ވައްކަމުގެ ތުހުމަތުގައި ހިފެހެއްޓުމުން ބުނީ ގެޔަށް ވަނީ މަސްތުވާތަކެތި ބޭނުންކުރަން ކަމަށް

ކްރިމިނަލް ކޯޓު: ވައްކަމުގެ ތުހުމަތުގައި ހިފެހެއްޓި މީހަކު ވަނީ، އޭނާ ހުއްދަނެތި އެ ގެޔަށް ވަނީ މަސްތުވާތަކެތި ބޭނުންކުރަން ކަމަށް ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ގެޔަކަށް ވަދެ، ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި މީހަކު، އެނާ އެ ގެޔަށް ވަނީ މަސްތުވާތަކެތި ބޭނުންކުރަން ކަމަށް ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއްގައިވާ ގޮތުން، 34 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހުއްދަ ނޫން ތަނަކަށް ވަނުމާއި ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

އެ އަމުރުގައި އޭނާ ބަންދުކުރުމަށް އަމުރުކުރި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވުމެވެ.

އެ އަމުރުގައިވާ ގޮތުން އެ މީހާ ހުއްދަނެތި މީހެއްގެ ގެއަކަށްވަދެ ކަރަންޓު ބޯޑަކުން ކޭބަލްތަކެއް ވަގަށްނަގަން އުޅުނު ކަމަށް ބެލެވެއެވެ. އަދި އެ ގޭގެ މީހުން އޭނާ ހުއްޓުވުމުން އޭނާ އެ ތަނަށް ވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް ކަމަށް އޭނާ އަމިއްލައަށް ބުނެފައި ވާކަމަށް ކޯޓު އަމުރުގައިވެއެވެ.

ނަމަވެސް ފުލުހުން ސީނަށް އެޓެންޑުވުމުން އޭނާ ހަނު ހުރިކަމަށާއި އޭނާގެ އަތުން އެއްވެސް މަސްތުވާއެއްޗެއް ފެނިފައި ނުވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި އޭނާ އެތަނަށް ވަނީ ބޮލަށް އެނބުރުން އަރައިގެން ކަމަށް ބުނި ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

އެހެންވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. އޭނާ ބަންދުގައި ބަހަށްޓަންޖެހޭ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ.

މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރާއި މި އަހަރު ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލައެވެ. އެއީ މިދިޔަ އަހަރު 3،762 މައްސަލައާއި މި އަހަރުގެ މިހާތަނަށް 1،212 މައްސަލައެވެ.

comment ކޮމެންޓް