެ.

އޭގެ 10 ވަރަކަށް މިނެޓު ފަހުން އެ ގެއިން ދެން ނުކުތީ އަންހެން ކުއްޖާއާއި، އޭނާއާ އެކު އުޅުނު ފިރިހެން ކުއްޖެކެވެ. އެ ދެ މީހުން މަގުމަތީގައި އެ ވަގުތު އުޅުނީ ވެސް ހުސް ފަޔާއެވެ.

އަންހެން ކުއްޖާ ބުރުޒު މަގުގައި ހުންނަ ހ. ފެންޓެނޯއީއަށް ވަތް ފަހުން، އޭނާގެ ފަހަތުން ފިރިހެން ކުއްޖާ ވެސް ދުވެފައި ގޮސް އެގެއަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.

comment ކޮމެންޓް