ދާދިފަހުން މަސައްކަތް ފެށި ފިލްމު "ހެރާ ޕެރީ 3"ގެ ކާސްޓުން އެކްޓަރު ޕަރޭޝް ރާވަލް ވަކިވެފައިވާތީ ގެއްލުމުގެ ބަދަލު ހޯދަން ޕަރޭޝްއަށް ދައުވާކުރަން އެކްޓަރު އަކްޝޭ ކުމާރު ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި މި ކޮމެޑީ ފްރެންޗައިސްއިން ޕަރޭޝް ވަކިވިކަން އަންގާފައި ވަނީ ނޯޓިސްއެއް ވެސް ނުދީ ކުއްލި ގޮތަކަށް ކަމަށް ހިންދުސްތާންޓައިމްސްގައި ވަނީ ބުނެފައެވެ.
މި ފިލްމުގެ ޑައިރެކްޓަރު ޕްރިޔާދަރުޝަންއަށް މިކަމާ ގުޅިގެން ހައިރާންކަމެއް ލިބުނުއިރު ފިލްމަށް ބޮޑު އިންވެސްޓްމެންޓެއް ކުރި ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރަށް ވެސް ވަނީ ޝޮކެއް ލިބިފައެވެ. ފިލްމުގެ މުހިއްމު ރޯލެއް ކުޅުމުގެ އިތުރުން އަކްޝޭ އަކީ މި ފިލްމުގެ ޕްރޮޑިއުސަރުވެސްމެއެވެ.

އަކްޝޭ، ސުނިލް ޝެޓީ އަދި އެކްޓަރު ޕަރޭޝް ފިލްމު "ހެރާ ޕެރީ"ގެ މަންޒަރެއްގައި--ފޮޓޯ/ދަސްޓޭޓްސްމަން
ކުއްލި ގޮތަކަށް ފިލްމުގެ ކާސްޓުން ޕަރޭޝް ވަކިވުމާ ގުޅިގެން އެކްޓަރާ ދެކޮޅަށް ދައުވާކޮށް ފިލްމަށް ލިބޭ ގެއްލުމުގެ ބަދަލުގައި 25 ކްރޯޑު ރުޕީސް ޕަރޭޝްގެ އަތުން ހޯދަން ކޯޓަށް ދާން އަކްޝޭ ނިންމާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޕަރޭޝް މި ފިލްމުން ވަކިވީ ކޮން ސަބަބަކާ ހުރެ ކަން އަންގާފައި ނުވާއިރު ފިލްމަށް ސޮއިކުރިއިރު އެކްޓަރަށް ދޭންޖެހޭ ފީ ވެސް ވަނީ އެއްކޮށް ދީފައެވެ.
އަކްޝޭ އާއި ޕަރޭޝްގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްއިން ސުނިލް ޝެޓީ ވެސް ފެންނާނެކަން ކުރިން ވަނީ އިއުލާނުކޮށްފައެވެ.
ޕަރޭޝްއާ ދެކޮޅަށް ދައުވާ ކުރަން އަކްޝޭ ނިންމި ނިންމުމާ ގުޅޭގޮތުން ޑައިރެކްޓަރު ޕްރިޔާދަރުޝަން ބުނީ އެ ނިންމުމަށް އިހުތިރާމުކުރާ ކަމަށާއި ފިލްމަށް އިންވެސްޓު ކުރުމުގެ އިތުރުން ފިލްމުގެ ރައިޓްސް ޕްރޮޑިއުސަރު ފީރޯޒު ނަދިއަދުވާލާ އަތުން އަކްޝޭ ގަނެފައިވާ ކަމަށެވެ. އެހެންކަމުން ފިލްމަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އަކްޝޭއަށް އޮންނާނެ ކަމަށް ޕްރިޔާދަރުޝަން ވަނީ ބުނެފައެވެ.
މިއަދާ ހަމައަށް ވެސް ޕަރޭޝްގެ ފަރާތުން ފިލްމާ ގުޅޭގޮތުން އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ވެރިވާ ކަހަލަ ނުވަތަ ވާހަކައެއް ވެސް އިވިފައިނުވާ ކަމަށާއި މިއީ އެއްވެސް ޕްރޮފެޝަނެއްގައި އުޅޭ މީހަކު އަމަލުކުރުން ރަނގަޅު ގޮތެއް ނޫން ކަމަށް ޑައިރެކްޓަރު ޕްރިޔާދަރުޝަން ވަނީ ބުނެފައެވެ.
ޕަރޭޝް ފަދަ ތަޖުރިބާހުރި އެކްޓަރެއްގެ ފަރާތުން މިކަހަލަ އަމަލެއް ފެނުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ޕްރިޔާދަރުޝަން ވަނީ ބުނެފައެވެ. ފިލްމު "ހެރާ ޕެރީ 3"ގައި މަސައްކަތް ކުރަން ބޭނުން ނޫންނަމަ ޕްރޮޑިއުސަރުގެ އަތުން ބޮޑު ޚަރަދެއް ދިއުމުގެ ކުރިން އެކަން އަންގާ ފިލްމަށް ސޮއި ނުކުރި ނަމަ މާ ރަނގަޅުވީސް ކަމަށް ޕްރިޔާދަރުޝަން ވަނީ ބުނެފައެވެ.
އިންޑިއާގެ މީޑިއާތަކުން މިކަމާ ގުޅިގެން ފޯނު މެދުވެރިކޮށް ޕަރޭޝްއާ ސުވާލުކުރުމުން ބުނެފައި ވަނީ މިފަދަ އެއްވެސް ކަމެއް އެކްޓަރަށް އެނގިފައިނުވާ ކަމަށެވެ.