މަކަރާއި ހީލަތް ހަދައިގެން ހިންގި ސްކޭމްތަކުގައި މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި 2.5 މިލިއަން ރުފިޔާ ގެއްލުނު ކަމަށާއި އޭގެތެރެއިން މިހާތަނަށް ހޯދުނީ ހަތް ލައްކަ ރުފިޔާ ކަމަށް ފުލުހުން ރޭ ބުނެފިއެވެ.
އެކި އުކުޅުތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތައް މިހާރު ވަރަށް އާންމެވެ. މި ދުވަސްވަރު އެންމެ ގިނައިން ފެންމަތިވަނީ ދޮށީ އުމުރުގެ މީހުންނަށް ގުޅައިގެން ފުލެޓެއް ލިބޭނެ ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާ އަތުލާ މައްސަލަތަކެވެ.
އެސްއެސްޓީވީގެ ރޭގެ ބާރުހަތަރެއް ޕްރޮގްރާމުގައި ވަރަށް ތަފުސީލުކޮށް ފުލުހުން ވަނީ ސްކޭމްތަކުގެ ވާހަކަދައްކާފައެވެ.
ޕޮލިސް ސާޖަންޓު ފާތިމަތު ލިއުޝާ ވިދާޅުވީ، އާންމުކޮށް ސޯޝަލްމީޑިއާގައި ހިންގަނީ ތަކެތި ވިއްކާ ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތައް ކަމަށެވެ.
އަދި ލިންކުތައް ފޮނުވައިގެން ހިންގާ ސްކޭމްތައް ވެސް ގިނައިން ހުށަހަޅާ ކަމަށް ލިއުޝާ ވިދާޅުވިއެވެ.
އެގޮތުން، ފުލުހުންގެ ސްކޭމް ސެންޓަރު ހުޅުވިތާ ދެމަހެއްހާ ދުވަސްވީއިރު، ސްކޭމްތަކުގައި ޖުމުލަ 2.5 މިލިއަން ރުފިޔާ ގެއްލުނު ކަމަށާއި އޭގެތެރެއިން ހަތް ލައްކަ ރުފިޔާ ހޯދިފައިވާ ކަމަށް ލިއުޝާ ވަނީ ވިދާޅުވެފައެވެ.
ތިރީސްހަހާސް ޑޮލަރުން ގެއްލިފައިވާއިރު، އޭގެތެރެއިން މިހާތަނަށް ހޯދުނީ 3،000 އެމެރިކާ ޑޮލަރުކަން ލިއުޝާ ފާހަގަކުރެއްވިއެވެ.
އިތުރު ތަފްސީލު ދެއްވަމުން، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ޝަފްޒާ ހަސަން ވިދާޅުވީ، ސްކޭމްގެ މައްސަލައެއްގައި ދެލައްކަ ރުފިޔާ ގެއްލިގެން ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން، 500އާ 2،000 ދެމެދުގެ އަދަދަކަށް ފައިސާ ގެއްލިގެން ދުވާލަކަށް ހަތަރެއް ނުވަތަ ފަސް މައްސަލަ ހުށަހަޅާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ މައްސަލަތަކުގައި އާންމުކޮށް ގިނަ އެކައުންޓުތަކުން ފައިސާ ދައުރުކޮށްފައި ހުރެއެވެ. ލިއުޝާ ވިދާޅުވީ، އެފަދަ އެކައުންޓުތައް ކޯޓު އަމުރަކާ ނުލައި ފްރީޒްކުރުމުގެ ބާރު ފުލުހުންނަށް މިހާރު ލިބިފައި އޮންނަ ކަމަށެވެ. އަދި، އެ މުއްދަތުގެ ތެރޭގައި ފައިސާ ނުހޯދިއްޖެނަމަ ކޯޓު އަމުރެއް ހޯދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެއާއެކު، ބޮޑެތި އަދަދުތަކުން ނޭނގިގެން އެކައުންޓުތަކަށް ފައިސާ ޖަމާވާ ހާލާތްތައް ވެސް އަންނަކަން ފާހަގަކުރައްވައި ލިއުޝާ ވަނީ އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ވީއެންމެ އަވަހަށް އެކަމެއް ހުށަހަޅައިގެން ބެލުމަށް އިލްތިމާސްކުރައްވާފައެވެ.
މިހާރު އަޅުގަނޑުމެނަށް ހޭލުންތެރި ކުރެވޭތީ، ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވެއްޖެއްޔާމުން ބައެއް ބޭފުޅުން އައިސް އެބަ އަޅުގަނޑުމެނަށް ރިޕޯޓުއެބަ ކުރޭ. ސްޓޭޝަނަށް ދުރުވެ އެބަ މައްސަލަ ހުށަހަޅާ. ތިމަންނަގެ އެކައުންޓަށް 30،000 ހުން 40،000 އެބަހުއްޓޭ ޖަމާވެފައި. އެގޮތަށް އަމިއްލައަށް އިސްނަގައިގެން އެބަ ހުށަހަޅާ މައްސަލަތައްސަބް އިންސްޕެކްޓާ އޮފް ޕޮލިސް ޝަފްޒާ ހަސަން
ފުލުހުން ވަނީ ސިއްހީ ކަންކަމުގައި ފައިސާ ޖަމާކުރުމުގެ ކުރިން ރަނގަޅަށް ޔަގީންކުރުމަށް ފަހު ފައިސާ ފޮނުވުމަށް ތަކުރާރުކޮށް އިލްތިމާކޮސްފައެވެ. އަދި، ޚާއްސަކޮށް، ފަރުދީ ޒިންމާ އަދާކޮށް ސްކޭމްތަކުގެ މައުލޫމާތު ހިއްސާކުރުން އިތުރުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.