ކަޝްމީރަށް ދިން ހަމަލާއާ ގުޅިގެން ސަލްމާންގެ ޓުއާ ކެންސަލްކޮށްފި

ބޮލީވުޑް އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ހިމަނައިގެން އަންނަ މަހު އިނގިރޭސވިލާތުގައި ކުރިއަށް ގެންދަން ނިންމި ޓުއާ ސަލްމާން ޚާން ކެންސަލްކޮށްފިއެވެ.

'ދަ ބޮލީވުޑް ބިގް ވަންސް'ގެ ނަމުގައި އިނގިރޭސިވިލާތުގައު ކުރިއަށް ގެންދަން ނިންމި މި ޓުއާ ކެންސަލްކޮށްފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓު ހަމަލާގައި އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާތީ އެކަމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުންނެވެ.

މި ޓުއާގެ ތެރެއިން ދެ ޝޯއެއް ދޭން ނިންމާފައި އޮތީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު މެންޗެސްޓާ އަދި ފަސް ވަނަ ދުވަހު ލަންޑަންގައެވެ.

މި ޓުއާ ކެންސަލްކުރި ކަން އިއުލާނުކޮށް ސަލްމާން އަމިއްލަ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ، ޓުއާ އަލުން ބާއްވާނެ ތާރީޚު ލަސްތަކެއް ނުވެ ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ކުރިއަށްގެންދަން ނިންމި 'ދަ ބޮލީވުޑް ބިގް ވަންސް'ގެ ޓުއާގެ ބައިވެރިންގެތެރޭ ކްރިތީ ސެނޮން، މަދޫރީ ޑިކްސިޓް، ޓައިގާ ޝްރޮފް، ސާރާ އަލީ ޚާން، ދިޝާ ޕަތާނީ، ވަރުން ދަވަން، މަނީޝް ޕޯލް، އަދި ސުނީލް ގްރޯވަރު ހިމެނެއެވެ.

ސަލްމާން ޚާންގެ ޔޫކޭ ޓުއާގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ސަލްމާންގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އެކްޓަރުގެ ސަޕޯޓަރުން މި ޓުއާއަށް ވަރަށް ބޮޑަށް އިންތިޒާރުކުރި ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް ސަލްމާންގެ އިތުރުން ޓުއާގެ ބައިވެރިންގެ ހިތަށް ލިބިފައިވާ ނުތަނަވަސްކަމާ އެކު މިވަގުތު ޓުއާ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ކަޝްމީރުގެ ޕަހަލްގަމްގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާގެ ފަތުރުވެރިންތަކަކަށް ދިން ބަޑީގެ ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

މި ހަމަލާއާ ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު އަންނަނީ ޓެރަރިޒަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މި ހަމަލާއާ ގުޅިގެން ސަލްމާން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކަޝްމީރަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށާއި ކުށެއް ނެތް މައުސޫމު އެތައް ބައެއްގެ ފުރާނަ ދުއްވާލަމުން ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

comment ކޮމެންޓް