އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އުފާކުރާށެވެ! އަޚުވަންތަކަމުގެ ލޯބީގައި ވެވޭ އެކުރެވިކަމަކީ އެނޫން އެހެން ހުރިހާ ލޯތްބެއްގެ މައްޗަށް ކުރިހޯދާ ލޯތްބެވެ. އަޚުވަންތަކަމަކީ މުއުމިނުންނަށް ޚާއްޞަ ސިފައެކެވެ. އެކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވަނީ ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ﴾ (الحجرات: 10)މާނައީ: "މުއުމިނުން ވާކަން ކަށަވަރީ، އަޚުންތަކެއް ކަމުގައެވެ." މިއެވެ.
އިސްލާމްކަމުގެ ގުޅުމަކީ އިލާހީ ގުޅުމެކެވެ. އެއް އަމާޒަކަށް ކުރާ ދަތުރެކެވެ. އެއްކައުވަންތަ ފަރާތެއްގެ ރުހުން ހޯދުމެވެ. ވަކިވަކި ކޮންމެ ފަރުދެއްގެ އާޚިރު ފައިސަލާ ކަމުގައި ﷲއާއި އެކަލާނގެ ރަސޫލާ ގެންނެވި ހުކުމް ކަނޑައަޅާ ކަނޑައެޅުމެކެވެ. އަމިއްލަ އެދުމާއި، ތިމާގެ ބައި ބޮޑު ކުރުމުގެ ސިޔާސަތުން އެއްކިބާވެ ތިބޭ ތިބުމެކެވެ. އެންމެންގެ މެދުގައި ރައްކާތެރިކަން އާންމުކުރާ ގުޅުމެކެވެ.
މުސްލިމުންގެ އަޚުވަންތަކަމުގެ މިސާލަކީ ބިނާ އެއްގެ މިސާލެވެ. عَنْ أَبِي مُوْسَى - رَضِيَ اللهُ عَنْهُ - قَالَ: قَالَ رَسُوْلُ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّم: «الْمُؤْمِنْ لِلْمُؤْمِنِ كَالْبُنْيَان يَشُدُّ بَعْضُهُ بَعْضًا» (مُتَّفَقُ عَلَيْهِ) އަބޫ މޫސާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެން رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "އެއް މުއުމިނަކާ އަނެއް މުއުމިނެއްގެ މިސާލަކީ ބިނާއެއްގެ މިސާލެވެ. އޭގެ އެއްބައި ވަނީ އަނެއްބަޔާ ގުޅިފައެވެ."
އިލާހީބަސްފުޅު އެ ދުލެއްގައިވި ދޫފުޅުން ބަޔާންކުރެއްވި އެކުވެރިކަމަކީ އެފަދަ ދެވަނަ އެއް ނެތް އެކުވެރިކަމެކެވެ. އެއްވެސް ބިނާއެއް އޭގެ އެއްބައި އަނެއްބަޔާ ގުޅިލާމެހިގެން މެނުވީ ސާބިތުކަމާ އެކީ ކޮޅަށް ނުހުރެއެވެ. އޭގެ ބައިބައި ވަކިވެ ބިނާއިން ނެއްޓި ވަކިވާން ފަށައިފިއްޔާ އިސާހިތަކު ބިނާ ވެއްޓި ފުނޑުފުނޑު ވެދާނެއެވެ.
ހަމަ އެފަދައިން މުސްލިމުން ވެސް އެކަކު އަނެކަކާ ރުޅިމޫނު ދައްކައި، ދުރުވާން ފަށައިފިއްޔާ މާ ގިނަ ވަގުތެއް ނުވަނީސް އެ މީހުންގެ މެދުގައި މައްސަލަތައް ފެށި އެކުވެރިކަން ގެއްލި ހިނގައިދާނެއެވެ. އެ ހިސާބުން މުސްލިމުންގެ ޢަދާވާތްތެރިން އެ މީހުންގެ މައްޗަށް ބާރުގަދަ ކޮށްފާނެއެވެ. މިހާލަތައް ވެއްޓުނަނުދީ މުސްލިމުންގެ އެކުވެރިކަން ދަމަހައްޓަން ވާނެއެވެ.
މުސްލިމުންގެ އެކުވެރިކަން ދެމެހެއްޓޭނީ އެކަކު އަނެކެއްގެ ޙާލުބަލައި ވެވުނު މިންވަރަކުން މަދަދު ކޮށްގެންނެވެ. މުސްލިމުން އަޚުންނާއި އުޚްތުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގައި ދެމި ތިބެންޔާ އެބަޔަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ سبحانه وتعالى ދެމިވޮޑިގެން ވެއެވެ. وعن ابن عمرَ رضي اللَّهُ عنهما: أَن رسولَ اللَّه صَلَّى اللهُ عَلَيْهِ وَسَلَّم قَالَ: «المسلمُ أَخو المسلم، لا يَظلِمُه، ولا يُسْلِمُهُ، ومَنْ كَانَ فِي حاجةِ أَخِيهِ كانَ اللَّهُ فِي حاجتِهِ، ومَنْ فَرَّجَ عَنْ مُسلمٍ كُرْبةً فَرَّجَ اللَّهُ عَنْهُ بها كُرْبةً مِنْ كُرَبِ يوم القيامةِ، وَمَنْ سَتَرَ مُسْلمًا سَتَرَهُ اللَّهُ يَومَ الْقِيامَةِ» (مُتَّفَقٌ عَلَيهِ) މާނައީ: "އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރި ނުވާނެއެވެ. އަދި އޭނާގެ ޢަދާވާތްތެރިންނަށް އޭނާގެ އަޚާ ދޫކޮށެއް ވެސް ނުލާނެއެވެ. މުސްލިމް އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިހުރެއްޖެ މީހާގެ ބޭނުންތައް ފުއްދައިދެއްވުމުގައި الله تعالى ވޮޑިގެންވާނެއެވެ. އަދި މުސްލިމެއްގެ ކިބައިން ދަތި އުނދަގުލެއް ދުރުކޮށްފި މީހެއްގެ ކިބައިން ދަތި އުނދަގުލެއް الله تعالى ޤިޔާމަތް ދުވަހުން ފިއްލަވާހުއްޓެވެ. އަދި މުސްލިމެއްގެ ޢައިބު ފޮރުވައިފި މީހެއްގެ ޢައިބު الله تعالى ޤިޔާމަތް ދުވަހުން ފޮރުއްވަވައި ދެއްވާހުއްޓެވެ."
ކަން މިހެން އޮތްއިރު، ތިބާގެ އެކުވެރިއާއަކީ ކިޔަމަންތެރި މުއުމިނު އެކުވެރިއެއް ނަމަ، ތިބާއަށް އުފާވެރިކަން ހުއްޓެވެ. އެ އެކުވެރިޔާ ތިބާއަށް ރަނގަޅުކަންކަމުގައި އެހީތެރިވާނެއެވެ. އަދި ގޯސްކަންކަމާ ތިބާ ދުރުކުރާނެއެވެ. އެފަދަ އެކުވެރިއެއް ތިބާއަށް ލިބިފައިނުވާ ނަމަ، އެފަދަ އެކުވެރިއެއް ހޯދަން އަވަސްވެގަންނާށެވެ! ދުނިޔެއާއި އާޚިރަތުގެ ރައްކާތެރިކަން އެ ކަމުގައި ވެއެވެ.
ފެންނަމުން މިދާ މަންޒަރުތަކަށް ބަލާށެވެ. ލިބެމުން މި އަންނަ ފިލާވަޅުތަކުން ޢިބުރަތް ހާސިލުކުރާށެވެ. މިއަދާއި މާދަމާގެ އުފަލަށް ޓަކައި ހެޔޮލަފާ އެކުވެރިޔަކު ޚިޔާރުކުރާށެވެ!