ފާޑުކިޔުން އަމާޒުވުމުން 'ޕާޓީ'ކުރި މީހުންނާއި ހާދިސާގެ ސީސީޓީވީ ފުޓޭޖް ވެސް އާންމުކޮށްފި

ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާގެ ހާދިސާގައި ފުލުހުން އަމަލުކުރީ އާންމު އުސޫލުން ބޭރުން ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އެ ހާދިސާގައި ހިމެނޭ އެންމެންގެ ނަންތަކާއި ހާދިސާގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން މިއަދު އާންމުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހެނދުނު ވަނީ ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެން ކުއްޖަކު ފެނިފައެވެ. އެއީ، ހައްވާ ޔުމްނު ރަޝީދުއެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ.

އެކަމަކު، އެކަން ގަބޫލުނުކޮށް، މި މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުން ފުރަތަމަ ވެސް ޕާސްޕޯޓު ހިފެހެއްޓީ ޔުމްނު ވެއްޓުނުއިރު ގާތުގައި ހުރި ރައުދު އަހުމަދު ޒިލާލްގެ އެކަންޏެވެ.

އެ މައްސަލައިގައި ގިނަ އަދަދެއްގެ ޒުވާނުން ރޭ ވަނީ މުޒާހަރާކޮށްފައެވެ. އެ މީހުން ވަނީ އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވާލައިފައެވެ. އެ ޒުވާނުން ވަނީ އެ ދުވަހު އުޅުނު އެހެން މީހުންގެ ވަނަވަރު ހާމަނުކޮށް ހަމައެކަނި ވެއްޓުނު ކުއްޖާގެ ވަނަވަރު ހާމަކުރުމުން ނުރުހުން ފާޅުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ. އެ އެންމެންގެ ވަނަވަރު ވެސް ވަނީ އާންމުކޮށްފައެވެ. ހާދިސާ ހިނގި ގޭގައި ޔުމްނުއާއި ރައުދު ހަރަކާތްތެރިވާ ސީސީޓީވީ ވީޑިއޯ ފުޓޭޖް ވެސް ފުލުހުން ވަނީ ލައިވް ޓީވީގައި އާންމުކޮށްފައެވެ. އެއީ، އާންމުކޮށް ފުލުހުން ކޮށް އުޅޭ ކަމެއް ނޫނެވެ.

ޝުޖާއު ވިދާޅުވީ، އެ ފަދައިން އަމަލުކުރަނީ ގިނަ ބަޔަކު ހާދިސާއާ ގުޅޭ ގޮތުން ސުވާލު އުފައްދާތީ ކަމަށެވެ.

މި ހާދިސާގައި ހިމެނޭ އެންމެންގެ ވަނަވަރު ---

ފުލުހުން ހާމަކުރި ގޮތުގައި ރައުދުއާއި ޔުމްނުގެ އިތުރުން މި ހާދިސާ ހިނގި ރޭގެ 'ޕާޓީ'އަށް ދިޔަ މީހުންނަކީ:

  • އައިޝަތު ލަޔާލީ އިގުބާލް
  • އިޒްދިޔާން މުހައްމަދު މައުމޫން
  • ޔޫސުފް އަހުމަދު އަކްރަމް
  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
  • އާމިނަތު ޖުނައިރާ ޖަމްޝީދު
  • ހުސައިން ހަމީސް އަލީ
  • އިޖާޒް ޖާއިޒް

އެ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައި، އެ މީހުން ބަލަން ފަށާފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އެ މީހުންގެ ތެރޭގައި ރައީސް އޮފީހުގައި ވަޒީފާ އަދާކުރަމުން އައި އިޒްދިޔާން ވެސް ހިމެނެއެވެ. އޭނާ މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް ނެތް ކަމަށާއި އެ ހާދިސާ ހިނގިއިރު ގާތުގައި ހުރީ ވެސް ރައުދު އެކަނި ކަމަށް ފުލުހުން ބުންޏެވެ.

ހާދިސާ ހިނގި ރޭ މި އެންމެން ފުރަތަމަ ދިޔައީ 'ޕާޓީ'އަކަށެވެ. އެއީ، އެ ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށެވެ. އޭގެ ތެރެއިން ރައުދާއި ޔުމްނު އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ގެއަކަށް ދިޔައީ 4 ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ.

ފުލުހުން މިއަދު އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއަކަށެވެ. އެ ހާދިސާ ހިނގީ އެ ގޭގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/205175

އެ މީހުން އެ ގޭގައި ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ވެސް ފުޓޭޖުން ފެނެއެވެ.

ފުޓޭޖުން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ވަގުތު ގާތުގައި ރައުދެއް ނެތެވެ. އޭނާ ފަހުން ޔުމްނު ހޯދަން މަސައްކަތްކުރާތަން ފުޓޭޖުން ފެނެއެވެ. އޭނާ އަމިއްލައަށް ވެއްޓުނު ނަމަ ވެއްޓިފައި އޮންނާނީ އެ ތަނަށް ނޫން ކަމަށް ބުނެ މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ވެސް ފުލުހުން ވަނީ ރައްދު ދީފައެވެ.

ޝުޖާއު ވިދާޅުވީ، މި ހާދިސާ ހިނގި ގޭގެ ފެންލައިޓުން މީހަކު ވެއްޓޭ ނަމަ ވެއްޓޭނީ އެ ދިމާއަށްކަން ތަހުގީގަށް އެނގޭ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ނުފޮނުވިދާނެތީ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް