ދިލްޖީތާއި އިމްތިޔާޒުގެ ފިލްމު އަންނަ އަހަރު ސިނަމާތަކަށް

ޑައިރެކްޓަރު އިމްތިއާޒު އަލީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ ކާމިޔާބު ފިލްމު ޑައިރެކްޓަރު އިމްތިއާޒު އަލީގެ އާ ފިލްމު އަންނަ އަހަރުގެ އޭޕްރިލް މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.

އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ އެކްޓަރު ދިލްޖީތު ދޮސާންޖާ އެކު އިމްތިއާޒު އުފައްދަން ނިންމާފައިވާ މި ފިލްމަކީ ވަރަށް ތަފާތު ރީތި ލޯބީގެ ވާހަކައަކަށްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަސްމީ ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމާ އެކު މިއީ ދިލްޖީތާއި އިމްތިއާޒު އެކީގައި މަސައްކަތްކުރާނެ ދެވަނަ ފިލްމެވެ. އިމްތިއާޒާއި ދިލްޖީތު އެކީގައި ފުރަތަމަ މަސައްކަތްކުރި ފިލްމަކީ ޕަންޖާބުގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަމަރު ސިންގް ޗަމްކީލާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "އަމަރު ސިންގް ޗަމްކީލާ"އެވެ.

ޑައިރެކްޓަރު އިމްތިއާޒު ފިލްމީ ތަރިން ކަމަށްވާ ދިލްޖީތު އަދި ޕަރިނީތީއާ އެކު. މި ދެ ތަރިން ވަނީ އިމްތިއާޒުގެ ފިލްމު "އަމަރު ސިންގް ޗަމްކީލާ"ގައި އެކީގައި މަސައްކަތްކޮށްފައި--ފޮޓޯ/ބޮލީވުޑްހަންގާމާ

އިމްތިއާޒް އަލީގެ އާ ފިލްމުން ދިލްޖީތާ އެކު ފެންނާނެ އިތުރު ތަރިންގެ ތެރޭ، ޝަރުވަރީ ވާގް، ވެދާންގް ރައިނާ އަދި ތަޖުރިބާކާރު އެކްޓަރު ނަސީރުއްދީން ޝާހް ހިމެނެއެވެ. މި ފިލްމާ އެކު އިމްތިއާޒު ބޭނުންވަނީ އަނެއްކާ ވެސް ބެލުންތެރިން ލޯބީގެ ޖާދޫގައި ޖެއްސުން ކަމަށާއި ރީތި ތަފާތު ލޯބީގެ ފިލްމެއް އުފައްދަން މި ނިންމީ ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ކަމަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ޖަބް ވީ މެޓް"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

މި ފިލްމުން ކުޅަދާނަ މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާނާއި އިރުޝާދު ކާމިލްގެ މިއުޒިކް ބެލުންތެރިންނަށް އިވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އަހަރުގެ އޮގަސްޓް މަހުތެރޭ އިމްތިއާޒުގެ އާ ފިލްމުގެ މަސައްކަތް ފަށާނެކަން އިއުލާނުކޮށްފައިވާއިރު މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ކޮން ތާރީޚެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް