ކާތިކް އެއާފޯސް ޕައިލެޓެއްގެ ރޯލަށް ތައްޔާރުވަނީ

ކާތިކް އާރްޔަން ސޮއިކޮށްފައިވާ ފިލްމު "ކެޕްޓަން އިންޑިއާ"ގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ

މީގެ އަހަރުތަކެއް ކުރިން އިއުލާނުކޮށްފައިވާ ކާތިކް އާރްޔަންގެ ފިލްމު "ކެޕްޓަން އިންޑިއާ"ގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމުން ކާތިކް ފެންނާނީ އެއާފޯސް ޕައިލެޓެއްގެ ރޯލުން ކަމަށާއި ފިލްމުގައި ކާތިކް ކުޅޭ ކެރެކްޓާގެ ރޯލަށް ބޭނުންވާ ތަމުރީނުތައް ފުރިހަމަކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ އަހަރު ފިލްމުގެ ޝޫޓިންގް ފަށަން ނިންމާފައިވާއިރު މި ފިލްމުގެ ބޮޑު ބައެއް އިންޑިއާގެ އިތުރުން މޮރޮކޯގައި ޝޫޓު ކުރާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ފިލްމު "ޗަކް ދެ އިންޑިއާ" ގެނެސްދިން ޑައިރެކްޓަރު ޝިމިތު އަމީނާ އެކު މިއީ ކާތިކް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމު އިއުލާނުކުރިއިރު ފިލްމު ޑައިރެކްޓްކުރާނެ ކަމަށް ބުނެފައިވަނީ އާރްއެސްވީޕީ ބެނާގެ ދަށުން ހަންސަލް މެހެތާއެވެ.

ކާތިކް އަދި ބަތަލާ އަނަނިޔާ ޕާންޑޭ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގެ މަންޒަރެއްގައި--ފޮޓޯ/މިޑްޑޭ

އެހެންނަމަވެސް، އެންމެ ފަހުން ފިލްމު ޑައިރެކްޓަރަކަށް ޝިމިތު އަމީން ހަމަޖެހި އަންނަ އަހަރުގެ ޖުލައި މަހު ފިލްމުގެ މަސައްކަތް ފަށާ 2027ގައި ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދިނުމަށް ޝިމިތުގެ ޓީމުން ވަނީ އަމާޒު ހިފާފައެވެ.

ކާތިކް މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ތޫ މެރީ މޭ ތެރާ މޭ ތެރޭ ތޫ މެރާ"ގެ އިތުރުން އިތުރު ދެ ފިލްމެއްގެ މަސައްކަތް އެކްޓަރު އަންނަނީ ކުރަމުންނެވެ.

އެއީ ސައުތު ބަތަލާ ސްރީލީލާއާ އެކު ކުޅޭ ލޯބީގެ ފިލްމު އަދި ދަރުމާ ކުންފުނިން ދާދިފަހުން އިއުލާނުކުރި ފިލްމު "ނަގްޒިއްލާ"އެވެ. ކާތިކް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ކުޅިވަރު ބައޮޕިކް "ޗަންދޫ ޗެމްޕިއަން" އަދި "ބޫލް ބުލައްޔާ 3"އިންނެވެ.

comment ކޮމެންޓް