ބޮލީވުޑްގެ އިތުރުން ހޮލީވުޑަށް ވެސް ތައާރަފްވެފައިވާ އިންޑިއާގެ ފިލްމީ ތަރި އަލީ ފަޒަލްގެ ކުރިއަށް އޮތް ފިލްމުގައި ޕަޕަރާޒީއެއްގެ ރޯލް ކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީގެ ކުރިން ވެސް ވަރަށް ޗެލެންޖިން ރޯލްތަކުން ފެނިފައިވާ އަލީ ފަޒަލް ކުޅެން ސޮއިކޮށްފައިވާ މި ފިލްމުގައި އޭނާ ފެންނާނީ ސެލެބްރިޓީ ފޮޓޯގްރާފަރެއްގެ ގޮތުގައެވެ.
ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމުގެ ސްކްރިޕްޓް މިހާރު ތައްޔާރުކޮށް ނިމިފައިވާއިރު ފިލްމުގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަރުހަލާތައް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުން މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ މުމްބާއީގެ ފިލްމު އިންޑަސްޓްރީ "ބޮލީވުޑް"ގެ ލައިފް ސްޓައިލްއަށެވެ.

ބޮލީވުޑް އެކްޓަރު އަލީ ފަޒަލް ފިލްމު "ކަންދަހާރު"ގެ އެކްޓަރު ޖެރަޑް ބަޓްލާއާ އެކު--ފޮޓޯ/ފަސްޓްޕޯސްޓް
މި ފިލްމާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އަލީއަކީ އަބަދުވެސް ވަރަށް ތަފާތު ކެރެކްޓާތައް ކުޅެން ޝައުގުވެރިކަން ހުންނަ އެކްޓަރެއް ކަމަށެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ތަޖުރިބާ އަލީއަށް ލިބިފައިވުމާ އެކު ޕަޕަރާޒީއެއްގެ ރޯލަކީ އެކްޓަރަށް ވަރަށް ޝައުގުވެރި ރޯލަކަށް ވާނެ ކަމަށް ވެސް އޭނާ ވަނީ މީޑިއާގައި ބުނެފައެވެ.
ބަތަލާ ރިޗާ ޗައްދާއާ ކައިވެނިކޮށް ދާދިފަހުން އަންހެން ކުއްޖަކު ވެސް ލިބިފައިވާ އެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2023ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހޫފިޔާ" އަދި ހޮލީވުޑް ފިލްމު "ކަންދަޚާރު"އިންނެވެ.
އަލީގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭ "މެޓްރޯ އިން ދިނޯ"، "ލާހޯރު 1947" އަދި "ތަގް ލައިފް" ހިމެނެއެވެ.