ފިލްމު 'ކޭސަރީ'ގެ ފްރެންޗައިސް އަބަދުވެސް ލީޑްކުރާނީ އަކްޝޭ

ދަރުމާ ޕްރޮޑަކްޝަންސްގެ މަގުބޫލު ފްރެންޗައިސް "ކޭސަރީ"ގެ ފިލްމުތައް އަބަދުވެސް ލީޑް ކުރާނީ އެކްޓަރު އަކްޝޭ ކުމާރު ކަމަށް ޑައިރެކްޓަރު ކަރަން ސިންގް ތިޔާގީ ބުނެފިއެވެ.

މި ފްރެންޗައިސްގެ ދަށުން ދެ ފިލްމެއް މިހާތަނަށް ބެލުންތެރިންނަށް ގެނެސްދީފައިވާއިރު ކުރިން ގެނެސްދިން ދެ ފިލްމުގެ ވެސް ލީޑް ރޯލް ކުޅެފައި ވަނީ އަކްޝޭ ކުމާރެވެ.

މި މަހުގެ 18 ވަނަ ދުވަހު ދަރުމާއިން ގެނެސްދިން ފިލްމު "ކޭސަރީ ޗެޕްޓާ 2"އަށް ލިބެމުން އަންނަ ތަރުހީބާ އެކު ކުރިއަށް އޮތްތަނުގައި މި ފްރެންޗައިސް ފުޅާވެގެންދާނެ ކަމަށާއި އިތުރު ފިލްމުތަކެއް ގެނެސްދިނުމުގެ ވިސްނުން އެބަހުރި ކަމަށް ޑައިރެކްޓަރު ކަރަން ސިންގް ތިޔާގީ ވަނީ ބުނެފައެވެ.

ދަރުމާ ކުންފުނިން ގެނެސްދިން "ކޭސަރީ" ފްރެންޗައިސްގެ ފުރަތަމަ ފިލްމުގެ ޕްރޮމޯޝަނަލް ހަފްލާއެއްގައި ފިލްމުގެ ކާސްޓުން--ފޮޓޯ/ސްޕޮޓްބޯއި

މި ފްރެންޗައިސްގެ ދަށުން އެންމެ ފަހުން ގެނެސްދިން ފިލްމަށް އެންމެ ފުރަތަމަ ކިޔުނު ނަމަކީ "ޝަންކާރާ" ކަމަށާއި ނަމަވެސް "ކޭސަރީ ޗެޕްޓާ 2"ގެ ނަން ދިނުމަށް ލަފާ ދިނީ އެކްޓަރު އަކްޝޭ ކުމާރު ކަމަށް ކަރަން ސިންގް ވަނީ ބުނެފައެވެ.

"ކޭސަރީ"ގެ މާނަ ގުޅިފައި ވަނީ ވެސް ބަދަލެއް ގެނައުމަށް ކަމަށާއި އިންޑިއާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ހިތްވަރުގަދަ ބަތަލުން ރަމްޒުކޮށްދިނުމަށް ބޭނުންކުރާ ބަހެއްގެ ގޮތުގައި ކަމަށް "ކޭސަރީ ޗެޕްޓާ 2"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ކޭސަރީ ޗެޕްޓާ 2"ގައި އަކްޝޭ ކުމާރު ދައްކުވައިދިން ރޯލަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު އެފަދަ ރޯލެއް ކުޅެވޭނީ އަކްޝޭއަށް ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

މީގެކުރިންވެސް އަކްޝޭ ވަނީ އިންޑިއާގެ ތާރީޚާ ގުޅުންހުރި ވާހަކަތައް ކިޔައިދޭ ފިލްމުތަކުން ފެނިފައެވެ. އޭގެތެރޭގައި ފިލްމު "ރާމް ސެތޫ"، "ސަމްރާތް ޕްރިތްވީރާޖް" އަދި "ކޭސަރީ" ހިމެނެއެވެ.

ފިލްމު "ކޭސަރީ ޗެޕްޓާ 2" އަކީ އިންޑިއާ އަށް މިނިވަންކަން ހޯދަން ކުރި މަސައްކަތުގެ ތެރޭގައި އެގައުމުގެ ސިކުންގެ ހައްގުގައި ހިނގައި ދިޔަ ގާނޫނީ މައްސަލަތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

comment ކޮމެންޓް